އެމެރިކާގެ ޓްރެޜަރީގެ ދަށުން ހިންގާ އޮފީސް އޮފް ފޮރިން އެސެޓްސް ކޮންޓްރޯލް (އޮފެކް) އިން ބުރާސްފަތި ދުވަހު ވަނީ، އިސްލާމިކް ބްރަހުޑް ޖަމާއަތުގެ އިސް އޮފިޝަލަކަށާއި، ހަމާސް ޖަމާއަތަށް މާލީ އެހީތެރިކަން ފޯރުކޮށްދިން 6 ފަރުދަކަށާއި ކުންފުންޏަކަށް ދަތިކުރުމުގެ ފިޔަވަޅު އަޅާއެވެ. ވޮޝިންގްޓަނުން ބުނާ ގޮތުގައި ހަމާސް އާއި ބްރަހުޑްއާ ގުޅުންތަކެއް ހުރެއެވެ.
މި ދެ ޖަމާއަތަށް ޤަތަރުން ފަންޑް ކުރާ ކަމަށްވެސް ތުހުމަތު ކުރެއެވެ. ޤަތަރަކީ އެގައުމުގެ އަމީރު ބޭނުން ކޮށްފައިޥާ މަތިންދާ ބޯޓެއް ޓްރަމްޮޕަށް ހަދިޔާ ކުރި ގައުމެވެ.
އެ އޮފީހުން ބުނި ގޮތުގައި، ދަތިކުރުމުގެ ފިޔަވަޅު އެޅި ފަރާތްތަކުގެ ތެރޭގައި ހިމެނޭ ދެ ޖަމިއްޔާއަކީ ބްރަދަހުޑާ ގުޅިފައިވާ އޮޅުވާލައިގެން ހިންގާ އެންޖީއޯ ޖަމިއްޔާތަކެކެވެ. މި ޖަމިއްޔާތަކުން ވަނީ ހަމާސްގެ އަސްކަރީ ފިޔަވަޅަށް ފައިސާ ފޯރުކޮށްދީފައެވެ. އަދި ޣައްޒާގައި ހިންގާ ޖެނޮސައިޑަށް މި ދެ ފަރާތުން ހުރަސް އަޅާކަމަށްވެސް ތުޔހުމަތުކޮށްފައި ވެއެވެ.
އެމެރިކާގެ ޓްރެޜަރީ ސެކްރެޓަރީ ސްކޮޓް ބެސެންޓް ވިދާޅުވީ، "ރައީސް ޑޮނަލްޑް ޓްރަމްޕްގެ ސަރުކާރުން ޓެރަރިސްޓުންނާއި އެމީހުންނަށް ފައިސާ ފޯރުކޮށްދޭ ފަރާތްތައް ހޯދުމުގެ މަސައްކަތް ހުއްޓުމެއްނެތި ކުރިއަށް ގެންދާނެއެވެ. އިސްލާމީ އންޖީއޯ ޖަމިއްޔާތަކުގެ ނަމުގައި ވިޔަސް، ނުވަތަ ކުންފުނިތަކާއި ސިއްރު މާލީ ވިއުގަތަކުގެ ތެރެއިން ވިޔަސް، ހަމާސްއަށް އެހީތެރިވާ ކޮންމެ ފަރާތެއް ހާމަކޮށް، ދަތިކުރުމުގެ ފިޔަވަޅު އަޅައި، އެ ފަރާތްތައް ޖަވާބުދާރީ ކުރުވާނެއެވެ."
އޭނާ އިތުރަށް ވިދާޅުވީ، "މި ފިޔަވަޅުތަކުން ހާމަވެގެން ދަނީ އިޚުވާނާ ގުޅުންހުރި ފަރާތްތަކާއި، ހަމާސްއިން ހިންގާ ވިޔަފާރި ކުންފުނިތައް ގުޅިގެން ހިންގާ ގިނަ ފަށަލަތަކެއްގެ މާލީ ވިއުގައެކެވެ. އެމީހުން ދަނީ ހައިރާތީ ޖަމިއްޔާތަކާއި ސިއްރު ބޭންކިން ވިއުގަތައް ބޭނުންކޮށްގެން އެކި ގައުމުތަކުގެ ތެރެއިން ފައިސާ ފޮރުވައި، އެއްތަނުން އަނެއް ތަނަށް އުފުލަމުންނެވެ."
