އެއް އަހަރުގެ ތެރޭގައި 30،000 އަށްވުރެ ގިނަ ސްކޫލާއި ޕްރައިމަރީ ސްކޫލު ބަންދުކޮށްފި

ޗައިނާގައި ދިގުލައިގެން ގޮސްފައިވާ އާބާދީގެ މައްސަލަތަކާއި އުފަންވާ ކުދިންގެ އަދަދު ދަށްވުމުގެ ސަބަބުން، އެ ގައުމުގެ ތައުލީމީ ނިޒާމަށް ބޮޑެތި ބަދަލުތަކެއް އަންނަމުންދާކަން ހާމަވެއްޖެއެވެ. އެ ގައުމުގެ ތައުލީމާބެހޭ ވުޒާރާއިން އާންމުކޮށްފައިވާ އާ މައުލޫމާތުތަކުން ދައްކާގޮތުގައި، 2025 ވަނަ އަހަރު އެކަނިވެސް ޗައިނާގައި ކުޑަކުދިންނަށް އުނގަންނައިދޭ 30،000 އަށްވުރެ ގިނަ ނާސަރީ، ކިންޑަގާޓަން އަދި ޕްރައިމަރީ ސްކޫލު ވަނީ ބަންދުކޮށްފިއެވެ. މިއީ އެ ގައުމުގެ އާބާދީގެ ކާރިސާގެ ސަބަބުން ތައުލީމީ ދާއިރާއަށް ކުރިމަތިވެފައިވާ ގޮންޖެހުންތަކުގެ އެންމެ ސާފު ހެއްކެވެ.

މި މައުލޫމާތުތަކުން ފެންނަގޮތުގައި ޗައިނާގެ ތައުލީމީ ނިޒާމުގައި ބޮޑެތި ފުށުއެރުންތަކެއް ވަނީ އުފެދިފައެވެ. ކުރިން އުފަންވި ކުދިންގެ އަދަދު ގިނަވުމުގެ ސަބަބުން މަތީ ޘާނަވީ ސްކޫލުތަކާއި ޔުނިވާސިޓީތައް ދަނީ ފުޅާވަމުންނެވެ. ނަމަވެސް، ކުޑަކުދިންގެ އާބާދީ ވަރަށް ބޮޑަށް ދަށްވަމުންދާތީ، ފަށާ ތަޢުލީމީ މަރުޙަލާގެ ބައިތައް ވަނީ ހަނިވަމުންނެވެ. ކިންޑަގާޓަންތަކަށް ވައްދާ ކުދިންގެ އަދަދު ފާއިތުވި އަހަރުތަކުގައި ވަނީ ވަރަށް ބޮޑަށް ދަށަށް ގޮސްފައެވެ. ޚާއްޞަކޮށް 2020 އާއި 2024 އާ ދެމެދު އެކަނިވެސް ކިންޑަގާޓަންތަކަށް ރަޖިސްޓރީ ކުރި ކުދިންގެ އަދަދު ވަނީ ހަތަރުބައިކުޅަ އެއްބަޔަށް ދަށްވެފައެވެ.

އާބާދީ އިތުރުކުރުމަށްޓަކައި ޗައިނާ ސަރުކާރުން ވަނީ އެއް ދަރި ހޯދުމުގެ ހަރުކަށި ސިޔާސަތު އުވާލައި، ގިނަ ކުދިން ހޯދުމަށް ބާރުއަޅައި އާއިލާތަކަށް އެކި އެހީތެރިކަން ފޯރުކޮށްދޭނެކަމަށް ބުނެފައެވެ. ނަމަވެސް ދެ ޖިންސުގެ ގުޅުން ވަޅޯ ވުމުގެ ސަބަބުން އާންމު ރައްޔިތުން މިކަމަށް ތާއީދުކުރާ މިންވަރު ކުޑައެވެ.

ޗައިނާގައި އަންހެނަކަށް ވިހާ ކުދިންގެ ނިސްބަތް ވަނީ 1.0 އަށް ދަށްވެފައެވެ. މިއީ އޭޝިއާގެ އެހެން ސަރަހައްދުތަކާ އަޅައިބަލާއިރުވެސް ވަރަށް ދަށް މިންވަރެކެވެ.

އެމެރިކާގެ ތިންކް ޓޭންކެއް ކަމަށްވާ ރެންޑް އިންސްޓިޓިއުޓްގެ މާހިރުން ފާހަގަކުރާގޮތުގައި ޗައިނާއަށް ކުރިމަތިވެފައިވަނީ ވަރަށް ޚާއްސަ ގޮންޖެހުމެކެވެ؛ އެއީ މުޖުތަމަޢު މުސްކުޅިވަމުންދާއިރު، އެމީހުން މުއްސަނދިވެފައި ނުވުމެވެ.

އާބާދީގެ ހީނަރުވުމާއި ބަދަލުތަކުގެ ސަބަބުން ގިނަ ސްކޫލުތައް ހިންގުން ވަނީ ދަތިވެފައެވެ. އާންމުކޮށް ކުދިން މަދުވުމުގެ ސަބަބުން އަމިއްލަ ފަރާތްތަކުން ހިންގާ ކިންޑަގާޓަންތަކާއި ޕްރައިމަރީ ސްކޫލުތައް ބަންދުކުރަންޖެހި، އިމާރާތްތަކުގައި 'ކުއްޔަށް ދޭ، ނުވަތަ ވިއްކާ' ބޯޑު ހަރުކުރަންޖެހޭ ހާލަތަކަށް ވަނީ ގޮސްފައެވެ. މި މައްސަލައަކީ ހަމައެކަނި ތައުލީމީ ދާއިރާއަށް އަންނަ ބަދަލެއް ނޫނެވެ؛ މިއީ މުޅި އިގުތިސާދަށާއި އިޖުތިމާއީ އޮނިގަނޑަށް ކުރިމަތިވެފައިވާ ބޮޑު ނުރައްކަލެކެވެ.

ހިއްސާ ކުރައްވާ!