ޖޯޑަންއަށް ދިން ހަމަލައަށް އެމެރިކާއިން ބަދަލު ހިފަން ފަށައިފި

ޖޯޑަންގައި ތިބި އެމެރިކާގެ ސިފައިންނަށް އީރާނުން ދެމުންދާ ހަމަލާތަކުގެ ރައްދުގައި، އީރާނުގެ އެކި ސަރަހައްދުތަކަށް އެމެރިކާގެ ސިފައިން ވަރުގަދަ ހަމަލާތަކެއް ދޭން ފަށައިފި ކަމަށް އެމެރިކާގެ ސެންޓްރަލް ކޮމާންޑް (ސެންޓްކޮމް) އިން އިއުލާންކޮށްފިއެވެ.

އީރާނުގެ ދައުލަތުގެ މީޑިއާތަކުން ރިޕޯޓްކޮށްފައިވާ ގޮތުގައި، އެ ގައުމުގެ ދެކުނުގެ އެކި ސަރަހައްދުތަކުގައި ވަނީ ވަރުގަދަ ގޮއްވުންތަކެއްގެ އަޑު އިވިފައެވެ. އެގޮތުން ހުރުމުޒްގާން ގެ ސަރަހައްދުގައިވާ ބަންދަރު އަައްބާސް އަދި މަޝްހޫރު ފަތުރުވެރި ރަށްތައް ކަމަށްވާ އަބޫ މޫސާ، ކިޝް އަދި ގޭޝްމް އައިލެންޑް ކައިރިން ބާރުގަދަ ހަމަލާތަކެއްގެ އަޑު އިވިފައިވާ ކަމަށް ރިޕޯޓްތައް ބުނެއެވެ.

އީރާނުގެ ނިއުސް އޭޖެންސީން ހުރުމުޒްގާންގެ ނައިބު ގަވަަރުނަރާ ހަވާލާދީ ބުނެފައިވަނީ، ގޭޝްމް އައިލެންޑް ކައިރިއަށް އެމެރިކާއިން ދިން ހަމަލާތަކެއް އަމާޒުވެފައިވާ ކަމަށެވެ. އަދި ނިއުސް އޭޖެންސީން ބުނި ގޮތުގައި ގޭޝްމް އައިލެންޑަށް ތިން ގޮއްވުމެއްގެ އަޑު އިވި، މީހުން ދިރިއުޅޭ ސަރަހައްދަކަށް މިސައިލެއް ވެއްޓިފައިވެއެވެ. ނަމަވެސް، މީގެ ސަބަބުން ލިބުނު ގެއްލުމުގެ ތަފްސީލެއް އަދި ސާފެއް ނުވެއެވެ.

މީގެ އިތުރުން، އީރާނުގެ ދެކުނު-ހުޅަނގުގައިވާ ހޫޒިސްތާން ގެ އާބާދާން ސިޓީގެ ކައިރިއަށްވެސް އެމެރިކާގެ އަސްކަރީ މިސައިލް ހަމަލާތަކެއް އަމާޒުވެފައިވާ ކަމަށް އެ ސަރަހައްދުގެ ނައިބު ގަވަރުނަރު ވަނީ ކަށަވަރުކޮށްދެއްވާފައެވެ.

އެމެރިކާގެ "ވޯލް ސްޓްރީޓް ޖާނަލް" އިން ރިޕޯޓްކޮށްފައިވާ ގޮތުގައި، އެމެރިކާގެ ސެންޓްރަލް ކޮމާންޑުގެ ކޮމާންޑަރު ވަނީ އީރާނާ ދެކޮޅަށް ދެ ހަފުތާގެ މުއްދަތަކަށް ދެމިގެންދާނެ ވަރުގަދަ އަސްކަރީ ކެމްޕޭނެއް ރާއްވަވާފައެވެ. އަދި ރައީސް ޓްރަމްޕް ދެއްވާ ކޮންމެ އަމުރެއް ވަގުތުން ތަންފީޒުކުރުމަށް އެމެރިކާގެ ޕެންޓަގަން އޮތީ ފުރިހަމައަށް ތައްޔާރަށް ކަމަށް ބެންޓަގަންގެ ތަރުޖަމާނާ ހަވާލާދީ އެ ނޫހުން ބުނެފައިވެއެވެ.

ހިއްސާ ކުރައްވާ!