އާ ހިޔާލު ހޯދުމުގެ ވޯޓަކުން ދައްކާ ގޮތުގައި، އިސްރާއީލުގެ ބޮޑުވަޒީރު ބެންޖަމިން ނަތަންޔާހޫ ހައްޔަރުކުރުމަށް އެމެރިކާގެ އާބާދީގެ ގާތްގަނޑަކަށް ދެބައިކުޅަ އެއްބައި މީހުން ތާއީދުކުރެ އެވެ. މިއީ ޣައްޒާގެ ޖެނޮސައިޑް ހަނގުރާމައިގައި އޭނާ ހިންގި އަމަލުތަކާ ގުޅިގެން އައިސިސީ އިން ނެރެފައިވާ އަމުރެކެވެ.
"ދަ އިކޮނޮމިސްޓް" ނޫހާއި "ޔޫގަވް" އިން ގުޅިގެން ކުރިއަށް ގެންދިޔަ މި ޚިޔާލު ހޯދުމުން ދައްކާ ގޮތުގައި، 49% މީހުން ބުނެފައި ވަނީ ބައިނަލްއަގުވާމީ ޖިނާއީ ކޯޓުން ނަތަންޔާހޫ ހައްޔަރުކުރުމަށް ނެރެފައިވާ އަމުރު އެމެރިކާއިން ތަންފީޒު ކުރަންޖެހޭނެ ކަމަށެވެ. މިއާ ދެކޮޅަށް 27% މީހުން ވާހަކަ ދައްކާފައި ވެއެވެ. އަދި 23% މީހުން ތިބީ މި ކަމާ މެދު ވަކި ގޮތެއް ނުނިންމަ އެވެ. މިއީ އިސްރާއީލާއި ޣައްޒާގެ ޖެނޮސައިޑް ހަނގުރާމައާބެހޭ ގޮތުން އެމެރިކާގެ އާންމުންގެ މެދުގައި ބޮޑު ނުރުހުމެއް އޮތްކަން ދައްކުވައިދޭ ކަމެކެވެ.
މި ވޯޓުގައި ބައިވެރިވި މީހުންގެ ތެރެއިން 47% މީހުން ގަބޫލުކުރާ ގޮތުގައި ނަތަންޔާހޫ ވަނީ ގައްޒާގައި ޖެނޮސައިޑް ހިންގައި ހަނގުރާމައިގެ ޖަރީމާތައް ހިންގާފަ އެވެ. 24% މީހުން މި ކަމާ މެދު ވަކި އެއްޗެއް ބުނާކަށް ބޭނުމެއް ނުވިއެވެ. 29% މީހުން ބުނެފައި ވަނީ ވަކި ގޮތެއް ނިންމަން ނޭނގޭ ކަމަށެވެ.
ބައިނަލްއަގުވާމީ ޖިނާއީ ކޯޓުން ނަތަންޔާހޫ ހައްޔަރުކުރުމުގެ އަމުރު ނެރެފައި ވަނީ ނޮވެމްބަރު 2024 ގަ އެވެ. އޭނާގެ މައްޗަށް ކުރާ ތުހުމަތުތަކުގެ ތެރޭގައި ހަނގުރާމައިގެ ހަތިޔާރެއްގެ ގޮތުގައި ފަކލަސްޠީނު މީހުން ބަނޑަށް ޖެއްސުމާއި، މީހުން މެރުމާއި އަނިޔާކުރުން ފަދަ އިންސާނިއްޔަތާ ޚިލާފު ޖަރީމާތައް ހިންގުމާއި، ޣައްޒާގެ އާންމުންނަށް އަމާޒުކޮށް ގަސްދުގައި ހަމަލާތައް ދިނުން ހިމެނެ އެވެ.
އެމެރިކާއާއި އިސްރާއީލަކީ އެ ކޯޓު އުފެއްދި "ރޯމް ސްޓެޓިއުޓް" ގައި ސޮއިކޮށްފައިވާ ގައުމުތަކެއް ނޫނެވެ. ނަމަވެސް، ފަލަސްތީނުގެ ބިންތަކުގައި އެ ކޯޓުގެ ބާރު ހިނގާނެ ކަމަށް އެ ކޯޓުން ބުނެފައިވެ އެވެ. މިއީ މި އަމުރު ތަންފީޒުކުރުމުގައި އެމެރިކާއަށް ގާނޫނީ އަދި ސިޔާސީ ގޮތުން އުނދަގޫ މައްސަލަތަކެއް ކުރިމަތިކުރުވާ ކަމެކެވެ.
އެމެރިކާއަކީވެސް ޖެނޮސައިޑްގައި ބަރާބަރަށް ބައިވެރިވެފައިވާ ގައުމެކެވެ. އަދި އަފްޣާނިސްތާނާއި އިރާގްގައި ހިންގާފައިވާ ހަނގުރާމައިގެ ޖަރީމާތަކުގައި އެމެރިކާ ސިފައިންނާއި ވެރިން ހައްޔަރު ކުރުމަށް އަމުރެއް އައިސްފާނެތީ އެމެރިކާ ބިރުގަނެއވެެ. އަދި އައިސީސީއަށް މިހާތަނަށް އައި އެންމެ ބާރުގަދަ ޕްރޮސެކިއުޓަރު އެމރިކާއާއި އިޒްރޭލުގެ ނުފޫޒުން ވަނީ މަގާމުން ވަކިކޮށްފައެވެ.
ނަތަންޔާހޫ ހައްޔަރު ކުރުމާ ގުޅޭގޮތުން ފާހަގަކޮށްލެވޭ އެހެން ކަމަކީ، ނިއު ޔޯކްގެ މޭޔަރު ޒަހްރާން މަމްދާނީ، މި ކަމުގައި ކެރިގެން ވާހަކަ ދެއްކެވުމެވެ. އޭނާ ވަނީ އެފަދަ އަމުރެއް ތަންފީޒުކުރުމުގެ ބާރެއް ނިއުޔޯކު ފުލުހުންނަށް ގާނޫނީ ގޮތުން ލިބިގެން ނުވާކަމަށް ގާނޫނީ މަޝްވަރާ ލިބިފައިވާ ކަމަށް ވިދާޅުވެފައެވެ. އަދި އެމެރިކާ ސަރުކާރުން މި އަމުރު ތަންފީޒު ކުރުމަށް އޭނާ ގޮވާލެއްވިއެވެ.






