އީރާނުގެ ރަސްމީ މީޑިއާއިން އެ ގައުމުގެ ސިފައިންގެ ޚާތަމުލްއަންބިޔާ ޔުނައިޓެޑް ކޮމާންޑާ ހަވާލާދީ އަންގާރަ ދުވަހު ބުނެފައި ވަނީ، އީރާނުގެ ހިފަހައްޓާފައިވާ މުދަލެއް ނުވަތަ ފައިސާއަކުން ބަދަލު ހޯދާ އެއްވެސް ގައުމަކަށް ނުވަތަ ކުންފުންޏަކަށް ހުރުމްޒު ކަނޑުއޮޅިން ދަތުރުކުރުމުގެ ފުރުސަތު ނުދޭނެ ކަމަށެވެ.
އީރާނުން މިކަން އިއުލާން ކުރީ އެމެރިކާގެ ރައީސް ހުރުމުޒުގައި އީރާނުން ހަމަލަ ދީގެން ގެއްލުން ލިބޭ އުޅަނދުތަކަށް ފޭރިގެންފައިވާ އީރާން ފައިސާއިން ބަދަލު ދޭނެ ކަމަށް އިއުލާން ކުރުމުންނެވެ.
އަންގާރަ ދުވަހު "ފޮކްސް ނިއުސް" އަށް ދެއްވި ބަސްދީގަތުމެއްގައި ޓްރަމްޕް ވިދާޅުވީ، ހުރުމްޒު ކަނޑުއޮޅީގެ ކަނޑުދަތުރުފަތުރުގެ ކަންކަން ކޮންޓްރޯލް ކުރަނީ އެމެރިކާއިން ކަމަށާއި، "އެކަން ކުރަނީ އީރާނުން ނޫން" ކަމަށެވެ. އަދި އޭނާ އިތުރަށް ވިދާޅުވީ، "އަޅުގަނޑުމެން ދަތުރުކުރަން ހުއްދަ ދޭ އުޅަނދުތައް ފިޔަވައި އެހެން އުޅަނދުތަކަށް އެ ކަނޑުއޮޅިން ދަތުރެއް ނުކުރެވޭނެ" ކަމަށެވެ.
އީރާނުން ބުނަނީ ހުރުމުޒު ކަނޑުއޮޅިއަކީ އީރާނުގެ ސިޔާދަތު ހިނގާ އީރާނުގެ ކަނޑުއޮޅިއެއް ކަމަށެވެ.






