ޗައިނާގެ ގާނޫނުހަދާ މަޖިލީހުން ފާސްކޮށް، 1 ޖުލައި 2026 ގައި އަމަލުކުރަން ފެށި "ނަސްލީ އެއްބައިވަންތަކަމާއި ތަރައްގީ އިތުރުކުރުމުގެ ގާނޫނު" އާ ގުޅިގެން ބައިނަލްއަގުވާމީ ފެންވަރުގައާއި އިންސާނީ ހައްގުތަކަށް މަސައްކަތްކުރާ ޖަމާއަތްތަކުގެ ވަރުގަދަ ފާޑުކިޔުންތަކާއި ކަންބޮޑުވުންތައް އަމާޒުވާން ފަށައިފިއެވެ.
ޗައިނާ ސަރުކާރުން މިއީ ގައުމީ އެއްބައިވަންތަކަން ގާއިމުކުރުމުގެ މަގުސަދުގައި އެކުލަވާލި ގާނޫނެއް ކަމަށް ބުނި ނަމަވެސް، މަޝްހޫރު އިންސާނީ ހައްގުތަކާ ބެހޭ މަޖައްލާ "ބިޓަރ ވިންޓަރ" އާއި އިންސާނީ ހައްގުތަކަށް މަސައްކަތްކުރާ ތަޖުރިބާކާރުން ބުނާ ގޮތުގައި މިއީ ޗައިނާގައި އުޅޭ ކުދި އާބާދީތަކުގެ ސަގާފަތާއި، ބަހާއި، ދީނީ މިނިވަންކަން ހީނަރު ކުރުމަށް އެކުލަވާލާފައިވާ ހަރުކަށި ގާނޫނެކެވެ.
މި ގާނޫނުގެ 15 ވަނަ މާއްދާގައިވާ ގޮތުން، ޗައިނާގެ ތައުލީމީ އިދާރާތަކުގައި ކިޔަވައިދޭންޖެހޭނީ އެ ގައުމުގެ މައި ބަސް ކަމަށްވާ މެންޑަރިން ޗައިނީޒް ބަހުންނެވެ. މީގެ ސަބަބުން ޓިބެތު، އުއިގުރު އަދި މޮންގޯލިއާ ފަދަ ސަރަހައްދުތަކުގެ މާދަރީ ބަސްތައް އުވިގެންދާނެ ކަމުގެ ބިރު ވަނީ ބޮޑުވެފައެވެ.
- އެ ގާނޫނުގެ 46 ވަނަ މާއްދާގެ ދަށުން، ދީނީ ޖަމާއަތްތަކާއި ދީނީ އިދާރާތަކުން ޗައިނާ ކޮމިއުނިސްޓް ޕާޓީގެ ސޯޝަލިސްޓް ސިޔާސަތުތަކަށް ތަބާވެ، ދީނީ ކަންކަން "ޗައިނާކުރުމަށް" މަސައްކަތްކުރުން ވަނީ މަޖުބޫރުކޮށްފައެވެ.
- ގާނޫނުގެ 63 ވަނަ މާއްދާގެ ދަށުން، ޗައިނާއިން ބޭރުގައި ދިރިއުޅޭ މީހަކު ނަމަވެސް، އެ ގައުމުގެ "އެއްބައިވަންތަކަމަށް ބުރޫއަރާފަދަ" ވާހަކައެއް ދައްކައިފިނަމަ، އެ މީހަކާ މެދު ގާނޫނީ ފިޔަވަޅު އެޅުމުގެ ބާރު ޗައިނާ ސަރުކާރަށް ވަނީ ދީފައެވެ.
މި ގާނޫނާ ގުޅިގެން ބައިނަލްއަގުވާމީ މައިދާނުން ބޮޑެތި ރައްދުތަކެއް ދަނީ ލިބެމުންނެވެ. އެގޮތުން، އެމެރިކާގެ ކޮންގްރެސްގެ ކޮމިޓީއަކުން ވަނީ މިއީ ޗައިނާގެ ސިޔާސަތުތަކަށް ފާޑުކިޔާ މީހުންނަށް ބިރުދެއްކުމަށާއި ގައުމުން ބޭރުގައިވާ އިދިކޮޅު ފަރާތްތަކަށް ނުފޫޒު ފޯރުވުމަށް ހެދި ނުރައްކާތެރި ގާނޫނެއް ކަމަށް ބުނެފައެވެ.
ޔޫރަޕްގެ ގާނޫނުހަދާ މަޖިލީހުންވެސް މިއީ އިންސާނީ ހައްގުތަކާ ޚިލާފު ގާނޫނެއް ކަމަށް ބުނެ، އީޔޫގެ ގައުމުތަކުން ޗައިނާއާއެކު ހަދާފައިވާ ކުށްވެރިން ބަދަލުކުރުމުގެ އެއްބަސްވުންތައް ސަސްޕެންޑްކުރުމަށް ވަނީ ގޮވާލާފައެވެ.
ޓިބެތުގެ ޖަމާއަތްތަކުން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ، މިއީ އެ މީހުންގެ އަމިއްލަ ސަގާފަތާއި ދީނީ އާދަކާދަތައް މަޖުބޫރުން ޗައިނާ ސަގާފަތުގެ ތެރެއަށް މަސްހުނިކޮށް ނައްތާލުމަށް ގާނޫނީ ހިމާޔަތް ހޯދުމުގެ ގޮތުން ޗައިނާއިން ކުރި ކަމެއް ކަމަށެވެ.
ނެދަލޭންޑްސްގެ އޭމްސްޓަޑާމް ފަދަ ބޮޑެތި ސިޓީތަކުގައި ޓިބެތު، އުއިގުރު އަދި މޮންގޯލިއާ ދަރިކޮޅުގެ މީހުން ދަނީ މި ގާނޫނާ ދެކޮޅަށް އިހުތިޖާޖު ކުރަމުންނެވެ.
ޗައިނާއިން މިފަދަ ފާޑު ކިޔުންތަކަށް ރައްދު ދެމުން ބުނަނީ މިއީ ޗައިނާގެ އަގު ވައްޓާލުމަށް ދައްކާ ވާހަކަތަކެއް ކަމަށެވެ.






