ބައްޕައާ ގުޅުން ކެނޑުމުން ދަރިފުޅު ނަން ބަދަލުކޮށްފިއެވެ. ރިޕޯޓުތައް ބުނާ ގޮތުން، 2012 ވަނަ އަހަރުން ފެށިގެން ޓޮމް ކްރޫޒް އޭނާގެ ދަރިފުޅާ ބައްދަލުކޮށްފައެއް ނުވެއެވެ.
ޓޮމް ކުރޫޒް އަކީ ސައިންޓޮލޮޖީ ދީނުގެ އެންމެ އިސް ފާދިރީއެވެ.
ޓޮމް ކްރޫޒް އާއި ކޭޓީ ހޯމްސްގެ ދަރިފުޅު ސޫރީ، އޭނާގެ ފަހަތު ނަން ކަމަށްވާ "ކްރޫޒް" އުނިކޮށް މަންމަގެ މެދު ނަން ކަމަށްވާ "ނޮއެލް" އަށް ބަދަލުކޮށްފިއެވެ. މިހާރު އޭނާގެ ގާނޫނީ ނަމަކީ "ސޫރީ ނޮއެލް" އެވެ.
"ޕީޕަލް" މަޖައްލާއަށް ލިބުނު ވޯޓުލާ މީހުންގެ ރަޖިސްޓްރީގެ ލިޔެކިޔުންތަކުން ދައްކާ ގޮތުގައި، 2024 ވަނަ އަހަރުގެ އޮކްޓޯބަރު މަހު ޕެންސިލްވޭނިއާ ސްޓޭޓްގައި ވޯޓުލުމަށް ނަން ނޯޓުކޮށްފައިވަނީ "ސޫރީ ނޮއެލް" ގެ ނަމުގައެވެ. މިއާއެކު އޭނާގެ ނަން ގާނޫނީ ގޮތުން ބަދަލުކޮށްފައިވާކަން ވަނީ ޔަގީންވެފައެވެ.
ޕެންސިލްވޭނިއާގެ އަލެގޭނީ ކައުންޓީގައި ދިރިއުޅެމުންދާ ސޫރީ މިހާރު ކިޔަވަމުންދަނީ ކާނެގީ މެލަން ޔުނިވާސިޓީގައެވެ. އޭނާގެ ރަސްމީ މައުލޫމާތުތައް އާ ނަމުގައި ރަޖިސްޓްރީކޮށްފައިވާއިރު، އެ ސްޓޭޓްގެ ތެރޭގައި ނަން ބަދަލުކުރުމުގެ އެއްވެސް ކަމެއް ނުހިނގާކަމުން، އޭނާ އެ ގާނޫނީ ކަންކަން ނިންމާފައިވަނީ ނިއުޔޯކް ސިޓީގައި ކަމަށް ބެލެވެއެވެ.
އޭނާގެ އާ ނަން ވޯޓުލާ މީހުންގެ ލިސްޓުން ފެނުމުގެ އެތައް މަހެއް ކުރިން، 2024 ވަނަ އަހަރުގެ ޖޫން މަހު ހައި ސްކޫލް ގްރެޖުއޭޝަން ހަފްލާގައި ވެސް ފުރަތަމަ ފަހަރަށް "ސޫރީ ނޮއެލް" މި ނަން އޭނާ ބޭނުންކޮށްފައިވެއެވެ.
ޓޮމް ކްރޫޒް އާއި ކޭޓީ ހޯމްސްއަށް ސޫރީ ލިބުނީ 2006 ވަނަ އަހަރުގެ އޭޕްރީލް މަހުއެވެ. އެ ދެމީހުން 2012 ވަނަ އަހަރު ވަކިވިއިރު، ހޯމްސްއަށް ވަނީ އޭރު ހަ އަހަރުގެ ސޫރީގެ ބެލެނިވެރިކަން ލިބިފައެވެ.
މިއީ ހޮލީވުޑްގެ މަޝްހޫރު ފަރާތްތަކުގެ ދަރިންގެ ތެރެއިން، އާއިލީ ނަންތައް ދޫކޮށްލަން ނިންމި ފަރާތްތަކުގެ ލިސްޓަށް އިތުރުވެފައިވާ ނަމެކެވެ. މީގެ ކުރިން އެންޖެލީނާ ޖޯލީ އާއި ބްރެޑް ޕިޓްގެ ދަރިފުޅު ވިވިއަން ވެސް ވަނީ ބައްޕަގެ ނަން އޭނާގެ ނަމުން އުނިކުރުމަށް ރަސްމީކޮށް ހުށަހަޅާފައެވެ. އަދި ޝައިލޯއާއި ޒަހާރާ ވެސް ވަނީ އެމީހުންގެ ނަންތަކުން "ޕިޓް" މި ނަން އުނިކޮށްފައެވެ.







