ޓައިވާން 'ފިއްތާލަން' ޗައިނާއިން މަސައްކަތް ފަށައިފި

ޓައިވާންގެ އިރުމަތީ ފަރާތުގެ ކަނޑުގެ ސަރަހައްދުގައި ޗައިނާގެ ކޯސްޓްގާޑާއި އާންމު އުޅަނދުތަކުގެ ހަރަކާތްތައް އިތުރުވަމުންދާތީ، ޗައިނާއިން ޓައިވާން އެކަހެރިކޮށް، ބޭރު ދުނިޔެއާ އޮންނަ ވިޔަފާރިއާއި އެހީތެރިކަމުގެ ގުޅުން ކަނޑާލުމަށް ރާވަމުންދާ ކަމުގެ ބިރުވެރިކަން ވަނީ ބޮޑުވެފައެވެ.

ޗައިނާގެ ސަރުކާރުން އާންމުކޮށްފައިވާ މައުލޫމާތުތަކަށް ބަލާއިރު، ޖޫން އަދި ޖުލައި މަހުގެ ތެރޭގައި އެ ގައުމުގެ މެރިޓައިމް ސޭފްޓީ އެޑްމިނިސްޓްރޭޝަނާއި ކޯސްޓްގާޑުން ވަނީ ކަނޑުގެ ސަރަހައްދުތަކުގައި ޚާއްސަ ގާނޫނު ތަންފީޒު ކުރުމުގެ ގިނަ އޮޕަރޭޝަންތަކެއް ހިންގާފައެވެ. ތަޖުރިބާކާރުން ބުނާ ގޮތުގައި، ޓައިވާން ކަނޑުއޮޅީގައި ޗައިނާއިން އާންމުކޮށް ޕެޓްރޯލް ކުރި ނަމަވެސް، ޓައިވާންގެ އިރުމަތީ ފަރާތުގައި މިހާ ގިނަ ފަހަރަށް މިފަދަ ހަރަކާތްތައް ހިންގާފައިވަނީ އަލަށެވެ.

"މުޅި ޓައިވާން ވަށާލުން"

ޔޫއެސް ނޭޝަނަލް ބިއުރޯ އޮފް އޭޝިއަން ރިސާޗްގެ ފެލޯ ކޭ ޓްރިސްޓަން ޓަންގް ވިދާޅުވި ގޮތުގައި، މިއީ ޗައިނާއިން ޓައިވާނަށް ދޭ އިންޒާރެކެވެ. "ޗައިނާއިން މިދަނީ ޓައިވާންގެ އިރުމަތީ ކަނޑުގެ ސަރަހައްދަކީ ވެސް އެ ގައުމުގެ ބާރުގެ ދަށުގައި އޮތް ތަނެއްކަން ދައްކަން މަސައްކަތް ކުރަމުން. މިއީ ހަމައެކަނި ކަނޑުއޮޅީގައި ފިއްތުންތައް އިތުރުކުރުމުގެ ބަދަލުގައި، މުޅި ޓައިވާން ވަށާލުމަށް ކުރާ ކަމެއް،" އޭނާ ވިދާޅުވިއެވެ.

މި އޮޕަރޭޝަންތަކުގެ ތެރޭގައި ވިޔަފާރި އުޅަނދުތައް ހުއްޓުވައި، އެ އުޅަނދުތައް އަންނަނީ ކޮންތަނަކުންތޯ އަދި ދަނީ ކޮންތަނަކަށްތޯ ސުވާލުކުރުން ފަދަ ކަންކަން ހިމެނެއެވެ. ޖޫން މަހުގެ ތެރޭގައި ޗައިނާގެ ކޯސްޓްގާޑް އަދި ރިސާޗް އުޅަނދުތައް 55 ފަހަރު ޓައިވާން ކައިރިން ފެނިފައިވެއެވެ. މިއީ މޭ މަހާ އަޅާބަލާއިރު އިތުރުވުމެކެވެ.

"ފިތާލުމުގެ ސްޓްރެޓެޖީ"

ސްޓޭންފޯޑް ޔުނިވާސިޓީގެ 'ސީ ލައިޓް' ގެ ޑިރެކްޓަރު ރޭ ޕަވަލް ސިފަކުރެއްވި ގޮތުގައި، މިއީ ޗައިނާއިން ގެންގުޅޭ "ބޯއާ ކޮންސްޓްރިކްޓާ ސްޓްރެޓެޖީ" ގެ ފިތާލުމުގެ ސްޓްރެޓެޖީ އެކެވެ. "މިއީ ޓައިވާންގެ ހަކަތައާއި ވަސީލަތްތަކަށް ހުރަސް އަޅައި، އެކަހެރިކުރުމުގެ ފެށުމަކަށް ވެދާނެ. ޓައިވާނަކީ ހަކަތައަށް ބޭނުންވާ ތަކެތި އެކްސްޕޯޓްކުރާ ގައުމަކަށް ވާތީ، މިފަދަ ހިސާރުކުރުމަކުން ޓައިވާނަށް ބޮޑު ނުރައްކަލެއް ކުރިމަތިވާނެ،" ޕަވަލް ވިދާޅުވިއެވެ.

ބައިނަލްއަގްވާމީ ފާޑުކިއުންތައް

ޗައިނާގެ މި އަމަލުތަކާ ގުޅިގެން އިނގިރޭސިވިލާތް، ޖަރުމަނުވިލާތް އަދި ފްރާންސުން ވަނީ ކަންބޮޑުވުން ފާޅުކޮށްފައެވެ. އެ ގައުމުތަކުން ބުނެފައިވަނީ، މި އަމަލުތަކަކީ ސަރަހައްދީ ހަމަޖެހުމަށާއި ކަނޑުދަތުރުފަތުރުގެ މިނިވަންކަމަށް އޮތް ނުރައްކަލެއް ކަމަށެވެ. އެމެރިކާގެ ސެކްރެޓަރީ އޮފް ސްޓޭޓް މާކޯ ރުބިއޯ ވެސް ވަނީ މިކަން ކުށްވެރިކުރައްވާފައެވެ.

އެމެރިކާގެ ސަމާލުކަން އެހެން ދިމާލަކަށް

ކްރައިސިސް ގްރޫޕްގެ ސީނިއާ އެނަލިސްޓް ވިލިއަމް ޔަންގް ވިދާޅުވި ގޮތުގައި، ޗައިނާއިން މި ދަނޑިވަޅުގެ ފައިދާ ނަގަނީ އެމެރިކާގެ ސަމާލުކަން އިރާނުގެ ހަނގުރާމައަށް އަމާޒުވެފައި އޮތުމުންނެވެ. އަދި ޓައިވާނާ މެދު އެމެރިކާގެ މިހާރުގެ ރައީސް ޑޮނަލްޑް ޓްރަމްޕް ގެންގުޅުއްވާ ފިނި ސިޔާސަތުގެ ފައިދާ ވެސް ޗައިނާއިން ހޯދަމުންދާ ކަމަށް ބެލެވެއެވެ.

ހިއްސާ ކުރައްވާ!