ޕާކިސްތާނުގެ ބައެއް ސަރަޙައްދުތަކުގައި ޚަބަރު ފަތުރާ ރީޖަނަލް އަދި ލޯކަލް ޑިޖިޓަލް ޕްލެޓްފޯމްތަކުގެ އިތުރުން، އަލްޖަޒީރާ އިންގްލިޝް އަދި ބައިނަލްއަޤްވާމީ ބައެއް ޚަބަރު ފަތުރާ ވަސީލަތްތަކަށް ނުވަދެވޭގޮތް ހަދައިފި ކަމަށް ނިއުސް އޭޖެންސީ އޭއެންއައި އިން ރިޕޯޓުކޮށްފިއެވެ.
ސޯޝަލް މީޑިއާ ބޭނުންކުރާ ފަރާތްތަކުން ބުނަމުންދަނީ ޕާކިސްތާނުގައި އަލްޖަޒީރާ ބްލޮކްކޮށްފައިވާ ކަމަށެވެ. އަދި ޕާކިސްތާނުގެ އިންފޮމޭޝަން އެންޑް ބްރޯޑްކާސްޓިންގ މިނިސްޓްރީން "އެކްސް" ގައި ކުރި ޕޯސްޓެއްގައި، ޤަޠަރުގެ މި ޚަބަރު ފަތުރާ ވަސީލަތުން ޕާކިސްތާނުން ކޮންޓްރޯލްކުރާ ކަޝްމީރުގެ މުޒާހަރާތަކާ ގުޅޭގޮތުން "ވަކި ފަރާތަކަށް ޖެހިގެން" ޚަބަރު ފަތުރަމުންދާކަން ފާހަގަކޮށްފައިވާ ކަމަށްވެއެވެ.
މި ފިޔަވަޅުތައް އަޅާފައިވަނީ ކަޝްމީރުގައި ހިނގަމުންދާ ހަމަނުޖެހުންތަކާ ގުޅޭގޮތުން ސަރުކާރަށް ފާޑުކިޔައި ޚަބަރު ފެތުރުމާ ގުޅިގެން ޑިޖިޓަލް ސެންސަރުޝިޕް ވަރުގަދަކުރަމުންދާ ދަނޑިވަޅެއްގައެވެ. ކަޝްމީރު ގައި ކުރިއަށްދާ މުޒާހަރާތައް އާދީއްތަ ދުވަހު ވެސް ކުރިއަށް ގޮސްފައިވާއިރު، އިސްލާމްއާބާދާއި ރާވަލްޕިންޑީ އަދި ޕާކިސްތާނުގެ އެހެން ސަރަޙައްދުތަކުގައިވެސް މުޒާހަރާތަކެއް ވަނީ ބާއްވާފައެވެ.
ކަޝްމީރުގެ ޤާނޫނުހަދާ މަޖިލީހުގެ އިންތިޚާބު އޮގަސްޓް 10 އާ ހަމައަށް ތަފާތު މަރުޙަލާތަކަކަށް ބަހާލައިގެން ކުރިއަށްދާއިރު، އެ ސަރަޙައްދުގެ މަސްރަޙު ވަނީ ވަރަށް ބޮޑަށް ނުތަނަވަސްވެފައެވެ. ފާއިތުވި ޖޫން މަހުން ފެށިގެން ހިންގަމުންދާ އަނިޔާވެރި ހަމަނުޖެހުންތަކުގައި އެ ސަރަޙައްދުން މިހާތަނަށް 40 އަށްވުރެ ގިނަ މީހުން ވަނީ މަރުވެފައެވެ.







