ނަތަންޔާހޫ ނޫސްވެރިންނަށް ބިރު ދައްކަނީ

ތެލްއަވީވްގައި ހުންނަ އިޒްރޭލުގެ އެންމެ މަގުބޫލު ޓީވީ ޗެނަލް، "ޗެނަލް 12″ ގެ މައި މަރުކަޒުގެ ދޮރުމަތީގައި ހުރި ސީސީޓީވީ ކެމެރާއަށް އަރާފައިވަނީ މޫނު ނިވާކޮށްގެން ހުރި މީހެކެވެ. އޭނާ އެ ޗެނަލްގެ ބިއްލޫރި ދޮރާ ދިމާއަށް ދުވެފައި އައިސް، ގަލަކުން ޖަހައި އެ ދޮރު ތަޅާލިއެވެ. އެތަނުގައި އޭނާ ބޭއްވި ސިޓީގައި ލިޔެފައިވަނީ، "ދެން އަންނަ ފަހަރު، އެ ގަލަކުން ޖަހާނީ ކަލޭމެންގެ ތެރޭން މީހެއްގެ ބޮލުގައި،" މިހެންނެވެ.

އެ ސިޓީގައި އެތައް ނޫސްވެރިންނެއްގެ ނަންތައް ހިމަނައި، ބިރުވެރި އިންޒާރެއް ދީފައިވެއެވެ: "އެންމެ ފަހުން، އޭގެ ތެރެއިން އެކަކު މަރުވާނެ." ކަމަށް ލިޔެފައި ވެއެވެ.

މިދިޔަ ހަފްތާ ނިމުނު އިރު ހިނގި މި ހަމަލާއަކީ އެއް މަސް ދުވަހުގެ ތެރޭގައި އިޒްރޭލުގެ މީޑިއާ އިދާރާއަކަށް އަމާޒުކޮށް ދިން 3 ވަނަ ހަމަލާއެވެ. އަދި މިއީ އޮކްޓޯބަރު މަހު ބާއްވަން ހަމަޖެހިފައިވާ އިންތިޚާބުގެ ކުރިން، ނޫސްވެރިންނަށް އަމާޒުކޮށް ދެމުންދާ ބިރުވެރިކަމާއި ފުރައްސާރައިގެ ސިލްސިލާގެ އެންމެ ފަހުގެ ހާދިސާއެވެ.

އެމެރިކާގެ ސީއެންއެންގެ ރިޕޯޓެއްގައި ބުނާ ގޮތުން، ނޫސްވެރިންގެ ޖަމިއްޔާތަކާއި އިދިކޮޅު ލީޑަރުން އަދި އިޒްރޭލުގެ މީޑިއާ ސީދާ އިނގިލި ދިއްކުރަނީ ނަތަންޔާހޫ އާއި އޭނާގެ ސިޔާސީ ބައިވެރިންނާ ދިމާއަށެވެ. އެ ފަރާތްތަކުން ގެންދަނީ މީޑިއާއަކީ ޚިޔާނާތްތެރި، އަދި އިޒްރޭލުގެ ދުޝްމަނުންނަށް އެހީތެރިވާ ބައެއް ކަމަށް ތުހުމަތުކުރަމުންނެވެ.

އޮކްޓޯބަރު މަހު ބާއްވާ އިންތިޚާބަކީ އިޒްރޭލުގައި ފާއިތުވި އަހަރުތަކުގެ ތެރޭގައި ބާއްވާ އެންމެ ޚިޔާލުތަފާތު ބޮޑު އިންތިޚާބަށް ވާނެ ކަމަށް ބެލެވެއެވެ.

ޖުލައި މަހުގެ ކުރީކޮޅު މޫނު ނިވާކޮށްގެން ތިބި ބަޔަކު ވަނީ "ޗެނަލް 12″ އާއި ވާތުފިޔައިގެ "ހާރެޓްޒް" ނޫހުގެ އޮފީސްތަކަށް ވެސް ވަދެފައެވެ.

މެއި އަދި ޖޫން މަހު ޗެނަލް 12 އާއި މަޝްހޫރު ނޫސްވެރިއެއްގެ ގެ ކައިރީގައި "ކަލޭމެންގެ ލޯބިވާ މީހުންގެ ލެއިން އަގު އަދާކުރާނެ" ކަމަށް ލިޔެ އިންޒާރު ދީފައި ވެއެވެ.

