"އަޅުގަނޑުމެން ވިއްކަންވީ ކޮން އެއްޗެއްކަން އަޅުގަނޑަށް އެއްވެސް މީހަކަށް ނުބުނެވޭނެ،" ތުރުކީއަށް އެފް-35 ބޯޑުތައް ވިއްކުމާ ގުޅޭގޮތުން އިޒްރޭލުން ދެކޮޅު ހެދުމުން ޓްރަމްޕް ރަތަށް އަރައިފިއެވެ. ޓްރަމްޕް ވަނީ ތުރުކީއަށް އެފް-35 އަސްކަރީ މަތިންދާ ބޯޑުތައް ވިއްކުމާ މެދު އިޒްރޭލުގެ ބޮޑުވަޒީރު ނަތަންޔާހޫ އިއުތިރާޒް ކުރުމުން އެކަމަށް ފާޑު ކިޔާފައެވެ.
އެމެރިކާގެ މީޑިއާ ރިޕޯޓުކޮށްފައިވާ ގޮތުގައި، އެއަރ ފޯސް ވަން ގައި ނޫސްވެރިންނާ ވާހަކަދައްކަވަމުން ޓްރަމްޕް ވިދާޅުވީ، އަޅުގަނޑުމެން ވިއްކަންވީ ކޮން އެއްޗެއްކަން އަޅުގަނޑަށް އެއްވެސް މީހަކަށް ކިޔައި ނުދެވޭނެ ކަމަށެވެ.
ޓްރަމްޕް ވިދާޅުވިގޮތުގައި "ތުރުކީއަކީ އަޅުގަނޑުމެންގެ ވަރަށް މުހިންމު ބައިވެރިއެކެވެ. ތުރުކީގެ ރައީސް އެރްދޮޣާން ވަނީ ސޫރިޔާގައި ވަރަށް ރަނގަޅު މަސައްކަތްތަކެއް ކުރައްވާފައެވެ. ތުރުކީން އިޒްރޭލާއި އިޒްރޭލުގެ ބޮޑުވަޒީރުދެކެ ގަޔާއެއް ނުވެއެވެ. ނަމަވެސް ތުރުކީއަކީ ބޮޑު އަދި ބާރުގަދަ ޤައުމެކެވެ. އެމީހުންގެ ކިބައިގައި ބޮޑު އަސްކަރީ ބާރެއް އޮތްއިރު، ތުރުކީއަކީ އަޅުގަނޑުމެންގެ ފުރިހަމަ އެކުވެރިއެކެވެ."
މިމަހު ތުރުކީގައި ބޭއްވި ނޭޓޯގެ ސަމިޓުގެ ހަވާސާގައި ވެސް އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ވަނީ ތުރުކީއާ ދެކޮޅަށް އަޅާފައިވާ ދަތިކުރުމުގެ ފިޔަވަޅުތައް އުވާލަމުންދާކަމަށް ވިދާޅުވެފައެވެ.
ޓްރަމްޕް ވިދާޅުވީ ތުރުކީއަށް އަލުން އެފް-35 މަތިންދާ ބޯޑުތައް ވިއްކުމާ މެދު އަލުން ވިސްނަމުން ގެންދަވާނެ ކަމަށެވެ.
އަނެއްކޮޅުން، ތުރުކީއަށް އެފް-35 ގެ މަތިންދާބޯޓުތައް ދިނުމާ ގުޅޭގޮތުން އިޒްރޭލުން ވަނީ އެކިފަހަރުމަތިން ދެކޮޅު ހަދައި ކަންބޮޑުވުން ފާޅުކޮށްފައެވެ.
ދާދިފަހުން އިޒްރޭލުގެ ބޮޑުވަޒީރު ނަތަންޔާހޫ ބުނެފައިވަނީ އުރުދުޣާންގެ ސަރުކާރުން އިޒްރޭލާ ދެކޮޅަށް ހަރުކަށި ސިޔާސަތެއް ގެންގުޅޭ ކަމަށާއި، މިފަދަ ޒަމާނީ ބޯޓުތައް ފޯރުކޮށްދިނުމުން ބާރުގެ ބެލެންސް ގެއްލިދާނެ ކަމަށެވެ.
2019 ވަނަ އަހަރު ވެރިކަމުގެ ފުރަތަމަ ދައުރުގައި ޓްރަމްޕްގެ ސަރުކާރުން ވަނީ ރަޝިޔާ އަތުން ތުރުކީވިލާތުން އެސް-400 ގެ ވައިގެ ދިފާއީ ނިޒާމު ގަތުމާ ގުޅިގެން ތުރުކީއަށް އެފް-35 މަތިންދާބޯޓުތައް ނުވިއްކުމަށް ނިންމާފައެވެ.






