ހައި-ޓެކް މެނިއުފެކްޗަރިން ހަބުތައް ކުރިއެރުމުން ޕްރޮވިންސްގެ ތަފާތުތައް ފެނިއްޖެ

2026 ވަނަ އަހަރުގެ ފުރަތަމަ ހަ މަސް ދުވަހުގެ ތެރޭގައި ޗައިނާގެ ސަރަހައްދުތަކުން ފެނުނު އިގުތިސާދީ ހިސާބުތަކުން، އެ ގައުމުގެ އިގުތިސާދީ ތަރައްގީގައި ހުރި ހަމަހަމަނޫން ކަންކަން ހާމަވެއްޖެއެވެ. ބެއިޖިން އިން ހައި-ޓެކް ދާއިރާތަކަށް ދެމުން އަންނަ އަހައްމިއްޔަތުގެ ސަބަބުން އެ ދާއިރާތަކުގައި ކުރިއަރާފައިވާ ޕްރޮވިންސްތައް، ކުރީގެ ސިނާއަތްތަކަށް ބަރޯސާވާ ޕްރޮވިންސްތަކަށް ވުރެ މ،ާބޮޑަށް ކުރިއަރައިފިއެވެ.

މި ތަފާތަކީ ޗައިނާގެ އިގުތިސާދު "ދެ ސްޕީޑެއްގައި" ހިނގަމުންދާކަމުގެ ނިޝާނެކެވެ. އުފެއްދުންތެރިކަމާއި އެކްސްޕޯޓް އިތުރުވުމުން އިގުތިސާދަށް ހިތްވަރެއް ލިބުނު ނަމަވެސް، ގެދޮރު އިމާރާތްކުރުމުގެ ދާއިރާ ބަލިކަށިވެ، ކޮންސިއުމަރުންގެ ޚަރަދުތައް މަދުވުމުން ގައުމީ ފެންވަރުގައި "ސަޕްލައި ވަރުގަދަވެ، ޑިމާންޑް ބަލިކަށިވުމުގެ" މައްސަލަ ވަނީ ކުރިމަތިވެފައެވެ.

ޗައިނާގެ މައިގަނޑު އިގުތިސާދީ ސަރަހައްދުތަކުގެ ތެރެއިން ގުއަންޑޮންގް، ޒެޖިއާންގް، ޝަންހާއީ، އަންހުއި އަދި ޝަންޑޮންގް ވަނީ ގައުމީ ފެންވަރުގެ އިގްތިސާދު މަޑުޖެހުމާ ޚިލާފަށް ކުރިއަރާފައެވެ. މި ފަސް ސަރަހައްދަކީ ވެސް އެޑްވާންސް މެނިއުފެކްޗަރިން، ސެމީކޮންޑަކްޓަރު، އޭއައި އަދި އަގުބޮޑު އެކްސްޕޯޓްތަކަށް ބަރޯސާވާ ތަންތަނެވެ.

  • ޒެޖިއާންގް: 5.7% ގެ ކުރިއެރުމަކާއެކު އެންމެ ކުރީގައި އުޅެއެވެ.

  • ޝަންޑޮންގް، އަންހުއި އަދި ޝަންހާއީ: 5.6% ގެ ކުރިއެރުމެއް ހޯދާފައިވެއެވެ.

މިއާ ޚިލާފަށް ގެދޮރު އިމާރާތްކުރުމާއި ސަގާފީ ސިނާއަތްތަކަށް ބަރޯސާވާ ހޫނާން (2.7%)، ޖިލިން (2.4%)، ޝާންޝީ (2.1%) އަދި ލިއާއޯނިން (2.5%) ފަދަ ޕްރޮވިންސްތައް ވަނީ ތަރައްގީގައި ފަހަތަށް ޖެހިފައެވެ.

އަންހުއި ޕްރޮވިންސް ވަނީ ހޫނާން ފަހަތަށް ޖައްސާލުމަށްފަހު، ޗައިނާގެ އެންމެ ވަރުގަދަ 10 އިގުތިސާދުގެ ތެރެއަށް އަލުން ވަދެފައެވެ. އެ ޕްރޮވިންސްގެ ޖީޑީޕީ ވަނީ 2.74 ޓްރިލިއަން ޔުއާން (404.9 ބިލިއަން ޑޮލަރު) އަށް އަރާފައެވެ. މިއީ އިލެކްޓްރިކް ވެހިކަލްއާއި އިލެކްޓްރޯނިކްސް އުފެއްދުމުގެ ސަބަބުން ލިބުނު ކުރިއެރުމެކެވެ. އެ ޕްރޮވިންސްގެ ހައި-ޓެކް އެކްސްޕޯޓް 78.3% އިތުރުވެފައިވާއިރު، ކާރު އެކްސްޕޯޓް ވަނީ ދެ ގުނަ އިތުރުވެފައެވެ.

މާޗް މަހު ރައީސް ޝީ ޖިންޕިން ވަނީ ޗައިނާގެ މައިގަނޑު ޕްރޮވިންސްތަކުން ހަމައެކަނި އުފެއްދުންތެރިކަން އިތުރުކުރުމުގެ ބަދަލުގައި، އީޖާދީ މަސައްކަތްތަކާއި "އާ އުފެއްދުންތެރި ބާރުތައް" ތަރައްގީކުރުމުގައި އިސްނެގުމަށް ގޮވާލައްވާފައެވެ.

އިގުތިސާދީ މާހިރުން ލަފާކުރާ ގޮތުގައި، 4.5% އާއި 5% އާ ދެމެދުގެ ގައުމީ އިގުތިސާދީ އަމާޒަށް ވާސިލުވުމަށްޓަކައި، އަހަރުގެ ބާކީ އޮތް ބައިގައި އިންވެސްޓްމަންޓް މަޝްރޫއުތައް ހަލުވިކުރަން ޖެހޭނެއެވެ. ނަމަވެސް، ޒެޑް.އޭ.އެން.ޒެޑްގެ ސްޓްރެޓެޖިސްޓް ޒާއޯޕެންގް ޒިންގް ފާހަގަކުރާ ގޮތުގައި، މިހާރު ލޯކަލް ސަރުކާރުތަކުގެ ކާމިޔާބީ ބަލަނީ ހަމައެކަނި ޖީޑީޕީން ނޫން ކަމަށާއި، ދަރަނި އަދާކުރުމާއި، އިޖުތިމާއީ ރައްކާތެރިކަމާއި، ތިމާވެށީގެ ލަނޑުދަނޑިތަކަށް ވެސް މިހާރު ބަލާކަމަށެވެ.

ހިއްސާ ކުރައްވާ!