ޖާސޫސީ އިދާރާތަކުން ބުނަނީ އީރާނަށް ދޭ ހަމަލާތަކުން އެދެވޭ ނަތީޖާއެއް ނުލިބޭނެ ކަމަށް

އެމެރިކާގެ ސެންޓްރަލް އިންޓެލިޖެންސް އެޖެންސީ (ސީއައިއޭ) އާއި ޑިފެންސް އިންޓެލިޖެންސް އެޖެންސީ (ޑީއައިއޭ) އިން ދާދި ފަހުން ކުރި ދިރާސާތަކުން ދައްކާ ގޮތުގައި، އީރާނާ ދެކޮޅަށް އެމެރިކާއިން މިހާރު ދެމުންދާ ވައިގެ ހަމަލާތަކުގެ ސަބަބުން، އީރާނު ބަލިކޮށް ގިއްގަޅުވާލެވޭނެ ކަމަށް ނުބެލެވޭ ކަމަށް ސީއެންއެން އިން ރިޕޯޓުކޮށްފިއެވެ. އެ ނެޓްވޯކުން މިކަން ރިޕޯޓުކޮށްފައިވަނީ މިކަމާ ބެހޭ މައުލޫމާތު ލިބިފައިވާ އެމެރިކާގެ އޮފިޝަލުންނާ ހަވާލާދީއެވެ.

އެ ރިޕޯޓުގައި ބުނެފައިވާ ގޮތުގައި، މި ކަމުކުގެ ސަބަބުން އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް މިވަނީ "މަދު އިޚުތިޔާރުތަކެއްގެ" ކުރިމަތީގައެވެ. ޚާއްސަކޮށް ނޮވެމްބަރު މަހު ބޭއްވުމަށް ހަމަޖެހިފައިވާ މިޑްޓާމް އިންތިޚާބުގައި އޭނާގެ ޕާޓީއަށް ބޮޑެތި ގެއްލުންތަކެއް ލިބިދާނެ ކަމުގެ ބިރު އޮތުމުންނެވެ.

އެއް އިޚުތިޔާރަކީ އެމެރިކާއިން އެއްގައުމުން ފައުޖުތައް ފޮނުވައިގެން ހަނގުރާމަ ވަރުގަދަކުރުމެވެ. މިއީ ޚާރްގް ރަށަށް އަރައިގަތުމާ ނުވަތަ އީރާނުގެ ޔުރޭނިއަމް ރައްކާކޮށްފައިވާ ތަންތަން ހިފުމާ ބެހޭގޮތުން ވާހަކަ ދައްކަވަމުން ޓްރަމްޕް ތަކުރާރުކޮށް ދައްކަވާފައިވާ އިންޒާރެކެވެ. ނަމަވެސް، މިފަދަ ފިޔަވަޅަކީ "ނިމުމެއް ނެތް ބޭރުގެ ހަނގުރާމަތަކަށް" އެމެރިކާ މީހުން ވައްދާނެ ކަމަށް ވިދާޅުވެ ވެވަޑައިގެންނެވި އެންމެ މުހިންމު ރިޔާސީ ވައުދާ ފުށުއަރާނެ ކަމެށެވެ.

ދެ ފަރާތުގެ ހަނގުރާމައިގެ ސްޓްރެޓެޖީގެ ތަފާތު

ސީއެންއެން އިން ދެކޭ ގޮތުގައި ޓްރަމްޕްގެ ސަރުކާރަށް ކުރިމަތިވެފައިވާ އެންމެ ބޮޑު މައްސަލައަކީ، ވޮޝިންގްޓަނާއި ތެހެރާނުން ހަނގުރާމަ ކުރަމުން ދަނީ ދެ ގޮތަކަށް ކަމެވެ. އެމެރިކާއިން އިސްކަންދެނީ އީރާނުގެ އެންމެ ނާޒުކު ތަންތަނަށް ހަމަލާދީ، ހަނގުރާމައިގެ ފޯރި މަޑުމަޑުން ގަދަކޮށް، އީރާނުގެ ލީޑަޝިޕްގެ ވިސްނުން ބަދަލުކުރުމަށެވެ. އަނެއްކޮޅުން އީރާނުން މަސައްކަތް ކުރަނީ ސަރަހައްދީ ގައުމުތަކަށާއި އާންމު އުމްރާނީ ވަސީލަތްތަކަށް ހަމަލާދީ، ވޮޝިންގްޓަނާ ދެކޮޅަށް ބައިނަލްއަގުވާމީ ފިއްތުންތައް އިތުރުކުރެވޭތޯއެވެ.

