ރިޔާސީ އިންތިހާބު ކާމިޔާބުވެއްޖެ ނަމަ މުސްލިމުން އޮރިޔާން ކުރާނެ ކަމަށް ބުނެފި

2027 ވަނަ އަހަރު ފްރާންސްގައި ބާއްވާ ރިޔާސީ އިންތިޚާބު ކާމިޔާބުކުރެވިއްޖެ ނަމަ، އާންމު ތަންތަނުގައި މުސްލިމް އަންހެނުން ހިޖާބާ ބުރުގާ އަޅައިގެން އުޅުން މަނާކޮށް، އެފަދަ ފަރާތްތައް ޖޫރިމަނާކުރުމުގެ ސިޔާސަތެއް ތަންފީޒުކުރާނެ ކަމަށް އެ ގައުމުގެ ކަނާތުފިޔައިގެ ހައްދުފަހަނައެޅި "ނެޝަނަލް ރެލީ" (އާރްއެން) ޕާޓީން އިއުލާނުކުރުމާ ގުޅިގެން ސިޔާސީ އަދި އިޖުތިމާއީ ގޮތުން ބޮޑެތި ފާޑުކިއުންތަކެއް އަމާޒުވެއްޖެއެވެ.

އާރްއެން ޕާޓީގެ އިސް ލީޑަރު މާރީން ލެ ޕެންގެ އަރިސް މެންބަރެއް ކަމަށްވާ ޖޯން-ފިލިޕް ތަންގީ، ފްރާންސްގެ ބީއެފްއެމްޓީވީއަށް ދެއްވި އިންޓަވިއުއެއްގައި ވިދާޅުވީ، އާންމު ތަންތަނުގައި ހިޖާބު އެޅުން މަނާކޮށް، އެފަދަ ފަރާތްތައް ޖޫރިމަނާކުރުމުގެ ހުށަހެޅުމަކީ ޕާޓީގެ އެތެރޭގައި އެކަމާމެދު ދިގު މުއްދަތަކަށް ބަހުސްކުރުމަށްފަހު ރަސްމީކޮށް ފާސްކޮށްފައިވާ ނިންމުމެއް ކަމަށެވެ. އަދި މި ފިޔަވަޅަކީ އިސްލާމީ އައިޑިއޮލޮޖީއާ ދެކޮޅަށް ކުރެވޭ މަސައްކަތެއްގެ އިތުރުން، މަޖުބޫރުން ހިޖާބު އަޅުވާ ކަމާ ދެކޮޅަށް އުޅޭ އަންހެނުންނަށް ތާއީދުކުރުމުގެ ގޮތުން ނިންމި ނިންމުމެއް ކަމަށްވެސް އޭނާ ވިދާޅުވިއެވެ.

ނަމަވެސް، މި އިއުލާނާ ގުޅިގެން އިންސާނީ ހައްގުތަކަށް މަސައްކަތްކުރާ ފަރާތްތަކުންނާއި ގާނޫނީ މާހިރުން ދަނީ ކަންބޮޑުވުން ފާޅުކުރަމުންނެވެ. ނޫސްވެރިޔާ އީލާން ގަބެޓް ފާހަގަކުރެއްވި ގޮތުގައި، މިފަދަ ގާނޫނެއް ތަންފީޒުކުރުމަކީ ފްރާންސްގެ ޖުމްހޫރީ އުސޫލުތަކުގެ އަސާސް ކަމަށްވާ "އިންސާނީ އަދި ރައްޔިތުންގެ ހައްގުތަކުގެ ގަރާރު"ގެ 10 ވަނަ މާއްދާއާ ސީދާ ޚިލާފު ކަމެކެވެ. މީގެ އިތުރުން، އެއީ އިންސާނީ ހައްގުތަކާ ބެހޭ އީޔޫގެ މުއާހަދާއާވެސް ތަޢާރުޟުވާ ނިންމުމެއްކަމުން، މިފަދަ ގާނޫނެއް ހިންގޭނީ ފްރާންސް އެ މުއާހަދާއިން ވަކިވެގެން ކަމަށް އޭނާ ވިދާޅުވިއެވެ.

ސިޔާސީ އިދިކޮޅު ފަރާތްތަކުން ވަނީ މި ހުށަހެޅުމަކީ ނަސްލީ ތަފާތުކުރުމާއި އިސްލާމޯފޯބިއާ އުފެއްދުމަށް ހިންގާ ސިޔާސީ އަމަލެއްގެ ގޮތުގައި ސިފަކޮށްފައެވެ. ސެއިން-ސެއިން-ޑެނިސް ދާއިރާގެ ގާނޫނުހަދާ މަޖިލީހުގެ މެންބަރު ބަސްޓިއަން ލަޝޫދޫ ވިދާޅުވީ، މިއީ ގާނޫނީ އަސާސްތަކާއި އަންހެނުންގެ މިނިވަންކަމާ ޚިލާފު، ބޭއިންސާފު ހުށަހެޅުމެއް ކަމަށެވެ. އަދި މިފަދަ ވާހަކަތަކަށް މީޑިއާން އާންމު ފުރުސަތު ދިނުމަކީ ނަސްލީ ތަފާތުކުރުންތަކަށް ހިތްވަރުލިބޭ ކަމެއް ކަމަށްވެސް އޭނާ ފާހަގަކުރެއްވިއެވެ.

ފްރާންސްގެ އިގްތިސާދީ ހާލަތު ގޮންޖެހުންތަކެއްގެ ތެރޭގައި ވަނިކޮށް، ކަނާތުފިޔައިގެ ޕާޓީތަކުން މުސްލިމް އަންހެނުންގެ ނިވާކަމާ ގުޅުވައިގެން ސިޔާސީ ކެމްޕޭން ފެށުމުން އާންމުންގެ ތެރޭގައިވެސް ވަނީ ބޮޑެތި ޚިޔާލުތަފާތުވުންތަކެއް އުފެދިފައެވެ. ސޯޝަލް މީޑިއާގައި ޚިޔާލުފާޅުކުރި ގިނަ ބަޔަކު ވަނީ، އަންހެނުން ސުލޫކީ ގޮތުންނާއި ފޭރާމުގެ ގޮތުން އިޚްތިޔާރުކުރާ ކަންކަމަށް ހުރަސްއެޅުމަކީ ފްރާންސްގެ މިނިވަންކަމުގެ އުސޫލުތަކާ މުޅިން އިދިކޮޅު ކަމެއް ކަމަށް ބުނެފައެވެ.

ހިއްސާ ކުރައްވާ!