ޗައިނާއިން ނަގާފައިވާ 1.3 ބިލިއަން ޑޮލަރުގެ ލޯނެއް ރީފައިނޭންސް ކޮށްދެނީ

ޗައިނާއިން ނަގާފައިވާ 1.3 ބިލިއަން ޑޮލަރުގެ ކޮމާޝަލް ލޯނެއް ރީފައިނޭންސް ކޮށްދިނުމަށް ޕާކިސްތާނުން އެދިފައިވާ ކަމަށް މީޑިއާއިން ހާމަކޮށްފިއެވެ. މާލީ ވުޒާރާގެ މަސްދަރުތަކާ ހަވާލާދީ ޕާކިސްތާން މީޑިއާ ރިޕޯޓުކޮށްފައިވާ ގޮތުގައި، ލޯނުގެ ޝަރުޠުތައް ހަމަޖެހުމަށްފަހު މިމަހުގެ ފަހުކޮޅު އެ ފައިސާ ޕާކސިްތާނަށް ލިބޭނެ ކަމަށް ލަފާކުރެވެއެވެ.

މަސްދަރުތައް ބުނާގޮތުން، ރީފައިނޭންސް ކުރުމުގެ ކަންކަން އަވަސްކުރުމަށް ޗައިނާގެ އިސްވެރިންނާއެކު މަޝްވަރާތައް ދަނީ ކުރިއަށެވެ. އަދި މި ފައިސާ ލިބުމުން ޕާކިސްތާނުގެ ބޭރު ފައިސާގެ ރިޒާވަށް ވަރަށް ބޮޑު ލުޔެއް ލިބިގެންދާނެ ކަމަށް ބެލެވެއެވެ.

ޖުލައި މަހު ޕާކިސްތާނުން ބޭރުގެ ޤައުމުތަކަށް ދައްކަންޖެހޭ ދަރަނީގެ ގޮތުގައި 2.2 ބިލިއަން ޑޮލަރު ދައްކާފައިވާއިރު، އޭގެ ތެރޭގައި ޗައިނާގެ 1.3 ބިލިއަން ޑޮލަރުގެ ލޯނު ދެއްކުން ވެސް ހިމެނެއެވެ.

މީގެ އިތުރުން، މި މާލީ އަހަރުގެ ތެރޭގައި ބޭންކުތަކުގެ މާކެޓުން 7 ބިލިއަނަށްވުރެ ގިނަ ޑޮލަރު ސްޓޭޓް ބޭންކް އޮފް ޕާކިސްތާނުން ގަންނާނެ ކަމަށް ލަފާކުރެވެއެވެ. އިސްވެރިން ވިދާޅުވި ގޮތުގައި މިގޮތަށް ހޯދާ ޑޮލަރު ބޭނުންކުރާނީ ބޭރުގެ ދަރަނިތައް ދެއްކުމަށާއި ޤައުމުގެ ބޭރު ފައިސާގެ ރިޒާވް ވަރުގަދަކުރުމަށެވެ.

ހިއްސާ ކުރައްވާ!