އެމެރިކާގެ ޚާރިޖީ ވުޒާރާއިން ނިންމާފައިވަނީ، ހޯމަ ދުވަހުން ފެށިގެން ދާއިމީ ގޮތެއްގައި، އެފްރިކާ ބައްރުގެ ގައުމުތައް ހިމެނޭހެން 50 ގައުމެއްގެ ރައްޔިތުން އެމެރިކާއަށް އެތެރެވުމުގެ ވިސާއަށް އެދޭނަމަ، 20،000 އެމެރިކާ ޑޮލަރާ ހަމައަށް އަރާ މިންވަރުގެ ސެކިއުރިޓީ ބޮންޑެއް ނުވަތަ ގެރެންޓީ ފައިސާއެއް ދައްކަން ޖެހޭނެ ކަމަށެވެ. އަދި މި ލިސްޓަށް އިތުރު ގައުމުތައް ވެސް އިތުރުކުރެވިދާނެ ކަމަށް އެމެރިކާގެ ފެޑެރަލް ރަޖިސްޓްރީން ބުނެފައިވެއެވެ.
މި ބޮންޑުގެ އެންމެ މަތީ އަގަކީ 20،000 ޑޮލަރެވެ. ނަމަވެސް، ވިސާގެ މައްސަލަ ބަލާ ކޮންސިއުލާ އޮފިޝަލްގެ ނިންމުމަށް ބަލައި، 5،000 ޑޮލަރާއި 10،000 ޑޮލަރާ ދެމެދުގެ އަދަދުތަކަކަށް ވެސް މި އަގު ކަނޑައެޅިދާނެއެވެ.
ނަމަވެސް، ހޯމަ ދުވަހު އާންމުކުރާ އާ ގަވާއިދުގައި މި ބޮންޑުގެ އެންމެ މަތީ އަގު 20،000 ޑޮލަރަށް އުފުލާފައިވާއިރު، ކުރިން އޮތް 5،000 ޑޮލަރުގެ އެންމެ ދަށް އަދަދު ވަނީ އުވާލާފައެވެ.
މަސައްކަތު ވިސާ ބީ1 އަދި ޒިޔާރަތްކުރުމުގެ ވިސާ ބީ2 އަށް އެދޭ ފަރާތްތަކުން، ކޮންސިއުލާ އޮފިޝަލާ ބައްދަލުކުރުމުގެ ކުރިން މި ފައިސާ ދައްކަން ޖެހޭނެއެވެ. ވިސާ ދިނުމަށް ދެކޮޅު ހަދައިފިނަމަ ނުވަތަ ވިސާ ލިބި، ވިސާގެ ޝަރުތުތަކާ އެއްގޮތަށް އަމަލުކޮށްފިނަމަ، މި ފައިސާ އަނބުރާ ލިބޭނެއެވެ. މި ޕްރޮގްރާމްގެ ޓެސްޓް މަރުހަލާގައި، ބުނެވުނު ދެ ވިސާއަށް އެދޭ މީހުންގެ އަދަދު 83 އިންސައްތަ ދަށަށް ގޮސްފައިވެއެވެ.





