ބަންގްލަދޭޝްގެ ކުރީގެ ބޮޑުވަޒީރު ޝައިޚް ހަސީނާ އިންޑިއާއިން އެނބުރި ޤައުމަށް ވަޑައިގަންނަވާ އިރަށް ވަގުތުން ޖަލަށް ގެންދެވޭނެ ކަމަށް ބަންގްލަދޭޝްގެ ލޯ މިނިސްޓަރު މުހައްމަދު އަސަދުއްޒަމާން ވިދާޅުވެއްޖެއެވެ.
މިނިސްޓަރު މިހެން ވިދާޅުވެފައިވަނީ، ފުރާނައަށް ނުރައްކާ އޮތް ނަމަވެސް އަންނަ ޑިސެމްބަރު މަހުގެ ކުރިން ބަންގްލަދޭޝްއަށް އެނބުރި ވަޑައިގަންނަވަން ނިންމަވާފައިވާ ކަމަށް ހަސީނާ މައުލޫމާތު ދެއްވާފައިވަނިކޮށެވެ.
"އަހަރެން މަރާލަފާނެ، ހައްޔަރުކޮށްފާނެ ނުވަތަ ޖަލަށްވެސް ލާފާނެ… އަހަރެންގެ ނަސީބު އޮތްގޮތް އަހަރެންނަށް އެނގޭ. އެކަމަކުވެސް އަހަރެން އެނބުރި ދާން ބޭނުން، ސަބަބަކީ އަހަރެންގެ ރައްޔިތުން އަހަރެންނަށް ގޮވަމުންދާތީ،" ހަސީނާ ވިދާޅުވެފައިވެއެވެ.
ކޯޓަށް ހާޒިރުވުމުގެ ކުރިންވެސް ހައްޔަރުކުރެވިދާނެ
މިނިސްޓަރު އަސަދުއްޒަމާން ވިދާޅުވީ، 2025 ވަނަ އަހަރުގެ ނޮވެމްބަރު މަހު މަރުގެ އަދަބު ދިނުމަށް ހުކުމްކޮށްފައިވާ ހަސީނާއަށް، ކޯޓަށް ހާޒިރުވެ އަމިއްލައަށް އަމާންދިނުމުގެ ފުރުޞަތު ލިބުމުގެ ކުރިންވެސް ޖަލަށް ބަންދުކުރެވިދާނެ ކަމަށެވެ.
"މަރުގެ އަދަބު އިއްވާފައިވާ ކުށްވެރިޔަކަށް ވީނަމަވެސް، އަދި ބަންގްލަދޭޝްގެ ރައްޔިތެއްގެ ހައިސިއްޔަތުން ޤާނޫނަށް އިޙްތިރާމްކުރުމުގެ ގޮތުން އެނބުރި އައިސް އަމާންދޭން ބޭނުންވި ނަމަވެސް، އެކަން ކުރުމުގެ ކުރިންވެސް އޭނާ ހައްޔަރު ކުރެވޭނެ،" ނޫސްވެރިންނާ ވާހަކަދައްކަވަމުން އަސަދުއްޒަމާން ވިދާޅުވިއެވެ.
2024 ވަނަ އަހަރު ހަސީނާގެ ސަރުކާރު ވައްޓާލި ވަގުތީ ސަރުކާރުން ވަނީ އޭނާގެ ޕާސްޕޯޓް ބާތިލުކޮށްފައެވެ. ޕާސްޕޯޓެއް ނެތި އެނބުރި ވަޑައިގަންނަވާނީ ކިހިނެއްތޯ ސުވާލުކުރުމުން މިނިސްޓަރު ވިދާޅުވީ "އެއީ އޭނާގެ މައްސަލައެއް، އަހަރެންގެ މައްސަލައެއް ނޫން" ކަމަށެވެ.
ދާޚިލީ ހަމަނުޖެހުންތަކަށްފަހު 2024 ވަނަ އަހަރުން ފެށިގެން ހަސީނާ ދިރިއުޅުއްވަމުން ގެންދަވަނީ އިންޑިއާގައެވެ. އޭގެ އަހަރެއް ފަހުން، އިންޓަރނޭޝަނަލް ކްރައިމްސް ޓްރައިބިއުނަލްއިން ވަނީ އޭނާގެ ޣައިރު ހާޒިރުގައި މަރުގެ އަދަބު އިއްވާފައެވެ.






