ޕާކިސްތާން: ޖާނު ގޮއްވާލައިގެން 13 މީހުން މަރާލައިފި

ޕާކިސްތާނުގެ އުތުރުގެ ސްވަތު ސަރަހައްދުގައި ކުރިއަށްދިޔަ މުޒާހަރާއެއްގެ ތެރެއަށް އަމިއްލައަށް ޖާނު ގޮއްވާލައިގެން ދިން ހަމަލާއެއްގައި 13 މީހުން މަރުވެ، 22 މީހުން ޒަޚަމްވެއްޖެ އެވެ. ފުލުހުން ހާމަކޮށްފައިވާ ގޮތުގައި މި ހާދިސާ ހިނގާފައިވަނީ ފުލުހުންގެ ސްޓޭޝަނެއް ކައިރީގައި އޮތް ބާރުބޮޑު ސަރަހައްދެއްގަ އެވެ.

ސްވަތުގެ ޑެޕިއުޓީ އިންސްޕެކްޓަރ ޖެނެރަލް އޮފް ޕޮލިސް ފިދާ ހުސައިންވިދާޅުވީ، މި ޖާނު ގޮއްވާލާ ހަމަލާގައި މަރުވި މީހުންގެ ތެރޭގައި ފުލުހުންގެ 8 މީހަކު ހިމެނޭ ކަމަށެވެ. އަދި ޒަޚަމްވި 22 މީހަކަށް ހޮސްޕިޓަލުގައި ފަރުވާދެމުންދާއިރު، ހަމަލާދިން ކަމަށް ޝައްކުކުރެވޭ މީހާގެ ހަށިގަނޑު ވެސް ހޮސްޕިޓަލަށް ގެންގޮސްފައިވާ ކަމަށް އޭނާ ވިދާޅުވި އެވެ.

މި ހަމަލާ ދީފައިވަނީ ޕާކިސްތާނުގެ ޚައިބަރު ޕަޚްތުންޚުވާ ޕްރޮވިންސްގަ އެވެ. މި ސަރަހައްދަކީ ތަޙްރީކޭ ޠާލިބާން ޕާކިސްތާން (ޓީޓީޕީ) ޖަމާއަތުން ހިންގާ ހަނގުރާމަވެރި ހަރަކާތްތައް އިތުރުވަމުންދާ ސަރަހައްދެކެވެ. މި ހަމަލާގެ ޒިންމާ އެއްވެސް ޖަމާއަތަކުން ވަގުތުން އުފުލާފައެއް ނުވެ އެވެ. ނަމަވެސް އެ ޕްރޮވިންސްގެ ވެރިރަށް ޕެޝާވަރުގައި ދިން އެހެން ބޮމުގެ ހަމަލާއެއްގެ ޒިންމާ ޓީޓީޕީން ވަނީ އުފުލާފަ އެވެ.

ޕާކިސްތާނުގެ ސިފައިން ހާމަކޮށްފައިވާ ގޮތުގައި، މިއަހަރު މިހާތަނަށް ހަނގުރާމަވެރިން ދިން ހަމަލާތަކާއި ހިންގި އަސްކަރީ އޮޕަރޭޝަންތަކުގައި ސަލާމަތީ ބާރުތަކުގެ މުވައްޒަފުންނާއި އާންމުން ހިމެނޭހެން 819 މީހުން ވަނީ މަރުވެފަ އެވެ.

ހިއްސާ ކުރައްވާ!