ކެސްޕިއަން ކަނޑުގައި އޮތް އީރާނުގެއާގު ބޯޓަކަށް ޔުކްރެއިނުން ދިން ޙަމަލާއެއްގެ ރައްދެއްގެ ގޮތުން، ޔުކްރެއިންގެ ތިން ސަރަޙައްދަކަށް ޙަމަލާދިނުމަށް އީރާނުގެ ކޮމާންޑޯއިން ރޭވުމަށްފަހު އެކަން ހުއްޓާލާފައިވާ ކަމަށް އީރާނުގެ އެންމެ މަތީ ލީޑަރުގެ އަސްކަރީ މުޝީރު މުޙްސިން ރަޒާއީ ވިދާޅުވެއްޖެއެވެ.
އީރާނުގެ ޓީވީ މެދުވެރިކޮށް ވާހަކަދައްކަވަމުން ރަޒާއީ ވިދާޅުވީ، ކެސްޕިއަން ކަނޑުގައި އޮތް އީރާނުގެ އާގު ބޯޓައަށް ދިން ޙަމަލާގައި ބައެއް މީހުން މަރުވެ ޒަޚަމްވުމާ ގުޅިގެން، ފުޅާ ދާއިރާއެއްގައި ކޮމާންޑޯއިންގެ އަސްކަރީ ރައްދެއް ދިނުމަށް ރޭވި ކަމަށެވެ. ނަމަވެސް ޔުކްރެއިންގެ ފަރާތުން ރަސްމީކޮށް މާފަށް އެދުމާ ގުޅިގެން އެ ޙަމަލާ ދިނުން ހުއްޓާލީ ކަމަށް އޭނާ ވިދާޅުވިއެވެ.
މި ޙަމަލާއަކީ ބައިނަލްއަޤްވާމީ ޤާނޫނާ ޚިލާފަށް ދިން ޢުދުވާނީ ޢަމަލެއް ކަމަށް އީރާނުން ސިފަކޮށްފައިވާއިރު، މިއީ "އޮޕަރޭޝަނަލް ކުށެއް" ކަމަށް ބުނެ ޔުކްރެއިނުން ވަނީ މައާފަށް އެދިފައެވެ.
ރަޝިޔާއަށް ޑްރޯން ބޯޓާއި މިސައިލް ފޯރުކޮށްދޭ ކަމަށް ބުނެ ޔުކްރެއިނުން އީރާނަށް ތުހުމަތުކުރަމުންދާ ދަނޑިވަޅެއްގައި، މި ހާދިސާއާއެކު ދެ ޤައުމުގެ ނުތަނަވަސްކަން ވަނީ އިތުރަށް ބޮޑުވެފައެވެ. އަދި އީރާނާއި ރަޝިޔާ ގުޅުވައިދޭ މުހިންމު ސަރަޙައްދެއް ކަމަށްވާ ކެެސްޕިއަން ކަނޑަކީ މިހާރު ޔުކްރެއިނާއި އެ ޤައުމުގެ އެކުވެރިންގެ ނުސީދާ ހަނގުރާމައިގެ އާ މައިދާނަކަށް ވެފައިވާ ތަނެކެވެ.







