ޣައްޒާގައި ހުރި އިސްލާމީ ހަމާސް ޖަމާއަތުގެ ހަތިޔާރުތައް ވަކި އުޞޫލުތަކަކުން ނައްތާލައި ރައްކާކުރުމަށް އެކުލަވާލާފައިވާ އެއްބަސްވުމުގެ ދެލިކޮޕީއަށް ޙަމާސްއާއި ފަލަސްޠީނުގެ ހަނގުރާމަވެރި ޖަމާޢަތްތަކުން އެއްބަސްވެއްޖެއެވެ. ޓްރަމްޕް އެކުލަވާލާފައިވާ ޣައްޒާ ހިފުމުގެ ސުލްޙައިގެ މަގުޗާޓުގެ ދަށުން ކުރިއަށްގެންދާ މި އެއްބަސްވުމަކީ "ތާރީޚީ ކާމިޔާބީއެއް" ކަމަށް އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ވަނީ ސިފަކުރައްވާފައެވެ.
މި ދެލީކޮޕީގައި ވާ ގޮތުން، ހަތިޔާރުގެ ކަންކަން ބަލައި ފާސްކޮށް ތަރުތީބުކުރާނެ ތާވަލެއް އެކުލަވާލުމަށް 14 ދުވަހުގެ މުއްދަތެއް ލިބޭނެއެވެ. އަދި ބައިނަލްއަޤްވާމީ ކޮމިޓީއެއްގެ ނިންމުމަކުން މި މުއްދަތު އިތުރުކުރެވިދާނެއެވެ.
މި މަސައްކަތްތައް ސީދާ ބަލަހައްޓައި، ހަތިޔާރުތައް ރައްކާކުރުމާއި އޭގެ މައްޗަށް ބާރުފޯރުވާނީ ފަލަސްޠީނުގެ ޤައުމީ ކޮމިޓީން އެކަންޏެވެ. މީގެއިތުރުން، ބައިނަލްއަޤްވާމީ ސުލްޙަ ބަލަހައްޓާ ބާރުތަކުގެ އެހީތެރިކަމާއެކު ބައިނަލްއަޤްވާމީ ކޮމިޓީން މުޅި މަރުޙަލާ މޮނީޓަރުކުރާނެއެވެ.
މި އެއްބަސްވުން ތަންފީޒުކުރަން ފެށުން ގުޅިފައިވަނީ ޖެނޮސައިޑް ސިފައިން ޣައްޒާގެ ސަރަޙައްދުތަކުން ފަހަތަށް ޖެހެމުންދާ މިންވަރަކާއެވެ.
ހަތިޔާރު ނައްތާލުމުގެ މަރުޙަލާ ފެށޭނީ ފަލަސްޠީނުގެ މިނިވަން ދައުލަތެއް ޤާއިމުކުރުމަށް ސާފު މަގެއް ކޮށައިދެވުމުން ކަމަށްވެސް ކަރުދާހުގައި ބުނެފައިވެއެވެ.
މިކަމާ ގުޅިގެން ރައީސް ޓްރަމްޕް ވިދާޅުވީ، މިއީ ޣައްޒާ މުޅިން ހަތިޔާރުން ސާފުކޮށް، ދާއިމީ ސުލްޙައަކަށް ވާސިލުވުމަށް އެޅުނު ވަރަށް މުހިންމު ފިޔަވަޅެއް ކަމަށެވެ. އަދި އިސްރާއީލަށް ބޭނުންވާ ސަލާމަތީ ކަށަވަރުކަން ލިބިގެންދާއިރު، ފަލަސްޠީނުގެ އާ ސަރުކާރަކާއެކު ބައިނަލްއަޤްވާމީ ބާރުތަކުން ޣައްޒާގެ ރައްކާތެރިކަން ބަލަހައްޓާނެ ކަމަށް އޭނާ ވިދާޅުވިއެވެ. މީގެއިތުރުން މި ނަތީޖާ ހާސިލުކުރުމުގައި އެހީތެރިވެދިން ޤަޠަރާއި، މިޞްރު އަދި ތުރުކީއަށް ޓްރަމްޕް ވަނީ ޝުކުރު އަދާކުރައްވާފައެވެ.






