ސްވިޒަރލޭންޑްގެ އެއާ ކޮލިޓީ މޮނިޓަރ ކުރާ އައިކިއުއެއާ އިން ނެރުނު އަހަރީ ރިޕޯޓުގައިވާ ގޮތުން، 2025 ވަނަ އަހަރު ދުނިޔޭގެ އެންމެ ވައި ނުސާފު ގައުމުގެ މަގާމު ޕާކިސްތާނަށް ވަނީ ލިބިފައެވެ. ޕާކިސްތާނުގައި ސިއްހަތަށް ނުރައްކާތެރި "ޕީއެމް2.5″ ގެ މިންވަރު ހުރީ ދުނިޔޭގެ ސިއްހަތު ޖަމްއިއްޔާއިން ކަނޑައަޅާފައިވާ ރައްކާތެރި މިންގަނޑަށްވުރެ 13 ގުނަ އިތުރު ކޮށެވެ.
މި ލިސްޓުގެ ދެވަނަ އަދި ތިންވަނަ ލިބެނީ ބަންގްލަދޭޝް އަދި ތަޖިކިސްތާނަށެވެ. މީގެ ކުރިން 2024 ވަނަ އަހަރު އެންމެ ވައި ނު ނުސާފު ގައުމުގެ ގޮތުގައި އޮތް ޗާޑް ވަނީ 2025 ގައި 4 ވަނައަށް ވެއްޓިފައެވެ. ނަމަވެސް އެއީ އެ ގައުމުގެ މައުލޫމާތު އެއްކުރުމުގައި ދިމާވި މައްސަލަތަކެއްގެ ސަބަބުން އައި ބަދަލެއް ކަމަށް ރިޕޯޓުގައި ފާހަގަކޮށްފައިވެއެވެ.
ރިޕޯޓުގެ މުހިންމު ފާހަގަކުރުންތައް:
-
މިންގަނޑަށް ނުފެތޭ ގައުމުތައް: މޮނިޓަރު ކުރެވުނު 143 ގައުމުގެ ތެރެއިން 130 ގައުމެއްގައި ޕީއެމް2.5 ހުރީ ޑަބްލިއުއެޗްއޯގެ ރައްކާތެރި މިންގަނޑަށްވުރެ މަތީގައެވެ. ސާފުވައިގެ މިންގަނޑަށް ފެތުނީ އެންމެ 13 ގައުމެވެ.
-
އެންމެ ވައި ނުސާފު ސިޓީތައް: 2025 ވަނަ އަހަރު ދުނިޔޭގެ އެންމެ ވައި ނުސާފު ސިޓީއަކަށް ރޭންކްކުރެވުނީ އިންޑިއާގެ ލޯނީ އެވެ. ދުނިޔޭގެ އެންމެ ވައި ނުސާފު 25 ސިޓީ ހިމެނެނީ އިންޑިއާ، ޕާކިސްތާން އަދި ޗައިނާގައެވެ.
-
ސިޓީތަކުގެ ހާލަތު ދަށަށް: ދުނިޔޭގެ ސިޓީތަކުގެ ތެރެއިން ޑަބްލިއުއެޗްއޯގެ މިންގަނޑަށް ފެތުނީ އެންމެ 14 އިންސައްތަ ސިޓީއެވެ. ކެނެޑާގައި ހިނގި މޫސުމީ އަލިފާނުގެ ސަބަބުން އެމެރިކާއާއި ވިލާތުގެ ގައުމުތަކުގެ ވައިވެސް ވަނީ ނުސާފު ވެފައެވެ.
-
ރަނގަޅު މިންގަނޑުގައިވާ ގައުމުތައް: އޮސްޓްރޭލިއާ، އައިސްލޭންޑް، އެސްޓޯނިއާ އަދި ޕެނަމާ ފަދަ ގައުމުތަކުގައި ވައިގެ ނުސާފު ކަން ހުރީ ޑަބްލިއުއެޗްއޯގެ ރައްކާތެރި މިންގަނޑުގައެވެ.