މީގެ އިތުރުން، ނަތަންޔާހޫއަށް ފާޑުކިޔާ ނޫސްވެރިންގެ ގެތައް ކައިރީގައި މުޒާހަރާކޮށް، އެމީހުންގެ ފޮޓޯތައް ބިލްބޯޑުތަކުގައި ހަރުކޮށް، މަގުމަތިން ހަމަލާދީ އެ މަންޒަރުތައް ސޯޝަލް މީޑިއާގައި އާންމުކުރަމު ވެސް ގެންދެއެވެ.

މި ހުރިހާ ބިރުދެއްކުންތަކެއްގެ ފަހަތުގައި އޮތް އެއް ކަމަކީ، 2024 ވަނަ އަހަރު ޗެނަލް 12 އިން ގެނެސްދިން ޔަހޫދީން އިންސާނީ ހައްގަށް އަރައި ގަނެ ގައިދީންނާއެކު ލިވާޠު ކުރި "ސަދޭ ޓީމަން" ޖަލުގެ މައްސަލައެވެ. އެ މައްސަލައިގައި ފަލަސްތީނުގެ ގައިދީއަކަށް އިޒްރޭލުގެ ޔަހޫދީ ސިފައިންގެ ބަޔަކު ޖިންސީ ގޯނާކުރި ވީޑިއޯތައް އެ ޗެނަލުން އާންމުކުރުމުން، ކަނާތު ފިޔައިގެ ސިޔާސީން ވަނީ އެ ޗެނަލަކީ ދޮގު އިލްޒާމް އަޅުވާ ބައެއް ކަމަށް ބުނެފައެވެ.

ނޫސްވެރިންގެ ލޭ

އަންގާރަ ދުވަހު ޗެނަލް 12 އިން ނެރުނު ބަޔާނެއްގައި ބުނީ، މީޑިއާއަށް ބިރު ދެއްކުމަކީ މިއީ ސީދާ ބޮޑުވަޒީރުގެ އޮފީހުން ރާވައިގެން ހިންގާ ކަމެއް ކަމަށެވެ.

ނަމަވެސް، ނަތަންޔާހޫ އާއި އޭނާގެ ބައިވެރިންގެ ތެރެއިން މަދު ބަޔަކު މި ހަމަލާތައް ކުށްވެރިކުރި ނަމަވެސް، އެކަމާ ގުޅުވައި މީޑިއާއަށް ފާޑުކިޔުން ހުއްޓާލާފައެއް ނުވެއެވެ.

ނަތަންޔާހޫ ފާއިތުވި ހަތަރު އަހަރު ދުވަހުގެ ތެރޭގައި އެއްވެސް ބޮޑު މީޑިއާއަކަށް އިންޓަވިއުއެއް ދީފައި ނުވެއެވެ. އޭނާ ފެނިފައިވަނީ ހަމައެކަނި އޭނާއަށް ތާއީދުކުރާ "ޗެނަލް 14″ އިން އެކަންޏެވެ.

ނޫސްވެރިކަމުގެ މިނިވަންކަން ދަށަށް

މިފަދަ ހަމަލާތަކާއި ޔަހޫދީ ރެޖީމްގެ ޕްރެޝަރުތަކުގެ ސަބަބުން، ދުނިޔޭގެ ނޫސްވެރިކަމުގެ މިނިވަންކަމުގެ އިންޑެކްސްގައި އިޒްރޭލު ދަނީ ބާރަށް ދަށަށް ވެއްޓެމުން ކަމަށް "ރިޕޯޓާސް ވިތައުޓް ބޯޑާސް" އިން ބުނެއެވެ. 2026 ވަނަ އަހަރުގެ ރޭންކިންގައި އިޒްރޭލު އުޅެނީ 116 ވަނައިގައެވެ. މިއީ 2024 ގައި 101 ވަނައިގައި އޮތް ގައުމެއްކަން ފާހަގަކޮށްލެވެއެވެ.

ނަތަންޔާހޫގެ ސަރުކާރުން މިހާރު ދަނީ މީޑިއާ ރެގިއުލޭޓް ކުރާ މިނިވަން އިދާރާތައް އުވާލައި، ސަރުކާރުން ބޭނުންވާ ފަރާތްތައް ލައިގެން މީޑިއާ ކޮންޓްރޯލް ކުރަން ފަށާފައެވެ. މިއީ މީޑިއާގެ މިނިވަންކަމަށް އައިސްފައިވާ ވަރަށް ބޮޑު ހީނަރުކަމެއް ކަމަށް މީޑިއާ ޖަމިއްޔާތަކުން ބުނެއެވެ.

ހިއްސާ ކުރައްވާ!