އިސްތިއުމާރީ ދުވަސްވަރު ފަރަންސޭސީން ވަގަށް ނަގައިގެން ގެންގޮސްފައިވާ ގީނީގެ ތާރީޚީ އަދި ދީނީ މުހިންމު އާސާރުތަކާއި ލިޔެކިޔުންތައް އަނބުރާ ހޯދުމަށް ގީނީގެ ސަރުކާރުން ފްރާންސަށް ހުށަހަޅައިފިއެވެ. މި ތަކެތީގެ ތެރޭގައި ފަރަންސޭސި އިސްތިއުމާރާ ދެކޮޅަށް 19 ވަނަ ގަރުނުގައި ހަނގުރާމަކުރެއްވި ގީނީގެ މަޝްހޫރު މުޖާހިދެއް ކަމަށްވާ ސާމޫރީ ތޫރޭ ބޭނުންކުރެއްވި ކީރިތި ގުރުއާނުގެ ތާރީޚީ ޚަތިމެއް ވެސް ހިމެނެއެވެ.
19 ވަނަ ގަރުނުގެ ފަހުކޮޅު، ހުޅަނގު އެފްރިކާގެ ބޮޑު ސަރަހައްދެއްގައި ފަރަންސޭސި އިސްތިއުމާރީ ބާރުތަކާ ދެކޮޅަށް އެންމެ ވަރުގަދައަށް ހަނގުރާމަކުރެއްވި އެއް ލީޑަރަކީ ސާމޫރީ ތޫރޭއެވެ. "އެފްރިކާގެ ބޯނަޕާޓް" ގެ ނަމުން މަޝްހޫރުވި ސާމޫރީ ވަނީ ގީނީ، މާލީ، އައިވަރީ ކޯސްޓް އަދި ސިއޭރަލިއޯން ހިމެނޭ ގޮތަށް ގާތްގަނޑަކަށް އެއް މިލިއަން އަކަކިލޯމީޓަރުގެ ބޮޑު އިސްލާމީ ރަސްކަމެއް ކަމަށްވާ ވާސުލޫ ސަލްތަނަތު ގާއިމުކުރައްވާފައެވެ.
ފަރަންސޭސި ލަޝްކަރާ ދެކޮޅަށް ޖިހާދު ކުރުމުގައި 16 އަހަރަށްވުރެ ގިނަ ދުވަސް ވަންދެން އޭނާ ވަނީ ފަރަންސޭސިން ސިއްސުވާލާފައެވެ. ނަމަވެސް، ސެޕްޓެމްބަރު 1898 ގައި ފަރަންސޭސިން އޭނާ އަތުލައިގަނެ، ގޭބޯންއަށް އަރުވާލިއެވެ. އޭނާ އަވަހާރަވީ 1900 ވަނަ އަހަރު ގޭބޯންގެ ޖަލެއްގައެވެ.
ވަގަށް ނެގި އާސާރުތަކާއި ޚަތިމުގެ ވާހަކަ
ސާމޫރީ ތޫރޭ އަތުލައިގަތުމަށްފަހު ފަރަންސޭސި ސިފައިން ވަނީ އޭނާގެ އަމިއްލަ ތަކެތި ވެސް ވަގަށް ނަގައިގެން ޕެރިހަށް ގެންގޮސްފައެވެ. އޭގެ ތެރޭގައި:
- އަތު ލިޔުމުން ލިޔެފައިވާ ކީރިތި ގުރުއާން
- އޭނާގެ ތޮއްޕާއި، ހަނގުރާމައިގެ ޖެކެޓު
- އޭނާ ބޭނުންކުރެއްވި ކަނޑިއާއި ފަންކާ
މި ތަކެތި މިހާރު ހުރީ ޕެރިސްގައި ހުންނަ ފަރަންސޭސި އަސްކަރީ މިއުޒިއަމް ގައެވެ.
ގީނީގެ އެދުމާއި ފްރާންސުން ކަންތައް ކުރާނެ ގޮތް
ގީނީގެ ސަގާފީ ވަޒީރު މޫސާ މޮއީސް ސިއްލާ އިސްކޮށް ހުންނަވައިގެން ފްރާންސަށް ހުށަހެޅުއްވި މައްސަލައިގައި އެދިވަޑައިގެންފައިވަނީ، ހަމައެކަނި ސާމޫރީ ތޫރޭގެ އާސާރުތައް އަނބުރާ ހޯދުމަކަށް ނޫނެވެ. އޭގެ އިތުރުން އިސްތިއުމާރީ ދުވަސްވަރު ގީނީއިން ވަގަށް ނަގާފައިވާ އަރަބި ބަހުންނާއި އަރަބި އަކުރުން ލިޔެފައިވާ ގީނީގެ އޭޖަމީ ބަހުން ލިޔެވިފައިވާ ތާރީޚީ ސިޓީތަކާއި އިލްމީ ލިޔެކިޔުންތައް އަނބުރާ ހޯދުމަށްވެސް ވަނީ އެދިފައެވެ.
މި ތަކެތި އެއްކޮށްގެން ގީނީގެ ވެރިރަށް ކޯނާކްރީގައި ޚާއްސަ މިއުޒިއަމެއް ހެދުމަށް ސަރުކާރުން ދަނީ ރާވަމުންނެވެ.
ފްރާންސުން ދާދިފަހުން ވަނީ އިސްތިއުމާރީ ދުވަސްވަރު ވަގަށް ނަގާފައިވާ ތަކެތި އަނބުރާ ދިނުމަށް ފަސޭހަކޮށްދޭ ގާނޫނެއް ފާސްކޮށްފައެވެ. ނަމަވެސް، އެ ގާނޫނު ހިނގަނީ 1815 އާއި 1972 އާ ދެމެދު ވަގަށް ނަގާފައިވާ ތަކެއްޗަށެވެ. ސާމޫރީ ތޫރޭގެ ތަކެތި ވަގަށް ނަގާފައިވަނީ 1898 ގައި ކަމަށްވާތީ، ގާނޫނީ ގޮތުން އެ ތަކެތި އަނބުރާ ގީނީއަށް ދިނުމުގެ މަގު ވަނީ ތަނަވަސްވެފައެވެ.






