އީރާނަށް ހަމަލަ ދޭން މަތިންދާބޯޓުތައް އިސްރޭލުން ފުރައިގެން ދިޔަ

އީރާނަށް ހަމަލާ ދިނުމަށް އެމެރިކާގެ އަސްކަރީ މަތިންދާބޯޓުތައް އިސްރާއީލު އެއާޕޯޓުން ފުރައިގެން ގޮސްފައިވާނެ ކަމަށް އިސްރާއީލުގެ ދިފާއީ ވަޒީރު އިޒްރޭލް ކާޓްޒް ބުނެއެވެ. އިސްރާއީލުގެ މީޑިއާއިން ބުނަނީ މިނިސްޓަރުގެ މި ވާހަކައަކީ މިލިޓަރީ ކަންކަން ސެންސަރު ކުރުމުގެ އުސޫލާ ޚިލާފަށް ދައްކާފައިވާ ވާހަކައެއް ކަމަށެވެ.

އިސްރާއީލުގެ ޗެނަލް 14 އިން ގެނެސްދިން ސެކިއުރިޓީ ކޮންފަރެންސެއްގައި ކާޓްޒް ބުނެފައި ވަނީ "އީރާނަށް ހަމަލާ ދިނުމަށް އެމެރިކާގެ މަތިންދާބޯޓުތައް ފުރަނީ މިތަނުން (އިސްރާއީލުން) ކަން އީރާނަށް އެނގޭ" ކަމަށެވެ. އަދި އިސްރާއީލަށް ހަމަލާއެއް އަތުވެއްޖެނަމަ ވަރުގަދައަށް ރައްދު ދޭނެ ކަމަށާއި، އަމިއްލައަށް އީރާނަށް ހަމަލާ ދިނުމުގެ ގާބިލުކަން އިސްރާއީލުގެ އެބަހުރި ކަމަށް އޭނާ ބުންޏެވެ.

އޭނާ އިތުރަށް ބުނެފައި ވަނީ، "އީރާނުން މި ސަރަހައްދުގެ ހުރިހާ ތަނަކަށް ހަމަލާ ދިން ނަމަވެސް، އެއް ގައުމަކަށް (އިސްރާއީލަށް) ހަމަލާ ނުދޭ" ކަމަށެވެ. ނަމަވެސް މި ހާލަތު އެއް ގަޑިއިރުގެ ތެރޭގައި ވެސް ބަދަލުވެދާނެ ކަމަށް އޭނާ އިންޒާރު ދިނެވެ.

އިސްރާއީލުގެ ސިފައިންގެ ރޭޑިއޯ އިން ފާހަގަކުރި ގޮތުގައި، އެމެރިކާގެ މަތިންދާބޯޓުތައް އިސްރާއީލުން ފުރާ ވާހަކައަކީ އަސްކަރީ ކަންކަން ބަލަހައްޓާ އިދާރާއިން އާންމުކުރުން މަނާކޮށްފައިވާ މައުލޫމާތެކެވެ. އިސްރާއީލުގެ ގާނޫނު ބުނާ ގޮތުން، މިފަދަ ސިއްރު މައުލޫމާތު ހާމަކުރުމުގެ ހައްގު އޮތީ ހަމައެކަނި ބޮޑުވަޒީރަށެވެ. ދިފާއީ ވަޒީރަކަށް އެ ބާރު ނުލިބެ އެވެ.

ފާއިތުވި 13 ދުވަހު އީރާނަށް ދެމުންދިޔަ ހަމަލާތައް ހުކުރު ދުވަހު ވަނީ މަޑުޖައްސާލާފަ އެވެ. އިސްރާއީލުން އީރާނުގެ ހަކަތައިގެ މަރުކަޒުތަކަށް ހަމަލާ ދޭން ވަރަށް ބޮޑަށް ބޭނުންވި ނަމަވެސް، އެމެރިކާއިން މިވަގުތު އެކަމަށް ހުއްދަ ނުދޭކަން ކާޓްޒް ފާހަގަކުރި އެވެ.

މީގެ އިތުރުން، އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ވަނީ، އީރާނާ އެކު ރަނގަޅު މަޝްވަރާތަކެއް ކުރެވޭ ކަމަށާއި، ނަމަވެސް އެއްބަސްވުމަކަށް ނާދެވިއްޖެނަމަ އީރާނުގެ ބްރިޖުތަކާއި ކަރަންޓް އުފައްދާ މަރުކަޒުތައް ހަލާކުކޮށްލާނެ ކަމުގެ އިންޒާރު ދެއްވާފަ އެވެ. މި ދުވަސްވަރު އެމެރިކާއިން ވަނީ ތެޔޮ އަޅާ 100 މަތިންދާބޯޓު އިސްރާއީލުގެ އަސްކަރީ ބޭސްތަކަށާއި ރާމޮން އެއާޕޯޓަށް ފޮނުވުމަށް ނިންމާފަ އެވެ.

ހިއްސާ ކުރައްވާ!