ގާނޫނީ އަދި އިދާރީ އިންތިޒާމުތަކަށް ގެނެވުނު އިސްލާހީ ބަދަލުތަކާއެކު ގޭންގު ކުށްތަކާއި މަސްތުވާތަކެއްޗާ ގުޅުންހުރި މައްސަލަތައް މަދުވެފައިވާ ކަމަށާއި، މިހާރު އަޅަމުންދާ ފިޔަވަޅުތަކުގެ ސަބަބުން ގައުމުގެ ޒުވާނުންނަށް ރައްކާތެރި މުސްތަގުބަލެއް ބިނާކޮށްދެވޭނެ ކަމުގެ ފުރިހަމަ ޔަގީންކަން އެބައޮތް ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.
ޕަބްލިކް ސަރވިސް މީޑިއާގެ "ނޭޝަން ޗެޓް" ޕޮޑްކާސްޓުގައި ވާހަކަފުޅު ދައްކަވަމުން ރައީސް މުއިއްޒު ފާހަގަކުރެއްވި ގޮތުގައި، މަސްތުވާތަކެތީގެ ވަބާއަކީ ފާއިތުވި ތިން ދަހަރަށްވުރެ ގިނަ ދުވަސްވީ ގައުމީ ބޮޑު ގޮންޖެހުމެކެވެ.
އަދި އެކަމަށް ހައްލު ހޯދުމަށް ކުރީގެ ސަރުކާރުތަކުންވެސް މަސައްކަތްތަކެއް ކޮށްފައިވާކަން ފާހަގަކުރައްވަމުން، މި ސަރުކާރުގެ އަމާޒަކީ އެކަމާ ދެކޮޅަށް ކުރެވޭ ގާނޫނީ އަދި އިޖުތިމާއީ ފިޔަވަޅުތައް މުޅިން އާ ހިސާބަކަށް އަރުވައި، ދާއިމީ ހައްލެއް ހޯދައިދިނުން ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.
މަސްތުވާތަކެއްޗާ ދެކޮޅަށް ސަރުކާރުން ގެންގުޅޭ މައިގަނޑު ސިޔާސަތުތައް:
-
ގާނޫނު ތަންފީޒުކުރުން ވަރުގަދަކުރުން: ރާއްޖެއަށް މަސްތުވާތަކެތި އެތެރެކުރުމާއި، އެތަކެތީގެ ވިޔަފާރިކުރުން ހުއްޓުވުމަށްޓަކައި ގާނޫނުތަކަށް އިސްލާހު ގެނެސް، ތަންފީޒީ އިދާރާތަކުގެ ނިޒާމު އިތުރަށް ހަރުދަނާކުރުން.
-
ފަރުވާއާއި ރީހެބިލިޓޭޝަން ފުޅާކުރުން: މަސްތުވާތަކެތީގެ ވަބާއިން ސަލާމަތްވާން އެދޭ މީހުންނަށް އަނބުރާ މުޖުތަމައަށް ނުކުމެވޭނެ މަގުފަހިކުރުމަށްޓަކައި، ރާއްޖޭގެ އެކި ސަރަހައްދުތަކުގައި ފަރުވާދޭ މަރުކަޒުތައް ގާއިމުކުރުން.
-
އަދަބު ދިނުމުގެ ބަދަލުގައި އިސްލާހުކުރުން: ހަމައެކަނި އަދަބު ދިނުމަށް އިސްކަންދިނުމުގެ ބަދަލުގައި، ޒުވާނުން މި ވަބާއިން ރައްކާތެރިކޮށް، މުޖުތަމައަށް ފައިދާހުރި ބަޔަކަށް ހެދުން.
ރައީސުލްޖުމްހޫރިއްޔާ ވިދާޅުވި ގޮތުގައި، މަސްތުވާތަކެތީގެ ވަބާ ނައްތާލުމަށް ސަރުކާރުން ކުރަމުންދާ މަސައްކަތުގައި އެދެވޭ ނަތީޖާއެއް ނެރެވޭނީ ދައުލަތުގެ މުއައްސަސާތަކުގެ އިތުރުން ޝަރުއީ ދާއިރާއާއި، މަދަނީ ޖަމްއިއްޔާތައް އަދި އާންމު ރައްޔިތުން ގުޅިގެންނެވެ.
"ވަރަށް ގިނަ މަސައްކަތްތަކެއް އެއްފަހަރާ ކުރެވެމުން މިދަނީ. މަސްތުވާތަކެތީގެ ވަބާ ނައްތާލުމުގައި ރަނގަޅު ނަތީޖާއެއް ނެރެވޭނެ. މިކަމަކީ އާންމު ރައްޔިތުންނާއި މަދަނީ ޖަމިއްޔާތަކާއި އަދި ހަމަ ދައުލަތުގެ އެހެން ހުރިހާ މުވައްސަސާތަކެއް ގުޅިގެން ޝަރުއީ ދާއިރާގެ އެއްބާރުލުންވެސް ލިބިގެން ކުރިއަށް ގެންދެވޭނެ ކަމެއް. އެކަމުގެ ނަތީޖާވެސް ދަނީ ފެންނަމުން،" ރައީސް މުއިއްޒު ވިދާޅުވިއެވެ.
އަދި މުއައްސަސާތަކުގެ މެދުގައި އޮތް ގުޅުން އިތުރަށް ބަދަހިވެ، އަދުލުއިންސާފުގެ ނިޒާމު ހަރުދަނާވުމާއެކު، ގޭންގު ކުށްތައް މަދުވަމުންދާކަން ތަފާސްހިސާބުތަކުން ސާފުކޮށް ދައްކާކަމަށާއި، މިއީ ޒުވާނުންނަށް ކާމިޔާބު އަދި އުއްމީދީ މުސްތަގުބަލެއް ބިނާކުރުމަށް ލިބިގެންދާ ބޮޑު ފުރުސަތެއްކަމަށް ވެްސް ވިދާޅުވިއެވެ.







