އީރާނުގެ ޚާރިޖީ ވުޒާރާގެ ނައިބު: ހުރުމްޒު ކަނޑުއޮޅީގެ ކޮންޓްރޯލް އޮތީ އީރާނަށް

އީރާނުގެ ޚާރިޖީ ވުޒާރާގެ ގާނޫނީ އަދި ބައިނަލްއަގުވާމީ ކަންކަމާ ބެހޭ ނައިބު ވަޒީރު، ކާޒިމް ޣަރީބް އާބާދީ ވިދާޅުވީ، ހުރުމްޒު ކަނޑުއޮޅި ހުރަސްކޮށް އުޅަނދުތައް ދަތުރުކުރުމާ ގުޅޭގޮތުން އޮމާނުން ހުށަހެޅި ހުށަހެޅުމަށް އީރާނުން އެއްބަސްނުވާނަމަ، އެ ކަނޑުއޮޅި ބަންދުވެފައި އޮންނާނެ ކަމަށެވެ. އަދި މިހާރު ތެހެރާނާއި މަސްޤަތާ ދެމެދު ކުރިއަށްދާ މަޝްވަރާތައް ޚާއްސަ ކޮށްފައި ވަނީ ކަނޑުއޮޅިން ވަގުތީ މަގެއް ހުޅުވުމަށް އެކަނި ކަމަށް އޭނާ ކަށަވަރުކޮށްދެއްވި އެވެ.

އީރާނުގެ ހުށަހެޅުން:

ޣަރީބް އާބާދީ އީރާނުގެ ރަސްމީ ޓީވީއަށް ދެއްވި އިންޓަވިއުއެއްގައި ވިދާޅުވީ، އޮމާނުން ހުށަހެޅީ ކަނޑުއޮޅީގެ ދެބައިކުޅަ އެއްބައި އީރާނުގެ ސަރަހައްދީ ކަނޑުގެ ސަރަހައްދުގައި ބޭއްވުމަށާއި އަދި އަނެއް ބައި އޮމާނުގެ ސަރަހައްދުގައި އޮންނަ ގޮތަށް އެއްބަސްވެގެން މަގެއް ކަނޑައެޅުމަށެވެ. ނަމަވެސް އީރާނުން އެކަމަށް ދެކޮޅު ހަދާފައިވާ ކަމަށާއި، އީރާނުގެ ހުށަހެޅުމަކީ ކަނޑުއޮޅީގެ ދެބައިކުޅަ އެއްބައި އީރާނުގެ ސަރަހައްދުގައި އޮތުމުގެ އިތުރުން، އޮމާނުގެ ސަރަހައްދުގައި އޮންނަ ބައި ވެސް އީރާނުގެ ފާރަވެރިކަމުގެ ދަށުގައި އޮތުމަށް ކަމަށެވެ.

ކަނޑުއޮޅީގެ ރައްކާތެރިކަން:

އީރާނުން ވަނީ ލާރަކް ޖަޒީރާ ކައިރިން އުތުރުގެ މަގެއް ހުޅުވައި، އެކަން ބައިނަލްއަގުވާމީ މެރިޓައިމް އޯގަނައިޒޭޝަނަށް އަންގާފަ އެވެ. ޣަރީބް އާބާދީ ތުހުމަތުކުރެއްވި ގޮތުގައި އެމެރިކާއާއި އޮމާނުން ކަނޑުއޮޅީގެ ދެކުނުން އެހެން މަގެއް ހުޅުވައި އުޅަނދުތައް އެ ދިމާލަށް ފޮނުވަނީ އިސްލާމްއާބާދު ފަހުމުނާމާއާ ހިލާފަށެވެ. އަދި ދެކުނުގެ މަގު ބޭނުންކުރުން ހުއްޓުވަން ޖެހޭނެ ކަމަށް އޮމާނަށް އަންގާފައިވާނެ ކަމަށް އޭނާ ވިދާޅުވި އެވެ.

އެމެރިކާއާއެކު އޮތް ގުޅުން:

އެމެރިކާއާއެކު މިވަގުތު އެއްވެސް ސީދާ މަޝްވަރާއެއް ނުހިނގާ ކަމަށް އޭނާ ވިދާޅުވި އެވެ. ނަމަވެސް ދެ ފަރާތުގެ ދެމެދުގައި މެސެޖުތައް ބަދަލުކުރެވޭ ކަމަށާއި، އީރާނުން ހަމަލާތައް ހުއްޓާލީ އެމެރިކާގެ ހަމަލާތައް ހުއްޓުމުން ކަމަށް އޭނާ ވިދާޅުވި އެވެ. ހަމައެހެންމެ، ހުރުމްޒު ކަނޑުއޮޅީގައި ފައްތާފައިވާ މައިން ނައްތާލުމުގެ މަސައްކަތް ކުރުމަކީ ހަމައެކަނި އީރާނުގެ ޒިންމާއެއް ކަމަށާއި، އެކަމަށް އެހެން ބައެއްގެ މަނަވަރުތައް ސަރަހައްދަށް ވަދެއްޖެނަމަ އެއީ އީރާނުން ހަމަލަ ދޭނެ "އަމާޒު ފަތްގަނޑެއް" ކަމަށް އޭނާ އިންޒާރު ދެއްވި އެވެ.

ޣަރީބު އާބާދީ ފާހަގަ ކުރެއްވި އެހެނިހެން މުހިންމު ކަންކަން:

  • ނިއުކްލިއާ: އީރާނުގައި މިހާރު އިންޓަނޭޝަނަލް އެޓޮމިކް އެނާޖީ އެޖެންސީގެ އެއްވެސް އިންސްޕެކްޝަނެއް ކުރިއަށް ނުގެންދާ ކަމަށް އޭނާ ވިދާޅުވި އެވެ.

  • ރަޝިއާ އަދި ޗައިނާ: އެ ދެ ގައުމާއެކު އީރާނުން އޮންނަނީ ސްޓްރެޓެޖިކް ގުޅުމެއް ކަމުގައި ވިޔަސް، އީރާނުގެ ހުރިހާ މައްސަލަތަކެއް އެ ގައުމުތަކުން ހައްލުކޮށްދޭނެ ކަމަށް އުންމީދު ކުރުން ރަނގަޅު ނޫން ކަމަށް ވިދާޅުވި އެވެ.

  • ހަނގުރާމައިގެ ހާލަތު: އީރާން އަދިވެސް އޮތީ ހަނގުރާމައިގެ ހާލަތުގައި ކަމަށާއި، އެމެރިކާގެ ހިސާރާ މެދު ބިރު ނުގަންނަ ކަމަށް އޭނާ ވިދާޅުވި އެވެ.

ހިއްސާ ކުރައްވާ!