އެމެރިކާގެ އޮފިޝަލަކު އެ ނެޓްވޯކަށް މައުލޫމާތު ދެމުން ބުނީ، ރައީސް މިހާރު ވިސްނަވަމުން ގެންދަވަނީ "އީރާނުން ހަދާފައިވާ މެމޮރަންޑަމް އޮފް އަންޑަސްޓޭންޑިންގްއާ ޚިލާފުވެފައިވާ ކަމަށް ވާހަކަ ފަތުރައި ހުރުމުޒް ކަނޑުއޮޅީގައި އީރާނުން ހިންގަނީ ޓެރަރިސްޓް އަމަލުތަކެއް ކަމަށް ދައްކައި، ދާދި ފަހުން މަރުވި އެމެރިކާ ސިފައިން މަރުވުމުގެ ޒިންމާ އީރާނުން އުފުލުމަށް"ވާހަކަ ދައްކައި އީރާނު ބަދުނާމުކޮށްލާށެވެ. އަދި ރައީސް އެހެން ގޮތަކަށް އަންގަވަންދެން ހަމަލާތައް ކުރިއަށް ދާނެ ކަމަށާއި، ދެ ގައުމުގެ ދެމެދުގައި މަޝްވަރާތައް ހިނގަމުންދާ ކަމަށާއި "ހުރިހާ އިޚުތިޔާރެއް ވެސް މޭޒުމަތީގައި އެބަހުރި" ކަމަށް އޭނާ ބުންޏެވެ.

އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް "އެކްސިއޯސް" އަށް ވިދާޅުވީ، ކުރިން ދިން ހަމަލާތަކަށްވުރެ ބޮޑެތި ހަމަލާތަކެއް އީރާނާ ދެކޮޅަށް ފުޅާ ދާއިރާއެއްގައި އަސްކަރީ ހަރަކާތްތައް ފެށުމާމެދު ސީރިއަސްކޮށް ވިސްނަމުންދާ ކަމަށެވެ.

އީރާނުގެ އުމްރާނީ ވަސީލަތްތަކަށް ބޮން އަޅާނެ ކަމަށް ޓްރަމްޕް ދެއްވާ އިންޒާރަކީ އީރާން ފަހަތަށް ޖެއްސުމަށް ފުދޭވަރުގެ ކަމަކަށް ނުވެއެވެ. އޭގެ ބަދަލުގައި، ހަމައެކަނި ވައިގެ ހަމަލާތަކުން ހާސިލްކުރެވޭނެ މިންވަރުގެ ހަނިކަން މިހާރު ޓްރަމްޕަށް ހާމަވެގެން ގޮސްފައި ވެއެވެ.

އެމެރިކާގެ ވައިގެ ހަމަލާތަކަށް 5 މަސް ވީއިރު ވެސް އީރާނުން ދޫ ނުދިނުމުން ޓްރަމްޕްގެ ސަރުކާރު އޮތީ ބޮޑު ނާއުއްމީދެއްގައެވެ. އީރާނުން ކަނޑުއޮޅިއާ ގުޅޭގޮތުން ގެންގުޅޭ ޑިމާންޑްތައް ދޫކޮށްލާފައިނުވާ އިރު، އެމެރިކާއަށް އީރާނުގެ މިސައިލް އަދި ޑްރޯންގެ ގާބިލުކަން މުޅިން ނައްތާލެވިފައެއް ނުވެއެވެ

އެމެރިކާގެ އެއްގައމު ސިފައިންގެ ފައުޖެއް ފޮނުވަން ތައްޔާރުވާ ކަމުގެ އެއްވެސް ނިޝާނެއް އަދި ނެތް ކަމަށެވެ. ފެބްރުއަރީ މަހު އޮޕަރޭޝަންތައް ފެށުނީއްސުރެ މެދުއިރުމަތީގައި ތިބި އެމެރިކާ ސިފައިންގެ އަދަދު 50،000 ގައި ވަނީ ހިފެހެއްޓިފައެވެ.

އެމެރިކާގެ ޖޮއިންޓް ޗީފްސް އޮފް ސްޓާފްގެ ރައީސް، ޖެނެރަލް ޑޭން ކޭން، ސެނެޓުގެ އަޑުއެހުމެއްގައި އެއްބަސްވެވަޑައިގެންނެވީ "ވައިގެ ބާރަށް ވެސް ހަނި ދާއިރާއެއް އޮންނާނެ" ކަމަށެވެ. އަދި ޑިމޮކްރެޓިކް ސެނެޓަރު ބްރަޔަން ޝަޓްޒް ވިދާޅުވީ، ހަނގުރާމަ މިހާރު މިވަނީ "ގަނޑުވެފައިވާ ހާލަތަކަށް" އައިސްފައި ކަމަށެވެ.

ހިއްސާ ކުރައްވާ!