އީރާނުގެ ޕްރޮފެސަރަކަށް، ބައިނަލްއަޤްވާމީ ފެންވަރުގައި ދެވޭ ޝަރަފުވެރި "އެބަކަސް މެޑަލް" ލިބިއްޖެއެވެ. މިއީ ސައިންސާއި ޓެކްނޮލޮޖީގެ ދާއިރާއިން ޚާއްސަ ކުރިއެރުންތަކެއް ހޯދާ ފަރާތްތަކަށް އަރުވާ ވަރަށް ޝަރަފުވެރި އެވޯޑެކެވެ.
ޔުނިވަރސިޓީ އޮފް ވޮޝިންގްޓަންގެ ޕޯލް އެލަން ސްކޫލް އޮފް ކޮމްޕިއުޓަރ ސައިންސް އެންޑް އިންޖިނިއަރިންގގެ ޕްރޮފެސަރެއް ކަމަށްވާ ޝަޔާން ޢުވެއިސް ޤަރާންއަށް، އިންޓަރނޭޝަނަލް މެތަމެޓިކަލް ޔޫނިއަންގެ ޝަރަފުވެރި "އެބަކަސް މެޑަލް" ލިބިވަޑައިގެންފިއެވެ.
އޭނާއަށް މި އިނާމު ލިބުނީ އަލްގޮރިދަމްގެ ޢިލްމަށް ގެންނެވި އިންގިލާބީ ކުރިއެރުންތަކުގެ ސަބަބުންނެވެ. އެގޮތުން، އަލްގޮރިދަމްތައް ތަހުލީލުކުރުމުގެ ދާއިރާއާ ގުޅުންހުރި މައުޟޫޢުތަކުގެ ތިއަރީއަށް އޭނާ ވަނީ ފުޅާކުރައްވާފައެވެ. މި ތިއަރީގެ ސަބަބުން ސްޕޭނިންގ ޓްރީތަކާއި މެޓްރޮއިޑް ބޭސިސްތަކުގެ ޑިސްޓްރިބިއުޝަންތަކާމެދު ފުންކޮށް ދެނެގަތުމަށް މަގުފަހިވެގެން ދިޔަ ކަމަށް ރިޕޯޓްކޮށްފައި ވެއެވެ.
ޢުވެއިސް ޤަރާން، ކޮމްޕިއުޓަރ އިންޖިނިއަރިންގ ދާއިރާއިން ބެޗްލަރސް ޑިގްރީ ހާސިލުކުރެއްވީ 2008 ވަނަ އަހަރު ތެހެރާންގެ ޝަރީފް ޔުނިވަރސިޓީ އޮފް ޓެކްނޮލޮޖީންނެވެ. އަދި 2013 ވަނަ އަހަރު ސްޓޭންފޯރޑް ޔުނިވަރސިޓީން މެނޭޖްމަންޓް ސައިންސް އެންޑް އިންޖިނިއަރިންގ ދާއިރާއިން ޕީއެޗްޑީ ހާސިލުކުރެއްވިއެވެ.
އޭނާއަށް މި ޝަރަފު އަރުވާފައިވަނީ ޖުލައި 23 އިން 30 އަށް އެމެރިކާގެ ފިލަޑެލްފިއާގައި ބޭއްވި އިންޓަރނޭޝަނަލް ކޮންގްރެސް އޮފް މެތަމެޓީޝަންސް ގައެވެ.
އައިސީއެމްގެ ވެބްސައިޓުގައިވާ ގޮތުން:
- އޭނާގެ މަސައްކަތްތަކުގެ ސަބަބުން 'މެޓްރިކް ޓްރެވަލިންގ ސޭލްސްޕާސަން ޕްރޮބްލަމް' ގެ އެޕްރޮކްސިމޭޝަން ރަނގަޅުވެ، 50 އަހަރު ކުރިން ކްރިސްޓޮފައިޑްސްގެ 3/2-އަލްގޮރިތަމްގައި ހުރި އެޕްރޮކްސިމޭޝަން ފެކްޓަރގެ ހުރަސްތައް ނައްތާލެވުނެވެ. އަދި 'ސްޕެކްޓްރަލް އިންޑިޕެންޑެންސް' މެދުވެރިކޮށް، މާކޯވް ޗޭން މޮންޓޭ ކާލޯ ސާމްޕްލިން އަލްގޮރިތަމްތަކާ މެދު ދެކޭގޮތަށް އިންގިލާބެއް ގެނެސްފައިވެއެވެ. މީގެ ތެރޭގައި 'މިހައިލް-ވަޒީރާނީ ކޮންޖެކްޗަރ' ސާބިތުކޮށްދިނުމާއި، 'މޭސަންސް ކޮންޖެކްޗަރ' ގެ އެންމެ ވަރުގަދަ ބައި ސާބިތުކޮށްދިނުން ހިމެނެއެވެ.
އެބަކަސް މެޑަލްއަކީ ކޮންމެ ހަތަރު އަހަރަކުން އެއްފަހަރު، އުމުރުން 40 އަހަރުން ދަށުގެ ތިއޮރެޓިކަލް ކޮމްޕިއުޓަރ ސައިންޓިސްޓުންނަށް ދެވޭ އެވޯޑެކެވެ.
މި އެވޯޑް ލިބުނު ޕްރޮފެސަރު ވަނީ އެ ދާއިރާއިން ކުރެއްވި ދިރާސާތަކާއި ހޯދުންތަކުގެ ސަބަބުން ބައިނަލްއަޤްވާމީ ފެންވަރުގައި ބޮޑު މަޤުބޫލުކަމެއް ހޯއްދަވާފައެވެ. ޚާއްސަކޮށް، އޭނާ ކުރައްވާފައިވާ އީޖާދީ މަސައްކަތްތަކަކީ އެ ދާއިރާ ކުރިއެރުވުމަށް އެޅުނު މުހިންމު ފިޔަވަޅުތަކެއް ކަމަށް އެވޯޑް ދިން ފަރާތުން ފާހަގަކޮށްފައިވެއެވެ.
އީރާނުގެ މި ޕްރޮފެސަރަށް މި ޝަރަފު ލިބުމަކީ، އެ ގައުމުގެ ޢިލްމީ ދާއިރާއަށް ލިބުނު ވަރަށް ބޮޑު ކާމިޔާބީއެއް ކަމަށް އެ ޤައުމުގެ ކަމާބެހޭ ފަރާތްތަކުން ވެސް ވަނީ ފާހަގަކޮށްފައެވެ. އަދި މިއީ އީރާނުގެ ޔުނިވަރސިޓީތަކާއި ދިރާސާކުރާ ފަރާތްތަކުން ކުރަމުންދާ އިލްމީ މަސައްކަތުގެ ނަތީޖާ ކަމަށް ވެސް އެ ފަރާތްތަކުން ބުނެފައިވެއެވެ.





