އެއީ އިންޑިއާގެ އިޤްތިޞާދު އާ އުސްމިންތަކަކަށް ގެންގޮސްދެއްވި މާހިރެވެ. މަޑުމައިތިރި، އަދި އިލްމީ ގޮތުން އަރާހުންނެވި ބޭފުޅެކެވެ. ނަމަވެސް، އުމުރުފުޅުގެ ފަހު ދުވަސްތަކުގައި އޭނާގެ ބޮލުގައި އަޅުވާފައިވަނީ ޚިޔާނާތާއި ކޮރަޕްޝަންގެ އިލްޒާމެކެވެ. އިންޑިއާގެ ކުރީގެ ބޮޑުވަޒީރު ޑޮކްޓަރ މަންމޯހަން ސިންގް، އިދިކޮޅު ސިޔާސީ ވާދަވެރިންގެ ތުހުމަތުތަކާ ހުރެ "ކޮރަޕްޓް" ވެރިއެއްގެ ލޭބަލް އެޅުވުމަށްފަހު އަވަހާރަވީ 2024 ވަނަ އަހަރުގެ ޑިސެމްބަރު މަހުގެ 26 ގައެވެ.
އޭގެ ގާތްގަނޑަކަށް ދެ އަހަރު ފަހުން، އިންޑިއާގެ އެންމެ މަތީ ކޯޓުން އއިްޔެ މިވަނީ ޑރ. ސިންގ ގެ ނަންފުޅު މުޅިން ސާފުކޮށްދީފައެވެ. ނަމަވެސް، އެ އިންސާފު ލިބުނުއިރު އެ އަޑު އައްސަވަން ޑޮކްޓަރ ސިންގް ދުނިޔެއަކު ނެތެވެ.
އިންޑިއާގެ އުއްތަމަ ފަނޑިޔާރު ސޫރްޔާ ކާންތު، ފަނޑިޔާރު ޖޯއިމަލްޔާ ބަގްޗީ އަދި ފަނޑިޔާރު ވީ. މޯހަނާ އެކުލެވޭ ބެންޗަކުން ވަނީ، މަންމޯހަން ސިންގާ ދެކޮޅަށް ސެންޓްރަލް ބިއުރޯ އޮފް އިންވެސްޓިގޭޝަން (ސީބީއައި) އިން ހިންގަމުންދިޔަ ކޯލާ ދެލީގެ ކޮރަޕްޝަންގެ މައްސަލައިގެ ތަހުގީގު ކުރިއަށް ނުގެންދަން ނިންމި ނިންމުން ގަބޫލުކޮށްފައެވެ. އަދި 2015 ވަނަ އަހަރު ދަށު ކޯޓަކުން ޑރ ސިންގ ކޯޓަށް ހާޒިރުވުމަށް ނެރުނު އަމުރު މިހާރު ވަނީ ބާތިލުކޮށްފައެވެ.
"ސީބީއައިއިން މައްސަލަ ކުރިއަށް ނުގެންދަން ހުށަހެޅި ރިޕޯޓުތައް ގަބޫލު ނުކޮށް، ދަށު ކޯޓުގެ ފަނޑިޔާރު އެ މައްސަލަ ކުރިއަށްދާން ނިންމެވި އެއްވެސް ޤާނޫނީ ސަބަބެއް އޮތްކަމަކަށް އަހަރެމެންނަކަށް ނުފެނޭ،" ސުޕްރީމް ކޯޓުގެ ހުކުމުގައި ބުނެފައިވެއެވެ.
ސިޔާސީ ރޭވުމެއް؟
2014 ވަނަ އަހަރު ބާރަތިޔާ ޖަނަތާ ޕާޓީ (ބީޖޭޕީ) އިން ވެރިކަމަށް އައުމުގެ ކުރިން، ބޮޑުވަޒީރުކަމުގައި ހުންނެވި މަންމޯހަން ސިންގްގެ އަބުރުފުޅު ކަތިލުމަށްޓަކައި، އިދިކޮޅު ފަރާތްތަކުން ބޭނުންކުރި އެންމެ ބޮޑު ހަތިޔާރަކީ ކޯލާ ދެލި ނަގާ ހުއްދަތައް ދޫކުރުމުގައި ހިންގިކަމަށް ބުނާ ޚިޔާނާތުގެ މައްސަލައެވެ.
އިގްތިސާދީ އިލްމުގައި މުޅި ދުނިޔޭގެ އިޙްތިރާމް ހޯއްދަވާފައިވާ، އަދި އިންޑިއާގެ ތާރީޚުގައިވެސް އުފެދުނު އެންމެ ތާހިރު، އެންމެ އަމާނާތްތެރި ސިޔާސީ ލީޑަރުގެ ގޮތުގައި ގިނަ ބަޔަކު ދެކޭ މަންމޯހަން ސިންގްގެ އަބުރުފުޅު ކަތިލުމަށް، މިއީ ބީޖޭޕީން ހިންގި ސިޔާސީ އުކުޅެއް ކަމަށް ގިނަ މުޙައްލިލުން ވަނީ ސިފަކޮށްފައެވެ.
ސީބީއައިއިން 2014 ވަނަ އަހަރުގެ އޮގަސްޓް އަދި އޮކްޓޫބަރު މަހުވެސް މަންމޯހަން ސިންގާ ދެކޮޅަށް އެއްވެސް ހެކިތަކެއް ނެތްކަމަށް ބުނެ މައްސަލަ ބަންދުކުރަން ހުށަހެޅިއެވެ. ނަމަވެސް، އޭރުގެ ޚާއްޞަ ފަނޑިޔާރު އަލުން އެ މައްސަލަ ބަލަން ދިމާކޮށް ސިންގް ކޯޓަށް ހާޒިރުވާން އެންގިއެވެ. ސުޕްރީމް ކޯޓުން 2015 ގައި އެ އަމުރު ސަސްޕެންޑް ކުރި ނަމަވެސް، ތުހުމަތުތައް ދޫކޮށްލާފައެއް ނުވެއެވެ.
ލަސްވި އިންސާފުގެ ހިތިކަން
މިއަދު ކޯޓުން ޑރ. ސިންގއަކީ ކުށްވެރިއެއް ނޫންކަން ކަށަވަރުކޮށްދިނުމުން، މަންމޯހަން ސިންގްގެ އިޚްލާޞްތެރިކަމާއި އަމާނާތްތެރިކަން އަނެއްކާވެސް ސާބިތުވެއްޖެއެވެ. ޑޮކްޓަރ މަންމޯހަން ސިންގަކީ ކުށްވެރިއެއް ނޫނެވެ؛ އެއީ އިންޑިއާ ދުށް އެންމެ ސާފު، އަމާނާްތްެރި ވެރިންގެ ތެރެއިން އެކެއް ކަން ސާބިތުކޮށް ދީފައިވާ ކަމަށް އިދިކޮޅު ލީޑަރު ސަޝީ ތަރޫރު ވިދާޅުވެއެވެ.





