ބަންގްލަދޭޝް ނޭޝަނަލިސްޓް ޕާޓީ (ބީއެންޕީ) އަލުން ވެރިކަމާ ހަވާލުވުމަށްފަހު، ބޮޑުވަޒީރު ތާރިގް ރަހްމާން ޖޫން މަހު ބެއިޖިންއަށް ކުރެއްވި ރަސްމީ ދަތުރުފުޅާއެކު، ބަންގްލަދޭޝްއާއި ޗައިނާއާ ދެމެދު އޮތް ގުޅުން އާ މަރުހަލާއަކަށް ވަނީ ގޮސްފަ އެވެ. މި ދަތުރުފުޅުގައި އިންފްރާސްޓްރަކްޗާ، ވިޔަފާރި، ތައުލީމު، ސިއްހަތު، ދިފާއީ ދާއިރާ އަދި ޕާޓީތަކުގެ މެދުގައި ގުޅުން ބަދަހިކުރުމާ ގުޅޭ ގިނަ އެއްބަސްވުންތަކެއް ވަނީ ގާއިމުކޮށްފަ އެވެ. މިއީ ދުނިޔޭގެ ދެވަނައަށް އެންމެ ބޮޑު އިގްތިސާދާއެކު ގުޅުން ބަދަހިކުރުމަށް ޑާކާއިން ބޭނުންވާކަން އަންގައިދޭ ކަމެކެވެ.
މި ދަތުރުފުޅުގެ އެންމެ ފާހަގަކޮށްލެވޭ އެއް ކަމަކީ ބީއެންޕީއާއި ޗައިނާގެ ކޮމިއުނިސްޓް ޕާޓީއާ (ސީޕީސީ) ދެމެދު ސޮއިކުރި އެމްއޯޔޫ އެވެ. ދައުލަތްތަކުގެ ދެމެދުގައި އޮންނަ އާންމު ހާރިޖީ ގުޅުމާ ހިލާފަށް، މިފަދަ އެއްބަސްވުންތަކުގެ ސަބަބުން ސިޔާސީ ޕާޓީތަކާ ސީދާ ގުޅުން އުފެދެ އެވެ. މީގެ އިތުރުން، ބޭރުގެ މުޖުތަމައުތަކާއި، އެކަޑަމިކް ދާއިރާތަކާއި މަދަނީ ޖަމިއްޔާތަކަށް ޗައިނާގެ އެހީ ހީޯދުމަށް ސީޕީސީގެ 'ޔުނައިޓެޑް ފްރަންޓް ވޯކް ޑިޕާޓްމަންޓް' މެދުވެރިކޮށް މަސައްކަތްކުރާ ކަމަށް ދިރާސާކުރާ ފަރާތްތަކުން ފާހަގަކުރެ އެވެ.
ތައުލީމީ ދާއިރާއަކީ މި ގުޅުމުގެ މުހިންމު ތަނބެކެވެ. ބަންގްލަދޭޝްގެ ޔުނިވަސިޓީތަކުގައި މިހާރުވެސް 'ކޮންފިއުޝަސް އިންސްޓިޓިއުޓް’ތައް ހިންގަމުންދާއިރު، އާ އެއްބަސްވުންތަކާއެކު އިތުރު މަރުކަޒުތައް ގާއިމުކުރުމަށް ވަނީ ހަމަޖެހިފަ އެވެ. މި މަރުކަޒުތަކުން ބަސް ދަސްކޮށްދިނުމާއި، ސްކޮލަޝިޕް އަދި އެކަޑަމިކް ބަދަލުތަކުގެ ފައިދާ ދަރިވަރުންނަށް ލިބޭއިރު، ބައެއް ގައުމުތަކުން މިކަމާ މެދު ކަންބޮޑުވުން ފާޅުކުރަނީ އެކަޑަމިކް މިނިވަންކަމާއި ބޭރުގެ ނުފޫޒު ފޯރުވުމުގެ ފުރުސަތު އޮތުމުންނެވެ.
މީޑިއާގެ ދާއިރާގައިވެސް ޗައިނާގެ ހަރަކާތްތައް ވަނީ އިތުރުވެފަ އެވެ. ޗައިނާ މީޑިއާ ގްރޫޕުން ބަންގްލަދޭޝްގެ މީޑިއާއާ ގުޅިގެން ޚަބަރުތައް ހިއްސާކުރުމާއި، ނޫސްވެރިންގެ ބަދަލުތަކާއި، ގުޅިގެން މަސައްކަތްކުރުމުގެ ޕްރޮގްރާމްތައް ދަނީ ހިންގަމުންނެވެ.
އިންފްރާސްޓްރަކްޗާ މަޝްރޫއުތަކުގައި ޗައިނާގެ ދައުރު ވަރަށް ބޮޑަށް ފެނެއެވެ. މޮންގްލާ ޕޯޓް ފުޅާކުރުމާއި، ޗައިނާގެ އިންޑަސްޓްރިއަލް ޕާކް އަދި ޗެޓޮގްރާމްގެ އިގްތިސާދީ ޒޯނަކީ އިންވެސްޓްމަންޓާއި ވަޒީފާގެ ފުރުސަތުތައް ފަހިކޮށްދޭނެ ކަންކަމެވެ. ނަމަވެސް، އެހެން ގައުމުތަކުގެ ތަޖުރިބާއަށް ބަލާއިރު، ދަރަނި މެނޭޖުކުރުމާއި، މަޝްރޫއުތަކުގެ ދެފުށް ފެންނަ ގޮތް ހެދުމަކީ ގައުމީ މަސްލަހަތު ރައްކާތެރިކުރުމަށް ވަރަށް މުހިންމު ކަމެކެވެ.
އިގްތިސާދީ ގޮތުން ޗައިނާއަށް ބަރޯސާވުން އިތުރު ވެފައި ވެއެވެ. ދެ ގައުމުގެ ދެމެދުގައި ކުރާ ވިޔަފާރި 24 ބިލިއަން ޑޮލަރަށްވުރެ މައްޗަށް ދިޔަނަމަވެސް، ބަންގްލަދޭޝްއިން ޗައިނާއަށް އެކްސްޕޯޓް ކުރަނީ ވަރަށް މަދު މިންވަރެކެވެ. އެހެންކަމުން، ކުރިއަށް އޮތް ތަނުގައި އިންވެސްޓްމަންޓްތައް ހޯދުމުގެ އިތުރުން، ބަންގްލަދޭޝްގެ އުފެއްދުންތަކަށް ޗައިނާގެ ބާޒާރުން ފުރުސަތު ހޯދުމަކީ މުހިންމު ކަމެކެވެ.
ޗައިނާއާ ގުޅުން ބަދަހިކުރުމަކީ ރަނގަޅު ކަމެއް ނަމަވެސް، އެ ގުޅުން ބިނާވާންވާނީ ދެފުށް ފެންނަ، ޒިންމާދާރު އަދި ހަމަހަމަ އުސޫލުތަކެއްގެ މައްޗަށެވެ. ބަންގްލަދޭޝްގެ "ޗައިނާ ދައުރު" ގައި އެންމެ މުހިންމު ކަމަކީ، އެ ގުޅުމުން ގައުމަށް ލިބޭނެ ފައިދާތަކާއި އޮތް ނުރައްކާތައް ދެނެގަނެ، ގައުމީ މަސްލަހަތު އިސްކޮށް، ހަރުދަނާ ހާރިޖީ ސިޔާސަތެއް ގެންގުޅުމެވެ.






