އެމެރިކާއާއި އީރާނާ ދެމެދު ސިޔާސީ ޙައްލެއް ހޯދުމަށް ކުރަމުންދާ މަސައްކަތްތައް ހުއްޓުމެއްނެތި، ކުރިއަށްދާ ކަމަށާއި، ނަމަވެސް ދެ ޤައުމުގެ މެދުގައި ސީދާ މަޝްވަރާތަކެއް ބޭއްވުމަށް ރޭވިފައިނުވާ ކަމަށް މެދުވެރިއެއްގެ ރޯލު އަދާކުރާ ޤަތަރުން އަންގާރަ ދުވަހު ބުނެފިއެވެ.
ނޫސްވެރިންނަށް މަޢުލޫމާތު ދެއްވަމުން ޤަތަރުގެ ޚާރިޖީ ވުޒާރާގެ ތަރުޖަމާނު މާޖިދު އަލްއަންޞާރީ ވިދާޅުވީ، "ހުރިހާ ފަރާތްތަކާ ގުޅިގެން މަސައްކަތްތައް އަދިވެސް ކުރިއަށްދާކަން އަޅުގަނޑުމެން ކަށަވަރުކޮށްދެމު" ކަމަށެވެ. އަދި މި މަޝްވަރާތައް ބިނާކޮށްފައިވަނީ "މަޝްވަރާތައް އަލުން ފަށައި، މެދުވެރިންގެ މަސައްކަތްތައް ފުރިހަމަ މަގަށް އަނބުރާ ގެނައުމަށް އެހީތެރިވެދޭނެ ކުރު މުއްދަތުގެ ޙައްލެއް" ހޯދުމުގެ މައްޗަށް ކަމަށް އޭނާ ވިދާޅުވިއެވެ.
ޤަތަރު، ސަޢުދީ ޢަރަބިއްޔާ، ޔުނައިޓެޑް އަރަބް އެމިރޭޓްސް އަދި އެހެންވެސް ޤައުމުތަކުން ކުރި އާދޭހުގެ މަތިން އެމެރިކާ ވަނީ އީރާނާ އެކު މަޝްވަރާތައް ކުރިއަށްގެންދިޔުމަށް އެއްބަސްވެފައެވެ.
"އަޅުގަނޑުމެންގެ މިވަގުތުގެ އެންމެ ބޮޑު އަމާޒަކީ ނުތަނަވަސްކަން ކުޑަކޮށް، ކަނޑުއޮޅި އަލުން ހުޅުވާލައި، ދެ ފަރާތުގެ މެދުގައި ސިޔާސީ މަޝްވަރާތަކަށް އަލުން ފުރުޞަތު ތަނަވަސްކޮށްދިނުން،" އަލްއަންޞާރީ ވިދާޅުވިއެވެ. އަދި "ވީ އެންމެ އަވަހަކަށް މަޝްވަރާތައް އަލުން ފެށިއްޖެނަމަ، ބޮޑު އެއްބަސްވުމަކާ ހަމައަށް ވާޞިލުވުމަށް މަގުފަހިވެގެންދާނެ ކަމަށް އުއްމީދުކުރަން" ކަމަށްވެސް އޭނާ ވިދާޅުވިއެވެ.
އެމެރިކާއާއެކު އެއްވެސް މަޝްވަރާއެއް ކުރެވެމުން ނުދާ ކަމަށް އީރާނުގެ ޚާރިޖީ ވުޒާރާއިން ހޯމަ ދުވަހު ވަނީ ބުނެފައެވެ.
"ޤަތަރާއި، ޕާކިސްތާނާއި އަދި މިހާރު އޮމާނުންވެސް ދަނީ އެކުގައި މަސައްކަތްކުރަމުން،" އަލްއަންޞާރީ ވިދާޅުވިއެވެ. "ދެ ފަރާތުގެ މެދުގައި މަޝްވަރާތައް ފަސޭހަކޮށްދިނުމަށާއި، ޚިޔާލު ބަދަލުކުރުމަށާއި އަދި ޑްރާފްޓްތައް ބަދަލުކުރުމަށްޓަކައި އަޅުގަނޑުމެން އޮމާނުގެ ފަރާތާ އެކުވެސް ވަރަށް ގާތުން މަސައްކަތްކުރަމުން އެބަ ގެންދަމު،" އޭނާ އިތުރަށް ވިދާޅުވިއެވެ.







