އީރާނާ ދެކޮޅަށް ކުރަމުންދާ ސޮލީބީ ހަނގުރާމައިގެ ޝަރުތުތައް ކަނޑައެޅުމުގައި އެމެރިކާގެ އެއްވެސް ދައުރެއް އޮތުމަށް އީރާނުން ދެކޮޅު ހަދައިފިއެވެ. އީރާނުން ބުނާ ގޮތުގައި، އެ ގައުމުގެ ސިޔާދަތާއި މިނިވަންކަމަށް އަރައިގަނެ، އެމެރިކާއިން އެއްވެސް ޝަރުތެއް ކަނޑައެޅުމަކީ ގަބޫލުކުރެވޭނެ ކަމެއް ނޫނެވެ.
މިކަމާ ގުޅޭގޮތުން އީރާނުގެ ޚާރިޖީ ވުޒާރާއިން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ، ހަނގުރާމައަކީ އެމެރިކާގެ އަމިއްލަ އެދުމާއި ސިޔާސީ ނުފޫޒުތަކުގެ ސަބަބުން ފެށި ކަމެއް ކަމަށާއި، މި ހަނގުރާމަ ނިންމާނެ ގޮތަކާއި އޭގެ ޝަރުތުތައް ކަނޑައެޅުމުގެ އިޚުތިޔާރު އޮތީ ހަމައެކަނި އީރާނުގެ ރައްޔިތުންނާއި އެ ގައުމުގެ ސަރުކާރަށް ކަމަށެވެ.
އެމެރިކާއިން މިފަދަ ޝަރުތުތައް ކަނޑައަޅަން މަސައްކަތް ކުރުމަކީ ބައިނަލްއަޤްވާމީ ގާނޫނުތަކާ ޚިލާފު، ގައުމެއްގެ ދާޚިލީ ކަންކަމުގެ ތެރެއަށް ވަނުން ކަމަށް ވެސް ބުނެފައި ވެއެވެ.
ތެހެރާނުގައި ބޭއްވި ހަފްތާގެ ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން ފޮރިން މިނިސްޓްރީގެ ތަރުޖަމާނު އިސްމާއިލް ބަގާއީ ވިދާޅުވީ، އީރާނާ ދެކޮޅަށް މަސްތަކެއް ވަންދެން އަސްކަރީ ގޮތުން ކުރިމަތިލުމަށްފަހުވެސް އެމެރިކާގެ އަމާޒުތައް ހާސިލުކުރަން ނުކުޅެދިފައިވާ ކަމަށާއި، އެމެރިކާ މިހާރު ތާށިވެފައިވަނީ އެމެރިކާ އަމިއްލައަށް އުފެއްދި ހަމަނުޖެހުންތަކެއްގެ ތެރޭގައި ކަމަށެވެ.
"އީރާނުގެ ހަނގުރާމައާއި ސުލްހައިގެ ވަގުތުތައް ކަނޑައަޅާނީ އެމެރިކާއަކުން ނޫން،" ބަގާއީ ވިދާޅުވިއެވެ. އަދި އީރާނުން ދިފާއުވުމުގެ މަސައްކަތް "ކިތަންމެ ދިގު މުއްދަތަކަށް ވިއަސް ބޭނުންވާހާ ހިނދަކު" ކުރިއަށް ގެންދާނެ ކަމަށް އޭނާ ފާހަގަކުރެއްވިއެވެ.
އޭނާ އިތުރަށް ވިދާޅުވީ، އީރާނުގެ ސަލާމަތީ އަދި ހާރިޖީ ސިޔާސަތުގެ ނިންމުންތައް ނިންމަނީ ހަމައެކަނި ގައުމީ މަސްލަހަތަށް ބަލައިގެން ކަމަށާއި، އެ ނިންމުންތައް ނިންމަނީ ބޭރުގެ ފިއްތުންތަކުގެ ދަށުން ނޫން ކަމަށެވެ. އެ ނިންމުންތަކަކީ ދައުލަތުގެ ގާއިމުވެފައިވާ އިދާރާތަކުން ނިންމާ ނިންމުންތަކެއް ކަމަށް އޭނާ ވިދާޅުވިއެވެ.





