އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް މަރާލަން ނުރައްކާތެރި ޙަމަލާތަކެއް ދިނުމަށް އެތައް ފަހަރަކު މަސައްކަތްކޮށްފައިވެއެވެ. އަންގާރަ ދުވަހުވެސް އެފަދަ ކަމެއް ހިނގާން އުޅެނިކޮށް ތްރަމްޕް ވަނީ ސަލާމަތް ވެފައެވެ.
ޓްރަމްޕް ލޮސްއެންޖެލްސް ސަރަޙައްދަށް ޒިޔާރަތްކުރެއްވުމުގެ ދެ ދުވަސް ކުރިން، ލޮސް އެންޖެލިސްގައި ހުންނަ އޭނާގެ ގޮލްފް ކޯސްއަކުން ހަތިޔާރާއެކު ހުރި މީހަކު ހައްޔަރުކޮށްފައިވާ ކަމަށް ފުލުހުން ބުނެފިއެވެ.
ކެލިފޯނިއާގެ ޑައުނީއަށް ނިސްބަތްވާ އުމުރުން 38 އަހަރުގެ ޖެނީން ޓެއިލް ނަމަކަށް ކިޔާ މީހާ ހައްޔަރުކޮށްފައިވަނީ އާދީއްތަ ދުވަހުގެ ހަވީރު އެވެ.
ފުލުހުން ނެރުނު ބަޔާނެއްގައިވާ ގޮތުން، ފެޑެރަލް އޭޖެންޓުން އާދައިގެ ހެދުމުގައި ތިބެ، އެ މީހާ ގޮލްފް ކޯހުގެ އެކި ސަރަޙައްދުތަކުގައި ހިނގާބިނގާވެ، ފޮޓޯއާއި ވީޑިއޯ ނަގަމުން އަދި ސެކިއުރިޓީގެ ރޭވުންތައް މޮނިޓަރުކުރަމުންދާ މަންޒަރު ފާހަގަކޮށްފައިވެއެވެ.
ރައީސް ޓްރަމްޕް އެ ކްލަބަށް ހެލިކޮޕްޓަރުގައި ވަޑައިގެންފައިވަނީ އަންގާރަ ދުވަހުގެ ހަވީރު، ރިޕަބްލިކަން ނޭޝަނަލް ކޮމިޓީން އިންތިޒާމުކުރި ފަންޑްރެއިޒިންގ ޑިނާއެއްގައި ބައިވެރިވެވަޑައިގަތުމަށެވެ.
ފުލުހން ބުނާގޮތުން، އެ މީހާ ހައްޔަރުކޮށް ބަލައިފާސްކުރިއިރު އޭނާގެ ޖީބުން 16 ވަޒަން ފެނިފައިވެއެވެ. އަދި އޭނާ ދުއްވި އުޅަނދު ބަލައިފާސްކުރުމުން ހަތިޔާރު އަޅާފައިވާ ބަޑިއަކާއި، އިތުރު ވަޒަންތައް ވަނީ ފެނިފައެވެ.
މީގެ އިތުރުން، ފުލުހުންނާއި އެފްބީއައި ގެ ކައުންޓަރ ޓެރަރިޒަމް ޔުނިޓްގެ އިންވެސްޓިގޭޓަރުން ވަނީ ޓެއިލްގެ ގެއަށް ގޮސް ގެ ވެސް ބަލައިފާސްކޮށްފައެވެ. އެ ތަނުން ހަނގުރާމަވެރިން ބޭނުން ކުރާ ޒާތުގެ ބަޑިއާއި ބުލެޓްޕްރޫފް ވެސްޓަކާއި ދެ ވޯކީޓޯކީގެ އިތުރުން ކްރިސްޓިއަން ޓެެރަރިސްޓ ލިޔުންތައްް ލިޔެފައިވާ ފޮތްތަކެއް ފެނިފައިވާ ކަމަށް ބުނެފައިވެއެވެ.
މީގެ ކުރީގެ ހަމަލަތަކުންވެސް ޓްރަމްޕް ވަނީ ސަލާމާތް ވެފައެވެ،





