އެފްރިކާގެ ޒުވާނުން ޗައިނާ ދެކެ ގަޔާވަނީ ކީއްވެ؟

އެފްރިކާގެ ޒުވާނުންގެ މެދުގައި ނަގާފައިވާ ޚިޔާލުހޯދުމުގެ ސަވޭއަކުން ދައްކާގޮތުގައި، އެފްރިކާ ބައްރުގައި އެމެރިކާއަށްވުރެ ބޮޑަށް ޗައިނާގެ މަޤްބޫލުކަން ވަނީ އިތުރުވެފައެވެ. "އިޗްކޮވިޓްޒް ފެމިލީ ފައުންޑޭޝަން" އަށް "ބީއެސްޕީ އިންސައިޓްސް" އިން ކުރިއަށްގެންދިޔަ މިއަހަރުގެ ސަވޭގައި އެފްރިކާގެ 16 ޤައުމަކުން 4،900 ޒުވާނުން ބައިވެރިވެފައިވެއެވެ.

އިނގިރޭސިވިލާތުގެ "ދަ ޓައިމްސް" ނޫހުން ރިޕޯޓުކޮށްފައިވާ ގޮތުގައި، ޢުމުރުން 18 އަހަރާއި 24 އަހަރާ ދެމެދުގެ ޒުވާނުންގެ 95 އިންސައްތަ މީހުން ޗައިނާއާ މެދު އެދެވޭ ގޮތަކަށް ދެކެއެވެ. ނަމަވެސް އެމެރިކާ އާމެދު އެދެވޭ ގޮތަކަށް ދެކެނީ 85 އިންސައްތަ މީހުންނެވެ. އިނގިރޭސިވިލާތާ މެދު އެދެވޭ ގޮތަކަށް 95 އިންސައްތަ މީހުން ދެކެއެވެ. އަދި 91 އިންސައްތަ މީހުން އިންޑިއާއާ މެދުވެސް އެދެވޭ ގޮތަކަށް ދެކެއެވެ. އެއަށްފަހު ޖަރުމަނާ މެދު 90 އިންސައްތަ އެވެ.

2022 ވަނަ އަހަރުން ފެށިގެން ޤަވާޢިދުން ނަގަމުންދާ މި ސަވޭގެ އެންމެ ކުރީގައި އަބަދުވެސް ކޮންމެ އަހަރަކުވެސް އޮންނަނީ ޗައިނާއެވެ. އަދި ފާއިތުވި ދެ އަހަރުގެ ތެރޭގައި ރަޝިޔާގެ މަޤްބޫލުކަން 68 އިންސައްތައިން 83 އިންސައްތައަށް ވަނީ އުފުލިފައެވެ.

އެމެރިކާގެ މަޤްބޫލުކަން ދަށްވުމާއި ޗައިނާގެ ކުރިއެރުން

ރިޕޯޓުގައިވާ ގޮތުން އެމެރިކާގެ މަޤްބޫލުކަން ދަށްވާން މެދުވެރިވި މައިގަނޑު ސަބަބަކީ، ރައީސް ޑޮނަލްޑް ޓްރަމްޕްގެ ދެވަނަ ދައުރުގައި އެމެރިކާގެ ޔޫއެސްއެއިޑް މެދުވެރިކޮށް ދޭ އެހީތައް މަދުކޮށް، އެ އެޖެންސީގެ ބައެއް ބައިތައް އުވާލުމާ ގުޅިގެންނެވެ.

އަނެއްކޮޅުން ޗައިނާގެ މަޤްބޫލުކަން އިތުރުވީ އެ ޤައުމުގެ "ބެލްޓް އެންޑް ރޯޑް" މަޝްރޫޢުގެ ދަށުން އެފްރިކާގައި ބިނާކުރި މަގުތަކާއި، ރޭލުތަކާއި، ކަރަންޓު އުފައްދާ މަރުކަޒުތަކުގެ އިތުރުން ހެޔޮ އަގުގައި ލިބެންހުންނަ މުދަލުގެ ސަބަބުންނެވެ. ނަމަވެސް، ޗައިނާގެ މި މަޝްރޫޢުތަކަށް ދޫކުރި ލޯނުތަކުގެ ސަބަބުން އެފްރިކާގެ ބައެއް ފަޤީރު ޤައުމުތައް ދަރަނިވެރިވެ، އިޤްތިޞާދީ ފިއްތުންތަކާ ކުރިމަތިލާންޖެހިފައިވާތީ އެކަމަށް ފާޑުކިޔުންތައްވެސް ވަނީ އަމާޒުވެފައެވެ.

ސިޔާސީ ގުޅުމަށްވުރެ މުހިންމީ ޢަމަލީ ނަތީޖާ

ޔޫގާންޑާގެ ސިޔާސީ މުޙައްލިލު އިމަނުއެލް ކުއޭޒީ ތަބާރޯ ވިދާޅުވި ގޮތުގައި، އެފްރިކާގެ އާ ޖީލު މިހާރު އިސްކަންދެނީ ސިޔާސީ އަދި އައިޑިއޮލޮޖިކަލް ގުޅުންތަކަށްވުރެ ބޮޑަށް ޢަމަލީ ގޮތުން ލިބޭ ނަތީޖާއަށެވެ. "އެފްރިކާގެ ޒުވާނުން ބޭނުންވަނީ ބޯދާ އުޞޫލުން އަމުރުކުރާ ބަޔެއް ނޫން، އެމީހުން ބޭނުންވަނީ ހަޤީޤީ ބައިވެރިން. އެމީހުންގެ މައިގަނޑު އިސްކަމަކީ ވަޒީފާގެ ފުރުޞަތުތަކާއި، އިންވެސްޓްމަންޓް އަދި ވަސީލަތްތައް ތަރައްޤީކުރުން،" އޭނާ ވިދާޅުވިއެވެ.

ސަވޭގައި ބައިވެރިވި 16 ޤައުމުގެ ތެރެއިން އެމެރިކާއާމެދު އެންމެ ނޭދެވޭ ޚިޔާލެއް އޮތީ ސައުތު އެފްރިކާގައެވެ.

އެ ޤައުމުގެ ޒުވާނުންގެ ތެރެއިން އެމެރިކާއަށް ތާއީދުކުރީ އެންމެ 58 އިންސައްތަ މީހުންނެވެ. އަދި 70 އިންސައްތަ ޒުވާނުން ބުނެފައިވަނީ އެމީހުންގެ ސަރުކާރުން ޓްރަމްޕްގެ ސިޔާސަތުތަކަށް އެއްބާރުލުން ދިނުމުގެ ބަދަލުގައި އެކަމާ ދެކޮޅަށް ތެދުވާންޖެހޭ ކަމަށެވެ.

މިއީ ވޮޝިންގޓަނާއި ޕްރިޓޯރިއާއާ ދެމެދު އުފެދިފައިވާ ސިޔާސީ ނުތަނަވަސްކަމާއި، ބްރިކްސްގެ މެންބަރެއްގެ ގޮތުގައި ސައުތު އެފްރިކާއިން ރަޝިޔާއާއި ޗައިނާއާއެކު ބާއްވާ ގާތްގުޅުމުގެ ނަތީޖާއެއް ކަމަށް ރިޕޯޓުގައި ފާހަގަކޮށްފައިވެއެވެ.

ހިއްސާ ކުރައްވާ!