ކަރީމް ޚާން ވަކިކޮށްފައި ވަނީ އެމެރިކާއާއި އިސްރާއީލުން ރާވައިގެން

އިންޓަރނޭޝަނަލް ކްރިމިނަލް ކޯޓު (އައިސީސީ) ގެ އިސް ޕްރޮސެކިއުޓަރ ކަރީމް ޚާން މަގާމުން ވަކިކުރުމާ އެކު، އެ ނިންމުމުގެ ފަހަތުގައިވާ ސިޔާސީ ނުފޫޒުތަކަށް މުޅި ދުނިޔޭގެ ސަމާލުކަން ވަނީ ހުއްޓިފައެވެ.

މެލޭޝިއާއަށް އުފަން ޖޫނިއަރ އަންހެން ވަކީލަކާއެކު ނޭދެވޭ ސުލޫކެއް ބެހެއްޓެވި ކަމަށް ބުނާ މައްސަލައެއްގައި 82 ގައުމެއްގެ ވޯޓާއެކު ކަރީމް ޚާން މަގާމުން ވަކިކުރި ނަމަވެސް، ގިނަމުހައްލިލުންނާއި ސިޔާސީ އޮބްޒާވަރުން އިނގިލި ދިއްކުރަނީ އިސްރާއީލާއި އެމެރިކާއަށެވެ.

ކަރީމް ޚާންގެ ދިފާއީ ވަކީލުންނާއި ބައިނަލްއަގުވާމީ މީޑިއާ ގަބޫލު ކުރާ ގޮތުގައި، އޭނާގެ އަބުރު ކަތިލުމާއި މަގާމުން ދުރުކުރުމަށްޓަކައި އެއް ފަރާތަށް ވުރެން ގިނަ ފަރާތްތައް ގުޅިގެން ވަނީ ރޭވުންތެރި ކެމްޕޭނެއް ހިންގާފައެވެ.

ޚާއްޞަކޮށް، ޣައްޒާގައި ހިންގަމުންދާ އިންސާނިއްޔަތާ ޚިލާފު ޖެނޮސައިޑް ޖަރީމާތަކާ ގުޅިގެން އިސްރާއީލުގެ ބޮޑުވަޒީރު ބެންޖަމިން ނަތަންޔާހޫއާއި ކުރީގެ ދިފާއީ ވަޒީރު ޔޯވް ގާލަންޓް ހައްޔަރުކުރުމުގެ އަމުރު ނެރުމަށް ކަރީމް ޚާން މަސައްކަތް ކުރެއްވި ހިސާބުން، އިސްރާއީލުން ވަނީ އައިސީސީއާ ދެކޮޅަށް ފާޅުގައި ހަނގުރާމަ އިއުލާންކޮށްފައެވެ.

އެއާއެކު، އިސްރާއީލުގެ އިންޓެލިޖެންސް އިދާރާތަކުން ކޯޓުގެ މަސައްކަތަށް ހުރަސްއެޅުމަށާއި ކަރީމް ޚާންގެ އަބުރު ކަތިލުމަށް ޕްރޮޕެގަންޑާ ކޮށް އަދި ނުފޫޒު ފޯރުވުމުގެ އުކުޅުތައް ބޭނުންކުރި ކަމަށް ބޮޑެތި ތުހުމަތުތަކެއް ވަނީ ކުރެވިފައެވެ. މީގެއިތުރުން، ތްރަމްޕް ސަރުކާރުން ވަނީ އައިސީސީއަކީ އެމެރިކާއާއި އެކުވެރި ގައުމުތަކުގެ ސިއާދަތަށް އޮތް ނުރައްކަލެއްގެ ގޮތުގައި ސިފަކޮށް، ކަރީމް ޚާން އާއި އަދި އައިސީސީގެ 11 ފަނޑިޔާރަކަށް ދަތިކުރުމުގެ ފިޔަވަޅުތައް އަޅައި، އެ ކޯޓު "އުވާލުމަށް" ދޭދޭ ގައުމުތަކުގެ މެދުގައި ޑިޕްލޮމެޓިކް ޕްރެޝަރުތައް ކުރިމަތިކުރުވާފައެވެ.

ކަރީމް ޚާން ވަނީ މިއީ ސިޔާސީ މަގުސަދެއްގައި އޭނާގެ އަބުރު ކަތިލުމާއި، އައިސީސީގެ މިނިވަންކަން ނައްތާލުމަށް ރޭވިގެން ހިންގި މަކަރުވެރި އަމަލެއް ކަމަށް ވިދާޅުވެފައެވެ.

އޭނާގެ ދިފާއީ ވަކީލުން ފާހަގަކުރި ގޮތުގައި، ތަހުގީގުން ކަރީމް ޚާންގެ މައްޗަށް އެއްވެސް ކުށެއް ސާބިތުވެފައި ނުވާއިރު މަގާމުން ވަކިކުރުމުގެ ވޯޓު ކުރިއަށްގެންދިޔައީ އޭނާއަށް އިންސާފުވެރިކަމާއެކު ޖަވާބުދާރީވުމުގެ ފުރުސަތެއް ނުދީ، ގާނޫނީ އިޖުރާއަތްތަކާ ޚިލާފަށެވެ.

މިއާއެކު އެމެރިކާއާއި އިސްރާއީލުން މިއީ ފާސިދު މުއައްސަސާއެއް އިސްލާހުކުރުމަށް އެޅުނު ފިޔަވަޅެއް ކަމަށް ބުނެ މަރުހަބާ ކީ ނަމަވެސް، އިންސާނީ ހައްގުތަކަށް މަސައްކަތްކުރާ ފަރާތްތަކުން ވަނީ މިއީ ބައިނަލްއަގުވާމީ އިންސާފަށް ދެވުނު މަރުގެ ހަމަލާއެއްގެ ގޮތުގައި ސިފަކޮށްފައެވެ.

ކަރީމް ޚާން މަގާމުން ދުރުކުރެވުނު ނަމަވެސް، އިސްރާއީލުގެ ވެރިން ހައްޔަރުކުރުމަށް ކޯޓުން ނެރެފައިވާ އަމުރުތައް ބާތިލެއް ނުވެ، އެ މައްސަލަ އަދިވެސް ދެމިއޮތް ކަން ފާހަގަކޮށްލެވެއެވެ.

ހިއްސާ ކުރައްވާ!