އީރާން ހަނގުރާމައިގައި އެމެރިކާގެ ދުރު ރާސްތާ މިސައިލްގެ ރިޒާވް ހުސްވަނީ: ރިޕޯޓް

އީރާނާ ދެކޮޅަށް ކުރިއަށްދާ ސޮލީބީ ހަނގުރާމައިގައި އެމެރިކާގެ ސިފައިން ބޭނުންކުރާ ދުރު ރާސްތާގެ ޕްރެސިޝަން މިސައިލްގެ ރިޒާވްގެ ބޮޑު ބައެއް ހުސްވެފައިވާ ކަމަށް ރޮއިޓާސްއިން އާންމުކުރި ރިޕޯޓެއްގައި ބުނެފިއެވެ. މީގެ ސަބަބުން ޗައިނާ ފަދަ ގައުމުތަކާއެކު ކުރިމަތިވެދާނެ އަސްކަރީ ނުރައްކަލަކަށް އެމެރިކާ ތައްޔާރުވެފައިވާ މިންވަރާމެދު މިހާރު ވަނީ ކަންބޮޑުވުން އުފެދިފައެވެ.

މި ރިޕޯޓްގައިވާ ގޮތުން އެމެރިކާއިން އެންމެ ގިނައިން ބޭނުންކޮށްފައިވަނީ އެއްގަމުން ފޮނުވާލާ ދުރު ރާސްތާގެ އެޓެކްމްސް  އަދި އާ ޕްރެސިޝަން ސްޓްރައިކް މިސައިލް އެވެ. މަޢުލޫމާތު އެނގޭ ފަރާތްތަކުން ބުނާ ގޮތުގައި އެމެރިކާގެ އަތުގައި ހުރި މިފަދަ މިސައިލްތައް "ދާދި އެކީއެކަށްހެން" މިހާރު ވަނީ ބޭނުން ކޮށް ގުދަން ހުސްވާ ވަރުވެފައެެވެ.

މީގެ އިތުރުން، ޕޭޓްރިއޮޓް އަދި ތާޑް ފަދަ ދިފާއީ މިސައިލް ސިސްޓަމްތަކުގެ ރިޒާވްވެސް ވަރަށް ބޮޑަށް ދަށްވެފައިވާ ކަމަށް ސެންޓަރ ފޯ ސްޓްރެޓީޖިކް އެންޑް އިންޓަރނޭޝަނަލް ސްޓަޑީޒްއިން ލަފާކުރެއެވެ.

ނަމަވެސް، އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަންޕް ވަނީ މި ކަންބޮޑުވުންތައް ދޮގުކުރައްވައި، އެމެރިކާގައި ބޭނުންވާ ވަރަށްވުރެ ގިނައިން އުފެއްދުންތަކާއި ހަތިޔާރު ހުރިކަމަށް ވިދާޅުވެފައެވެ. އަދި ޕެންޓަގަންއިންވެސް ވަނީ އެމެރިކާގެ މަސްލަހަތުތައް ހިމާޔަތްކުރުމުގެ ފުރިހަމަ ގާބިލުކަން ސިފައިންގެ ކިބައިގައި ހުރި ކަމަށް ބުނެފައެވެ.

ހިއްސާ ކުރައްވާ!