ދުބާއީން އިސްލާމްއާބާދަށް ދަތުރުކުރަން އޮތް ޕީއައިއޭ ގެ ފްލައިޓެއްގެ ފަސިންޖަރުން ހަމަނުޖެހުން ހިންގައި، ބޯޓުގެ ކުޑަދޮރުގެ ބިއްލޫރިތައް ތަޅާލައިފިއެވެ. ކެޕްޓަންގެ އެންގުމަކަށް ދުބާއީގެ ސެކިއުރިޓީ އޮފިޝަލުން ވަނީ ހަތް ފަސިންޖަރަކު ހައްޔަރުކޮށްފައެވެ.
ހުކުރު ދުވަހު ފްލައިޓް ނަންބަރު ޕީކޭ-202 ގެ ބޯޓުގައި މި ހާދިސާ ހިނގީ، ފްލައިޓް ފުރުން ލަސްވުމާ ގުޅިގެން ފަސިންޖަރުން ހަމަނުޖެހުން ހިންގަން ފެށުމުންނެވެ. ބައެއް ފަސިންޖަރުން ކޮކްޕިޓް ތެރެއަށް ވަންނަން މަސައްކަތްކޮށް، ބޯޓުގެ ކުޑަދޮރުގެ ބިއްލޫރިތައް ތަޅާލާފައިވެއެވެ. ކެޕްޓަންގެ އެންގުމާއެކު ދުބާއީ އެއާޕޯޓް ސެކިއުރިޓީން ވަނީ ހަތް ފަސިންޖަރަކު ހައްޔަރުކޮށްފައެވެ. މި ހާދިސާގެ ސަބަބުން ބޯޓު ގްރައުންޑްކޮށް، ފްލައިޓް ކްރޫ ވަނީ ހޮޓަލަކަށް ބަދަލުކޮށްފައެވެ.
ޕީއައިއޭގެ ތަރުޖަމާނު މި ހާދިސާ ކަށަވަރުކޮށްދެއްވަމުން ވިދާޅުވީ، ދުބާއީ އެއާޕޯޓްގެ ސެކިއުރިޓީ ކަންބޮޑުވުންތަކެއްގެ ސަބަބުން ފްލައިޓް ފުރުން ތިން ގަޑިއިރާއި ބައިގެ މުއްދަތަކަށް ލަސްވި ކަމަށެވެ. އަދި ހަމަނުޖެހުން އުފެއްދި ފަސިންޖަރުން ސެކިއުރިޓީން ހައްޔަރުކޮށްފައިވާ ކަމަށާއި، މިއަދު ހަވީރު ދުބާއީން އިސްލާމްއާބާދަށް ނުވަތަ ކަރާޗީއަށް އެ ފްލައިޓް ފުރާނެ ކަމަށްވެސް އޭނާ ވިދާޅުވިއެވެ.





