ވޮޝިންގްޓަންގެ މައި އެއާޕޯޓެއް ކައިރިން، ރައީސް ޑޮނަލްޑް ޓްރަމްޕް ދަތުރުކުރެއްވި ރަސްމީ ހެލިކޮޕްޓަރާއި އާންމު ޕެސެންޖަރު ބޯޓެއް ކައިރިވެ، ދެމެދުގައި އޮންނަންޖެހޭ ރައްކާތެރި ދުރުމިން ގެއްލިފައިވާ ހާދިސާއެއް ތަހުގީގު ކުރަން ފަށައިފިއެވެ.
އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ދަތުރު ކުރައްވާ ޚާއްސަ ހެލިކޮޕްޓަރުކަމަށްވާ "މެރިން 1″ އާއި އާންމު ޕެސެންޖަރުން އުފުލާ އުދުހޭ ބޯޓެއް ވަރަށް ބޮޑަށް ކައިރިވެ، ދެމެދުގައި އޮންނަންޖެހޭ ރައްކާތެރި ދުރުމިން ގެއްލިފައިވާ މައްސަލަ ދިމާވީ އިއްޔެ އެމެރިކާގެ ވެރިރަށުގެ އެއާޕޯޓް ކައިރިންނެވެ.
މި ހާދިސާ ހިނގާފައިވަނީ އަންގާރަ ދުވަހު ވޮޝިންގްޓަންގެ ރޮނަލްޑް ރޭގަން ނޭޝަނަލް އެއާޕޯޓް ކައިރިންނެވެ. ނަމަވެސް، މި ހާދިސާގައި ރައީސް ޓްރަމްޕަށް އެއްވެސް ނުރައްކަލެއް ކުރިމަތިވެފައިނުވާ ކަމަށް ކަމާބެހޭ ފަރާތްތަކުން ޔަގީންކޮށްދީފައިވެއެވެ.
ހާދިސާ ހިނގާދިޔަގޮތް
އޮފިޝަލުން މައުލޫމާތުދޭގޮތުގައި، ރައީސް ޓްރަމްޕްގެ ހެލިކޮޕްޓަރު އޭގެ ދަތުރަށް ކަނޑައަޅާފައިވާ ވައިގެ މަގަށް އެރި ވަގުތު، އެއާޕޯޓުން ފުރަން ތައްޔާރުވަމުންދިޔަ އިންވޯއި އެއާގެ ޕެސެންޖަރުން އުފުލާ އުދުހޭ ބޯޓަކަށް ވެސް ހަމަ އެވަގުތު އެ މަގު އިޚުތިޔާރު ކުރުމަށް ޓަވަރުން އޮތީ ފުރުޞަތު ދީފައެވެ.
އެމެރިކާގައި މިދިޔަ 2025 ވަނަ އަހަރުގެ ޖެނުއަރީ މަހު އުދުހޭ ބޯޓަކާއި ހެލިކޮޕްޓަރެއް އެއް މަގެއްގައި ތިބެގެން މުޑި އެރި ހާދިސާއަށް ފަހު އެފް.އޭ.އޭ އިން ވަނީ ރޭގަން އެއާޕޯޓް ސަރަޙައްދުގައި ހެލިކޮޕްޓަރާއި ފަސިންޖަރުން އުފުލާ ބޯޓުތައް އެއްގަޑިއެއްގައި އުދުހުން މަނާކޮށް ހަރުކަށި އުސޫލުތަކެއް ކަނޑައަޅާފައެވެ.
އެ އުސޫލު އޮންނަގޮތުން، ރައީސްގެ ހެލިކޮޕްޓަރު ފުރުމުގެ ތިން މިނެޓު ކުރިން އެއާޕޯޓުގައި އާންމު މަތިންދާ ބޯޓުގެ ދަތުރުތައް މެދުކަނޑާލަން ޖެހެއެވެ.
ނަމަވެސް، މިފަހަރު އެ ޤަވާއިދާ ޚިލާފަށް ކޮންޓްރޯލް ޓަވަރުން އަމަލުކުރުމުގެ ސަބަބުން، ހެލިކޮޕްޓަރާއި އުދުހޭ ބޯޓު އެއް މަގަކަށް އަރައި ދެ ބޯޓު އެއް ބޯޓު އަނެއް ބޯޓާ ކައިރިވެ، ދެ ފަރާތުގެ ދެމެދު ހުރަހަށް އޮންނަންޖެހޭ ދޮޅު މޭލުގެ ދުރުމިނާއި އޮލަނބަށް އޮންނަން ޖެހޭ 500 ފޫޓުގެ ދުރުމިން ގެއްލިގެންދިޔައެވެ.
މި ހާދިސާއާ ގުޅިގެން ކޮންޓްރޯލް ޓަވަރުންނާއި ދެ ބޯޓުގެ ޕައިލެޓުން ވަގުތުން މުއާޞަލާތުކޮށް، ދެ ބޯޓު ވެސް ވަނީ ރައްކާތެރިކަމާއެކު ދުރުކޮށްފައެވެ.
މި ހާދިސާއަކީ ބޮޑު ސަމާލުކަމެއް ލިބިފައިވާ ކަމަކަށްވާތީ، އެމެރިކާ ސަރުކާރުގެ އެކި އިދާރާތައް ގުޅިގެން މިކަން ތަހުގީގު ކުރުމަށް މިހާރުވަނީ ތަޙުޤީޤެއް ފަށާފައެވެ.






