ހުރުމުޒުއާ ބެހޭ އެއްބަސްވުން އެންމެ ފަހު މަރުހަލާގައި: އީރާން

ހުރްމުޒް ކަނޑުއޮޅީގެ ދަތުރުފަތުރާ ގުޅޭ އެއްބަސްވުން ފަހު މަރުޙަލާގައި އުޅޭ ކަމަށް އީރާނުން ބުނެއެވެ. އީރާނާއި އޮމާނާ ދެމެދު ހުރްމުޒް ކަނޑުއޮޅި މެނޭޖު ކުރުމާ ބެހޭ ގޮތުން ޙައްލުނުވެ ހުރި ހުރިހާ މައްސަލަތަކާ ގުޅޭގޮތުން އެއްބަސްވުމަކަށް އާދެވިފައިވާ ކަމަށް އީރާނުގެ ޚާރިޖީ ވުޒާރާއިން ބުދަ ދުވަހު ހާމަކޮށްފިއެވެ. އީރާނުގެ ޚަބަރު ފަތުރާ އޭޖެންސީން ރިޕޯޓުކޮށްފައިވާގޮތުގައި މި "އައު އެއްބަސްވުމުގެ" ދަށުން ވަގުތީ ކަނޑުގެ މަގުތައް ބަންދުކޮށް، 2 މަހާއި 4 މަހާ ދެމެދުގެ މުއްދަތަކަށް އުޅަނދުތަކަށް ބޭނުން ކުރާނެ ދަތުރު ފަތުރުގެ އައު މަގެއް ޤާއިމުކުރެވޭނެއެވެ.

އީރާނުގެ ނައިބު ޚާރިޖީ ވަޒީރު ކާޡިމް ޣަރީބް އަބާދީއާ ހަވާލާދީ އެ އޭޖެންސީން ބުނެފައިވަނީ، "ތަހުރާނުން މަސައްކަތްކުރަމުންދަނީ ހުރްމުޒް ކަނޑުއޮޅީގައި އައު ކަނޑުގެ މަގުތަކެއް ޤާއިމުކުރުމަށް" ކަމަށާއި، މިހާރު ބޭނުން ކުރަން އޮތް މަގަކީ "އީރާނުގެ ޤައުމީ ސަލާމަތަށް އޮތް ނުރައްކަލެއް" ކަމަށެވެ.

އަދި އީރާނާއި އޮމާނާ ދެމެދު ވެވޭ މި އައު ފަހުމުނާމާ ތަންފީޒުކުރުމުގެ ސަބަބުން، އުތުރާއި ދެކުނުގެ ވަގުތީ ދެ މަގު ބަންދުވެ، އޭގެ ބޮޑު ބައެއް އީރާނުގެ އިމުގެ ކަނޑުގެ ސަރަޙައްދުގެ ތެރެއިން ދާނެ އައު މަގެއް އުފެދިގެންދާނެ ކަމަށް އޭނާ ވިދާޅުވިއެވެ.

އޭނާ އިތުރަށް ވިދާޅުވީ، "ހުރްމުޒް ކަނޑުއޮޅި އަލުން ހުޅުވުމަށް ވަކި ޚާއްސަ ޝަރުޠުތަކެއް ކަނޑައަޅާފައިވާ ކަމަށެވެ." އަދި އިސްލާމްއާބާދު ފަހުމުނާމާގެ ދަށުން އެމެރިކާއިން ވެފައިވާ ވައުދުތަކަށް ރުޖޫޢަވުމަކީ ޝަރުޠެއް ކަމުގައިވީ ނަމަވެސް، ކަނޑުއޮޅި ހުޅުވުމަށް އެކަން އެކަނި ނުފުދޭނެ ކަމަށް އޭނާ ވިދާޅުވިއެވެ.

ހުރްމުޒް ކަނޑުއޮޅިއާ ގުޅޭގޮތުން ވެވޭ ކޮންމެ އެއްބަސްވުމެއް ވެސް އޮންނަންވާނީ ހަމައެކަނި އީރާނާއި އޮމާނާ ދެމެދު ކަމަށް ވިދާޅުވަމުން ޣަރީބް އަބާދީ ފާހަގަކުރެއްވީ، އެ ކަނޑުއޮޅީގެ ކަންކަމުގެ ތެރެއަށް ބޭރުގެ އެއްވެސް ޤައުމެއްގެ ނުފޫޒެއް ނުވަތަ ބައިވެރިވުމެއް އޮތުމަށް އީރާނުން ޤަބޫލެއް ނުކުރާނެ ކަމަށެވެ.

އެމެރިކާއާ ގުޅޭ މެސެޖުތަކާއި ކަނޑުއޮޅި ހުޅުވުމުގެ ޝަރުޠުތައް

އެމެރިކާއާ ގުޅޭގޮތުން ވާހަކަ ދައްއްކަވަމުން އީރާނުގެ ނައިބު ޚާރިޖީ ވަޒީރު ވިދާޅުވީ، އެމެރިކާގެ ފަރާތުން އީރާނަށް ބައެއް މެސެޖުތައް ލިބިފައިވާ ކަމަށެވެ. ނަމަވެސް ފާއިތުވި ދުވަސްތަކުގައި އީރާނުން އެމެރިކާއާ އެއްވެސް މަޝްވަރާއެއް ކޮށްފައި ނުވނެ ކަމަށެވެ.

މިކަމާ ގުޅޭގޮތުން އީރާނުގެ ޚާރިޖީ ވުޒާރާގެ ތަރުޖަމާނު އިސްމާޢީލް ބަޤާއީ ވިދާޅުވެފައިވަނީ، އީރާނާއި އޮމާނާ ދެމެދު ވެވޭ އެއްބަސްވުމަކީ ކަނޑުއޮޅި ސައްތައިން ސައްތަ ރައްކާތެރި ތަނަކަށް ވާނެ ކަމުގެ ގެރެންޓީއެއް ނޫނެވެ. އަދި މިކަމުގައި އީރާނުން ޕާކިސްތާނާއި ޤަޠަރާއެކު ވެސް ޚިޔާލު ބަދަލުކުރަމުންދާ ކަމަށް އޭނާ ވިދާޅުވިއެވެ.

އީރާނުގެ މީޑިއާ ބުނަނީ ކަނޑު އޮޅި ހުޅުވުމުގެ އެއްބަސްވުން ލަސް ވެގެން ދިޔައީ އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ގެ ހޮޅި  އިންޒާރުތަކާ ހެދިއެވެ. އަދި އެމެރިކާގެ އަސްކަރީ ނުފޫޒާއި އިންޒާރުތައް ދެމުންދާހާ ހިނދަކު މިފަދަ އެއްބަސްވުންތަކަށް ފުރިހަމައަށް ވާސިލުވުމަށް ހުރަސްތައް ކުރިމަތިވާނެ ކަމަށް އީރާނުން އިންޒާރު ދެއެވެ.

ހިއްސާ ކުރައްވާ!