ޗައިނާގެ އިގްތިސާދީ ތަފާސްހިސާބުތަކުން ދައްކާ ގޮތުގައި، އެ ގައުމުގެ އިގްތިސާދީ ކުރިއެރުން ސަރުކާރުން ކަނޑައަޅާފައިވާ އަމާޒަށްވުރެ ދަށެވެ. މިއީ ދުނިޔޭގެ ދެވަނައަށް އެންމެ ބޮޑު އިގްތިސާދަށް ކުރިމަތިވެފައިވާ އަސާސީ މައްސަލަތަކެއް ހުރިކަން ރަމްޒުކޮށްދޭ ކަމެކެވެ. ޗައިނާގެ އިގްތިސާދު ފުޅާވަމުން ދިޔަ ނަމަވެސް، މި ކުރިއެރުން ބިނާވެފައިވަނީ ދައުލަތުން ކުރާ އިންވެސްޓްމަންޓްތަކާއި ސިނާއީ އުފެއްދުންތަކުގެ މައްޗަށެވެ. އަމިއްލަ ގައުމުގެ އެތެރޭގެ ޑިމާންޑު ދަށްވުމާއި، ގެދޮރުގެ ވިޔަފާރިއާއި، ލޯކަލް ގަވަމަންޓްތަކުގެ މާލީ ހާލަތު ގޯސްވުމަކީ ބެއިޖިންއަށް މިހާރު ކުރިމަތިވެފައިވާ އެންމެ ބޮޑު ގޮންޖެހުމެވެ.
ޕްރޮޕަޓީ މާކެޓްގެ ދާއިރާގައި ކުރިން ހޯދި ހަލުވި ކުރިއެރުމާއި، ބޮޑެތި ދަރަނިތަކުގެ ސަބަބުން މިހާރު ޑިވެލޮޕަރުން ތިބީ ބޮޑު އަނގަވަޅެއްގަ އެވެ. ގިނަ މަޝްރޫއުތައް ހުއްޓި، ގެތަކުގެ އަގު ދަށަށް ދިއުމުގެ ސަބަބުން އާއިލާތަކުގެ އިތުބާރު ވަނީ ގެއްލިފަ އެވެ. ބިން ވިއްކައިގެން އާމްދަނީ ހޯދާ ލޯކަލް ސަރުކާރުތަކަށް މިކަމުގެ ސަބަބުން ބޮޑެތި މާލީ ދަތިތަކެއް ކުރިމަތިވެފައިވެ އެވެ.
ޒުވާނުންގެ ވަޒީފާގެ މައްސަލަ:
ޒުވާނުންގެ ވަޒީފާ ނެތުމުގެ މައްސަލައަކީ ޗައިނާގެ އިގްތިސާދީ ހީނަރުކަމުގެ އެންމެ ބޮޑު އެއް ނިޝާނެވެ. ޔުނިވަސިޓީތަކުން ދަސްވެނިވާ ޒުވާނުންނަށް އެމީހުންގެ ހުނަރާ އެކަށޭނެ ވަޒީފާ ނުލިބުމަކީ މުޖުތަމައުގެ ހަމަޖެހުމަށް އޮތް ނުރައްކަލެކެވެ.
ޗައިނާއިން މިހާރު އިސްކަންދެނީ އެޑްވާންސް މެނިއުފެކްޗަރިން އާއި، އިލެކްޓްރިކް ވެހިކަލްތައް އަދި ސޯލާ ޕެނަލްތައް ފަދަ އާ ޓެކްނޮލޮޖީތަކަށެވެ. ނަމަވެސް، މިކަމުގެ ސަބަބުން ބޭރުގެ ގައުމުތަކާ ދެމެދު ވިޔަފާރީގެ ހަމަނުޖެހުންތައް އިތުރުވެފައިވެ އެވެ.
ޗައިނާގެ އިގްތިސާދު ކުރިއެރުވުމަށް އެތެރޭގެ ޑިމާންޑު މުހިންމު ނަމަވެސް، ރައްޔިތުން ތިބީ ހަރަދުކުރަން ޖެހިލުންވެފަ އެވެ. ވަޒީފާގެ ޔަގީންކަން ނެތުމާއި، އާބާދީ އުމުރުން ދުވަސްވުން އަދި ސޯޝަލް ސެކިއުރިޓީ ނިޒާމު ހަރުދަނާ ނުވުމަކީ ރައްޔިތުން ފައިސާ ރައްކާކުރަން މަޖުބޫރުވާ ސަބަބުތަކެވެ.
އުމްރާނީ ތަރައްގީއަށްޓަކައި ލޯކަލް ސަރުކާރުތަކުން ނަގާފައިވާ ބޮޑެތި ދަރަނިތައް ދެއްކުމަކީ މިހާރު ވަރަށް އުނދަގޫ ކަމަކަށްވެފައިވެ އެވެ. މަރުކަޒީ ސަރުކާރުން ކޮންޓްރޯލްތައް ހަރުކަށި ކުރި ނަމަވެސް، މި މައްސަލަ ހައްލުކުރުމަކީ ސިޔާސީ ގޮތުން ނާޒުކު ކަމެކެވެ.
ޗައިނާގެ އިގްތިސާދީ ކުރިއެރުން އަމާޒަށް ނުވާސާވުމުން، މިއީ ކުރީގެ ޓްރެޑިޝަނަލް އުކުޅުތަކުން އިގްތިސާދު ސަލާމަތް ނުކުރެވޭނެކަން ސާފުކޮށްދޭ ކަމެކެވެ. އިގްތިސާދީ އާ މަރުހަލާއަކަށް ދާން ބޭނުންނަމަ، ބެއިޖިންއިން މިހާރަށްވުރެ ފުންމިން ދިގު އިސްލާހީ މަސައްކަތްތަކެއް ކުރަން ޖެހެ އެވެ. ބްލޫމްބަރގް






