އިންޑިއާގެ މަޝްހޫރު ކޮމެޑިއަން ސަމާއި ރައިނާގެ "އިންޑިއާސް ގޮޓް ޓެލެޓެންޓް" ޝޯގައި ބައިވެރިވި ދެމަފިރިއަކަށް، ރާއްޖެއަށް ޗުއްޓީ ހޭދަކުރަން އައުމުގެ ޓިކެޓް މަޝްހޫރު ޕަންޖާބީ ލަވަކިޔުންތެރިޔާ ކަރަން އޯޖްލާ ހަދިޔާކޮށްފިއެވެ.
"އިންޑިއާސް ގޮޓް ޓެލެންޓް" ސީޒަން 2 ގެ 4 ވަނަ އެޕިސޯޑުގައި އެކްރޯބެޓިކް ހުނަރު ދައްކާލި ވިޖެންދުރަ ރާޖަކް، އޭނާގެ އަންހެނުންނާއެކު ޝޯގައި ބައިވެރިވެ ކިޔައިދިން ވާހަކަތަކުން ޖަޖުންނާއި ބެލުންތެރިންގެ ސަމާލުކަން ވަނީ ލިބިފައެވެ.
އާއިލާގެ ނުރުހުމުގައި ކައިވެނިކޮށްގެން އުޅޭ މި ދެމަފިރިންގެ މައްޗަށް 1.2 މިލިއަން ރުޕީސް ގެ ދަރަނި އޮތްއިރު، ޝޯއަށް އައުމަށްޓަކައި ދަތުރުގެ ހަރަދު ހަމަޖެއްސީ އަންހެނުންގެ ފޯނު ރަހުނުކޮށްގެން ކަމަށް ވިޖެންދުރަ ބުންޏެވެ. އަދި އޭނާގެ އެންމެ ބޮޑު އެއް ހުވަފެނަކީ އިންޓަނެޓުން ފެންނަ ރީތި މަންޒަރުތަކެކޭ އެއްގޮތަށް އަންހެނުން ގޮވައިގެން ރާއްޖެއަށް ޗުއްޓީއަކަށް ދިއުން ކަމަށްވެސް އޭނާ ހާމަކުރިއެވެ.
މި ވާހަކަތައް އަޑުއެހުމަށްފަހު، އެ އެޕިސޯޑުގެ ގެސްޓް ޖަޖެއްގެ ގޮތުގައި އިނދެ ކަރަން އޯޖްލާ ވަނީ އެ ދެމަފިރިން ރާއްޖެއަށް ދިއުމަށް ބޭނުންވާ އެއާލައިން ޓިކެޓްތައް އަމިއްލަ ހަރަދުގައި ދޭނެކަން އިއުލާންކޮށްފައެވެ.
މީގެ އިތުރުން، ޝޯގެ ހޯސްޓް ސަމާއި ރައިނާ ވަނީ ވިޖެންދުރަގެ އަންހެނުންނަށް އާ ފޯނެއް ހަދިޔާކުރުމުގެ އިތުރުން، ކެއިންބުއިމަށް ބޭނުންކުރެވޭނެ 50،000 ރުޕީސްގެ ކްރެޑިޓް ވައުޗަރެއްވެސް ދީފައެވެ.
ޝޯއަށްފަހު ވިޖެންދުރަ ވަނީ އިންސްޓަގްރާމް މެދުވެރިކޮށް ކަރަން އޯޖްލާ އަށާއި ސަމާއި ރައިނާގެ އިތުރުން ޝޯގެ އެހެން ޖަޖުން ކަމަށްވާ ތަންމާއި ބަޓް، ގުރުލީން އަންނޫ އަދި ރާހުލް ދުއާއަށް ހާއްސަ ޝުކުރެއް އަދާކޮށްފައެވެ.



