އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް، އީރާނާއެކު ކޮންމެ އަގެއްގައި ނަމަވެސް އެއްބަސްވުމަކަށް އަންނަން ބޭނުންފުޅުވާ ކަމަށާއި، ނަމަވެސް އެ މަޝްވަރާތަކުގެ ސީދާ މައުލޫމާތު އިޒްރޭލަށް ނުލިބޭތީ އިޒްރޭލުގެ ސަރުކާރުން ކަންބޮޑުވުން ފާޅުކުރަމުންދާ ކަމަށް އިޒްރޭލުގެ ޗެނަލް 12 އިން ރިޕޯޓްކޮށްފިއެވެ.
އިޒްރޭލުގެ އޮފިޝަލުންނާ ހަވާލާދީ ޗެނަލް 12 އިން ބުނީ، އެމެރިކާ އާއި އީރާނާ ދެމެދު ކުރިއަށްދާ ސިއްރު މަޝްވަރާތަކާ ބެހޭ އެންމެ ފަހުގެ މައުލޫމާތުތައް ވޮޝިންގްޓަނުން އިޒްރޭލަށް ސީދާ ގޮތެއްގައި ހިއްސާކުރަމުން ނުދާ ކަމަށެވެ. އަދި އެ މަޝްވަރާތަކުގެ ގިނަ މައުލޫމާތުތައް އިޒްރޭލަށް ލިބެނީ ނުސީދާ މަގުތަކުން ކަމަށްވެސް އެ ރިޕޯޓުގައި ބުނެފައިވެއެވެ.
އިޒްރޭލުގެ ސީނިއާ އޮފިޝަލަކު ބުނީ ގޮތުގައި، ޓްރަމްޕާއި އޭނާގެ އަރިސް މުޝީރުން ބޭނުންވަނީ ކޮންމެ ފަދަ ގުރުބާނީއެއް ވެގެންވެސް އީރާނާއެކު ޑިޕްލޮމެޓިކް އެއްބަސްވުމެއް ގާއިމުކުރުމަށެވެ. އަދި އެމެރިކާގެ މިއުސޫލު އީރާނަށް ވަރަށް ރަނގަޅަށް އެނގޭތީ، މަޝްވަރާތަކުގައި އީރާނުން އޭގެ ފައިދާ ނަގަމުންދާ ކަމަށް އިޒްރޭލުން ގަބޫލުކުރެއެވެ.
މީގެ އިތުރުން، އީރާނުގެ މައްސަލައިގައި ޓްރަމްޕް ނިންމަވާ ނިންމެވުންތަކަކީ ނުހަނު އޮޅުންބޮޅުން ބޮޑު، ސާފުކަމެއް ނެތް އަދި އަވަސްއަވަހަށް ބަދަލުވަމުންދާ ނިންމެވުންތަކެއްގެ ގޮތުގައި އިޒްރޭލުގެ މަސްއޫލުވެރިން ސިފަކުރެއެވެ.
މި ވަގުތު ދެ ގައުމުގެ ދެމެދުގައި ސިޔާސީ އަދި ހާރިޖީ މަގު އިޚްތިޔާރުކޮށްފައިވީ ނަމަވެސް، މަޝްވަރާތައް ނިމިގެންދާނެ ގޮތެއް އަދި ސާފެއް ނުވާ ކަމަށް ވެސް ބުނެފައިވެ އެވެ.







