މައިންނާއި ޅަދަރިންގެ ސިއްހަތު: ސިޔާސަތުތަކަށް އައި މުހިންމު ބަދަލުތަކާއެކު އުއްމީދީ ކުރިއެރުންތަކެއް

މައިންނާއި ޅަދަރިންގެ ސިއްހީ ރައްކާތެރިކަން ކަށަވަރުކުރުމަށް ރާއްޖެއިން ހޯދަމުން އަންނަ ކުރިއެރުންތައް، ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ސާޖިދާ މުހައްމަދު ފާހަގަކުރައްވައިފިއެވެ. ދުނިޔޭގެ ގާތުން ދިނުމުގެ ހަފްތާއާ ގުޅުވައިގެން އެކަމަނާ ފާޅުކުރެއްވި ޚިޔާލުފުޅުތަކުގައި، ދަރިފުޅުގެ ދުޅަހެޔޮކަމުގެ ބިންގަލަކީ ގާތުން ދިނުން ކަމަށާއި، އެކަމަށް މަގުފަހިކޮށްދިނުމަކީ މުޅި މުޖުތަމައުގެ ޒިންމާއެއް ކަމަށް ވިދާޅުވިއެވެ.

ވަޒީފާއަދާ ކުރާ މައިންނަށް ދަރިފުޅާއެކު ވަގުތު ހޭދަކުރުމުގެ ފުރުސަތު ފުޅާކުރުމަކީ، ފާއިތުވި ދެ އަހަރުގެ ތެރޭގައި ސަރުކާރުން އެޅި އެންމެ މުހިންމު ފިޔަވަޅުތަކުގެ ތެރޭގައި ހިމެނޭ ކަމެކެވެ. މި މަހުގެ މެދުތެރޭގައި ތަސްދީގު ކުރެވުނު ވަޒީފާއާ ބެހޭ ގާނޫނުގެ އިސްލާހާއެކު، މުވައްޒަފަކު ވިހެއުމަށްފަހު އެނބުރި ވަޒީފާއަށް ނުކުންނަ ދުވަހުން ފެށިގެން، ދަރިފުޅަށް ގާތުން ކިރު ދިނުމަށް ލިބޭ 30 މިނެޓުގެ ދެ ބްރޭކްގެ މުއްދަތު ވަނީ އެއް އަހަރުން ދެ އަހަރަށް އިތުރުކޮށްފައެވެ.

"މިއީ ދަރިފުޅުގެ ދިފާއީ ނިޒާމު ވަރުގަދަކޮށް، މަންމައާއި ދަރިފުޅާ ދެމެދު އޮންނަ ގުޅުން ބަދަހިކޮށް، ދުޅަހެޔޮ މުސްތަގުބަލެއް ބިނާކުރުމަށް އެޅޭ ވަރަށް މުހިންމު ފިޔަވަޅެއް،" ސާޖިދާ ވިދާޅުވިއެވެ.

ރާއްޖޭގެ މި ބަދަލުތަކަކީ ވިހެއުމާ ގުޅިގެން މައިންނަށް ލިބޭ ހަ މަސް ދުވަހުގެ ޗުއްޓީއާއި، އެއާއެކު ދެވޭ އެހެނިހެން އިނާޔަތްތަކާއެކު، ސަރަހައްދީ ފެންވަރުގައި ވެސް މައިންނާއި ޅަދަރިންގެ ސިއްހީ ރައްކާތެރިކަމަށް ގެނަސްފައިވާ މުހިންމު ބަދަލުތަކެކެވެ.

އެކަމަނާ އިތުރަށް ވިދާޅުވީ، ސަރުކާރުން ކަނޑައަޅާފައިވާ މި ހައްގުތަކުގެ ބޭނުން ހިފުމަކީ މައިންގެ ޒިންމާއެއް ކަމަށާއި، އެކަމަށް ބޭނުންވާ މާހައުލު ގާއިމުކޮށްދިނުމުގައި އާއިލާތަކާއި ވަޒީފާދޭ ފަރާތްތަކުން ވެސް ޚާއްސަ ސަމާލުކަމެއް ދޭންޖެހޭ ކަމަށެވެ.

މިއަހަރުގެ ގާތުން ދިނުމުގެ ހަފްތާގެ ޝިއާރު ކަމަށްވާ "ދެމެހެއްޓެނިވި ދިރިއުޅުމެއް ފެށުމަށް ގާތުން ކިރު ދިނުން: ނަތީޖާ ނެރެވޭ ކަންކަން ހަރުދަނާ ކުރުން" އެކުލަވައިލާފައިވަނީ މައިންނަށް ލިބޭ މިފަދަ ފުރުސަތުތަކުގެ ބޭނުން ހިފައި، ގައުމީ ފެންވަރުގައި އެކަން އާދައަކަށް ހެދުމުގެ އަމާޒުގައެވެ.

ހިއްސާ ކުރައްވާ!