މެދުއިރުމަތީގައި ތިބި އެމެރިކާގެ ސިފައިންގެ ފޯނުތައް އަތުލަން އުޅޭކަމުގެ އިންޒާރެއް ދީފި

މެދުއިރުމަތީގައި ތިބި އެމެރިކާ ސިފައިންގެ އެންމެ އިސް ކޮމާންޑަރު ވަނީ، އޮންލައިންކޮށް ހިއްސާކުރާ ސެލްފޯން ވީޑިއޯތަކުގެ ސަބަބުން އީރާނަށް އެމެރިކާގެ އަސްކަރީ މަރުކަޒުތަކަށް އަމާޒުކޮށް ހަމަލާދިނުމަށް ފަސޭހަވެގެންދާކަމުގެ އިންޒާރު ސިފައިންނަށް ދެއްވާފައެވެ. އަދި ޚިދުމަތުގައި ތިބި ބައެއް ފަރާތްތަކުގެ ފޯނުތައް ވަރަށް އަވަހަށް އަތުލުމަށް އަމުރުކޮށްފާނެ ކަމަށް ރޮއިޓާސް އަށް މައުލޫމާތު ދިން ފަރާތްތަކުން ބުނެފިއެވެ.

ސަރަޙައްދުގައި ތިބި އެމެރިކާގެ އެތައް ހާސް ސިފައިންނަށް، މޯބައިލް ކޮމިއުނިކޭޝަންއަށް އަޅާ މިފަދަ ކޮންމެ ފިޔަވަޅަކުން ވެސް ކުރިމަތިވާނެ ގޮންޖެހުންތައް ބޮޑުވާނެއެވެ. އޭގެތެރެއިން ގިނަ ސިފައިން އަދިވެސް ގާތްތިމާގެ މީހުންނާ ގުޅައި، ހާލުބަލައި އުޅެނީ ފޯނު މެދުވެރިކޮށެވެ.

އެޑްމިރަލް ބްރެޑް ކޫޕަރ، ކުރިން ހާމަނުކުރާ ލިޔުމެއްގައި ވިދާޅުވީ، ނޫސްތަކުގެ ރިޕޯޓުތަކާއި ނުވަތަ "އަހަރެމެންގެ ސިފައިންގެ ފޯނުތަކުން ނަގާފައިވާ ފޮޓޯތަކާއި ވީޑިއޯތަކާއި، ކުރާ ރިއެކްޝަންތައް" ހޯދައިގެން، އީރާނަށް ހަމަލާތަކުގެ ނަތީޖާ ވަގުތުން ބަލައިލެވޭ ކަމަށެވެ.

އަސްކަރީ ސެންޓްރަލް ކޮމާންޑް (ސެންޓްކޮމް) ގެ ވެރިޔާ ކޫޕަރ ޖުލައި 28 ވަނަ ދުވަހު ފޮނުއްވި ސިޓީގައި ވިދާޅުވެފައިވަނީ، "މިފަދަ މައުލޫމާތު ލިބޭ މަސްދަރުތަކުގެ ސަބަބުން ކުރިމަތިވެދާނެ އެންމެ ބޮޑު ނުރައްކަލަކީ އެމެރިކާގެ ސިފައިންނާއި ގަލްފްގެ ޤައުމުތަކުގައި ތިބޭ އާންމުންގެ ފުރާނައަށް ގެއްލުންވުން" ކަމަށެވެ. އަދި އޭނާ ވަނީ ޚާއްޞަ ފިޔަވަޅުތަކެއް ވަކިވަކިން ބަޔާންނުކޮށް، "އަސްކަރީ ސަލާމަތާއި ރައްކާތެރިކަމަށް އިތުރަށް ސަމާލުވުމަށް" ސިފައިންނަށް ގޮވާލައްވާފައެވެ.

އީރާނުން ދެމުންދާ ހަމަލާތަކުގެ ސަބަބުން، ޖޯޑަންގައި ތިބި ބައެއް ސިފައިންނަށް ވަނީ ކުރިއަށް އޮތް ދުވަސްތަކުގައި އެމީހުންގެ ފޯނުތައް އަތުލާނެ ކަމަށް އަންގާފައިވާ ކަމަށް އެކަމުގެ މައުލޫމާތު އެނގޭ ދެ ފަރާތަކުން ކަށަވަރުކޮށްދީފައިވެއެވެ.

ނަމަވެސް ތިންވަނަ ފަރާތަކުން ބުނީ މިފަދަ ކަމެއް ކުރުމަށް ވިސްނަމުންދާ ކަމަށާއި، ނަމަވެސް ފޯނުތައް އަތުލާނެކަން އަދި ޔަޤީންނުވާ ކަމަށެވެ.

މިކަމާ ގުޅޭގޮތުން ސެންޓްކޮމްގެ ތަރުޖަމާނު ކެޕްޓަން ޓިމޮތީ ހޯކިންސް ވިދާޅުވީ: "މިއީ އަސްކަރީ ސަލާމަތާއި ރައްކާތެރިކަން ދެމެހެއްޓުމުގެ މުހިންމުކަން ސިފައިންނަށް ހަނދާންކޮށްދިނުމުގެ ގޮތުން ފޮނުވި މެސެޖެއް" ކަމަށެވެ.

އީރާނުގެ ހަމަލާތަކުން ސަލާމަތްވުމަށް ހިމާޔަތް ހޯދުން

މިމަހު އޮންލައިންކޮށް ޕޯސްޓުކޮށްފައިވާ ވީޑިއޯއަކުން ފެންނަގޮތުގައި، ޖޯޑަންގެ މުވައްފަޤް ސަލްތީ ޢަސްކަރީ މަރުކަޒަށް އީރާނުން ދިން ނުރައްކާތެރި ހަމަލާއެއްގެ ވަގުތު، އެމެރިކާގެ ސިފައިންގެ މީހަކު ވަނީ ވީޑިއޯއެއް ނަގާފައެވެ.

ކޫޕަރ އެ ވީޑިއޯއަށް އިޝާރާތްކުރައްވައި ވިދާޅުވީ، އެ ވީޑިއޯ ގެ ސަބަބުން އީރާނަށް މުހިންމު މައުލޫމާތެއް ލިބުނު ކަމަށެވެ.

އީރާނުގެ މިސައިލާއި ޑްރޯން ހަމަލާއެއްގެ ވަގުތުގައި އެ މީހާ ހިމާޔަތް ހޯދަން ބަންކަރަކަށް ދިޔަ ގޮތް މެޓާ ކުންފުނިން އުފައްދާފައިވާ އައިނުން ރެކޯޑުކޮށް އިންސްޓަގްރާމްގައި ޕޯސްޓް ކޮށްފައިވާ ކަމަށް ކޫޕަރ ލިޔުއްވާފައިވެއެވެ.

އެމެރިކާ ސިފައިން މިފަދަ މައުލޫމާތު ނުފަތުރާނަމަ އީރާނަށް އެމީހުންގެ ހަމަލާތަކުގެ ކާމިޔާބީ ވަޒަންކުރަން އުދަގޫވާނެ ކަމަށް ކޫޕަރ ވިދާޅުވިއެވެ.

ފެބްރުއަރީ 28 ގައި އެމެރިކާއިން ފެށި ސޮލީބީ ހަނގުރާމައިގައި މިހާތަނަށް އެމެރިކާގެ 18 ސިފައިން މަރުވެ، 600 އަށްވުރެ ގިނަ މީހުން ޒަޚަމްވެފައިވެއެވެ.

ހިއްސާ ކުރައްވާ!