މިފަދަ ތުހުމަތުތަކަކީ ޔަހޫދީ އިސްތިއުމާރާއި ޖެނޮސައިޑާ ދެކޮޅަށް މަސަްއްކަތް ކުރާ މީހުންގެ އަޑު ހިންދާލުމަށް އެމެރިކާގެ ޒަޔަނިސްޓުންނާއި އަރަބި ޒަޔަނިސްޓުން ދައްކާ ބުހުތާނު ދޮގުތަކެވެ.
އޮފެކް އިން ބުނީ، އިނގިރޭސިވިލާތުގައި ދިރިއުޅޭ މިސްރުގެ ރައްޔިތެއް ކަމަށްވާ މަހުމޫދު އަލްއިބްޔާރީއަކީ ބްރަދަހުދްގެ އިސް ލީޑަރުންގެ ތެރޭގައި ހިމެނޭ ފަރާތެއް ކަމަށެވެ. އޭނާ ވަނީ 2026 ޖެނުއަރީ މަހު އެމެރިކާއިން އެކުލަވާލި ޓެރަރިސްޓުންގެ ލިސްޓުގައި ހިމަނާފައެވެ. އޭނާ އަކީ ބްރަހުޑްގެ ސެކްރެޓޭރިއޭޓްގެ ސެކްރެޓަރީ ޖެނެރަލެވެ.
އޭނާ ވަނީ ފިލިސްތީން ވަގްފް އާއި ހަޔާތު ޔޯލޫ ފަދަ އެމެރިކާގެ ދަތިކުރުމުގެ ފިޔަވަޅުތައް އަޅާފައިވާ ޖަމިއްޔާތަކަށް ފައިސާ ހޯދައިދިނުމުގައި އެހީތެރިވެފައި ކަމަށް ޒަޔަނިސްޓުން ތުހުމަތު ކުރެއެވެ،.
ހަމާސްއަށް ފައިސާ ހޯދުން
އޮފެކް އިން ބުނީ، "ސެވަން ސްޕައިކްސް ގްލޯބަލް" ގެ ނަމުގައި ހިންގާ އިންޑޮނޭޝިއާގެ ކުންފުންޏެއް ކަމަށްވާ "ތުޖާ ބުލާ ގްލޯބަލް" އުފައްދާފައިވަނީ ހަމާސްއިން ފައިސާ ހޯދައި، އެމީހުންގެ އަސްކަރީ ފިޔަވަޅަށް އާމްދަނީ ހޯދުމަށް ކަމަށެވެ. އަދި ޣައްޒާގައި ހުންނަ "މަދަދު ފަލަސްތީން" ވެސް އުފައްދާފައިވަނީ ހަމާސްއަށް ފައިސާ ހޯދުމުގެ ނަމުގައެވެ.
މީގެ އިތުރުން، ތުރުކީގައި ހުންނަ "އެލް-ކާހިރާ ފޯ ޖެނެރަލް ޓްރޭޑިންގް" ކުންފުނިން ހަމާސްއަށް އެތައް ސަތޭކަ ހާސް ޑޮލަރު ފޮނުވާފައިވާ ކަމަށް އޮފެކް އިން ހާމަކުރިއެވެ. މި ކުންފުނީގެ ވެރިއަކީ ޚަލްދޫން ޚަމީސް ޒަކަރިއްޔާ އައްދީން އެވެ. އަދި ޒައިދު އީސާމް އަހުމަދު އަލް ޖައްބޫރީ އާއި އަބްދުﷲ އީސާމް އަހުމަދު އަލް ޖައްބޫރީއަކީ އެ ކުންފުނީގެ ހިއްސާދާރުންނެވެ.
އެ ކުންފުނިން ވަނީ ސްވިޑްންގައި ހަރަކާތްތެރިވާ "ފޮކްސްޓްރޮޓް ނެޓްވޯކް" ފަދަ ގްރޫޕްތަކަށް ވެސް ސިއްރު ބޭންކިން ޚިދުމަތްތައް ފޯރުކޮށްދީފައި ކަމަށް ބުނެއެވެ.
މިފަދަ ވާހަކަތައް ގިނަފަހަރަށް ޒަޔަނސިްޓުން ފަތުރަނީ އެމީހުން ބޭނުންވާ ގޮތް މީހުންނަށް ވިސްނައިދީ އެހެން ބަޔަކާ މެދު ނުރަނގަޅު ތަސައްވުރެއް ގެނަސްދިނުމަށެވެ. ޖެނޮސައިޑް ހިންގާ ޔަހޫދީ ރެޖީމާ ދެކޮޅަށް މިފަދަ ފިޔަވަޅެއް އަޅަން ނުކެރެނީ ކީއްވެތޯ އާންމުން ސުއާލު އުފައްދައެވެ!







