ސޫދާނުގެ ކޯރުތަކާއި ކޯރުގެ އައްސޭރިފަށުގައި ދިރިއުޅޭ ރައްޔިތުން މިހާރު ތިބީ ބިރުވެރިކަމެއްގެ ތެރޭގައެވެ. ގައުމުގެ ދާޚިލީ ހަނގުރާމައިގެ އަލިފާނުގެ ތެރޭގައި އޮތް ސޫދާނަށް މިހާރު މިވަނީ "ކިނބޫގެ ހަމަލާތަކުގެ" އާ ބިރުވެރިކަމަކާ ކުރިމަތިލާން ޖެހިފައެވެ. ނީލަ ކޯރުގެ އައްސޭރިފަށުގައި ކިނބޫތައް އާދަޔާ ޚިލާފަށް ގިނަވެ، އިންސާނުންނަށް ހަމަލާދޭން ފެށުމުން، މިއީ ހަނގުރާމައިގެ ވޭނުގެ ތެރެއަށް އިތުރުވި ބިރުވެރި ބާބެކެވެ.
މީގެ ތިން ހަފުތާ ކުރިން، އުތުރު ސޫދާނުގެ "ސާއި" ރަށުގައި ހިނގި ހާދިސާއަކީ މުޅި ސަރަހައްދު ސިއްސުވާލި ހާދިސާއެކެވެ. ދަނޑުވެރިކަމުގައި އުޅުނު ޒުވާނެއް ކަމަށްވާ އުމަރު މުހައްމަދު އަބްދުލްޚާލިގު، ކޯރުގެ އައްސޭރީގައި މަސައްކަތްކުރަނިކޮށް، ހަ ފޫޓާއި ހަތް ފޫޓާ ދެމެދުގެ ބޮޑު ކިނބުލެއް އޭނާ ކޯރުގެ ފެންގަނޑުގެ ތެރެށް ދަމައިގަނެ، އެންމެންގެ ކުރިމަތީގައި ދިރުވައިލިއެވެ.
މި ހާދިސާގެ ހެކިވެރިއެއް ކަމަށްވާ މުހައްމަދު އާދަމް ކިޔައިދިން ގޮތުގައި، އެއީ އާދައިގެ މަތިން އެމީހުން ފެންވަރަން ކޯރަށް އެރި ތިބި ވަގުތެކެވެ. "ކުއްލިއަކަށް އުމަރުގެ ފަހަތުން އައިސް އެއްޗެއް އޭނާ ދަމައިގަތީ. އޭނާ ހަޅޭއްލަވައިގަތް، އެކަމަކު ފެންނަން އޮތީ ހަމައެކަނި ކިސަޑުގެ ރޮނގެއް. ފަހުން އެނގުނީ ކިނބުލެއް އޭނާ ގެންދިޔައީ ކަން،" އާދަމް ކިޔައިދިނެވެ.
ނީލަ ކޯރުގައި ކިނބޫ އުޅުމަކީ އާންމު ކަމެކެވެ. ނަމަވެސް، މިހާރު ފެންނަމުންދާ މަންޒަރު މުޅިން ތަފާތެވެ. ޚަރްތޫމްގެ ދެކުނު ސަރަހައްދުތަކުން ވެސް ކިނބޫ ފެންނަން ފަށައިފިއެވެ. އެހެންވެ ރައްޔިތުންގެ ކަންބޮޑުވުން ވަނީ އިންތިހާއަށް ގޮސްފައެވެ. ދަނޑުވެރިން ބުނާ ގޮތުގައި، ރޭގަނޑު ނިދަން ވެސް މިހާރު ޖެހިލުންވެއެވެ.
މާހިރުން ބުނާ ގޮތުގައި، ކިނބޫތައް މިހާރު އާންމުން ދިރިއުޅޭ ސަރަހައްދުތަކަށް ވަދެގަންނަނީ ފެން ބޮޑުވުމާއި އަދި ބައެއް ފަހިސާބުގައި ފެންގަނޑު ހިނދުމުގެ ސަބަބުން އެސޮރުމެންގެ ވެށި ބަދަލުވުމާއި، ބިސް އަޅާ މޫސުމާ ދިމާކޮށް އިންސާނުންގެ ހިޔާވަހިކަމާ ކައިރިއަށް އައުމުގެ ސަބަބުންނެވެ.
ސޫދާނުގެ ވައިލްޑްލައިފް ޕޮލިހުން ވަނީ ކޯރުތަކަށް ނު ފޭބުމަށް ރައްޔިތުންނަށް އިންޒާރު ދީފައެވެ. އަދި ބައެއް ސޯޝަލް މީޑިއާ ވީޑިއޯތަކުގައި ފެންނަ ގޮތަށް، ކިނބޫތަކާ ކުޅެން އުޅުމަކީ މަރުގެ މަޅިއަކަށް މެހެވުން ކަމަށް ވެސް ފުލުހުން ބުނެއެވެ.
ހަނގުރާމައިގެ ހަމަނުޖެހުންތަކުގެ ތެރޭގައި އޮތް ގައުމަކަށް، މި ކިނބޫތަކުގެ ބިރުވެރިކަމަކީ އިތުރު އުނދަގުލެކެވެ. މިއީ ހަމައެކަނި ޖަނަވާރުންގެ ހަމަލާތަކެއް ނޫނެވެ. މިއީ ސޫދާނުގެ ރައްޔިތުންނަށް ދިމާވެފައިވާ އިތުރު ހިތްދަތި އަދި ބިރުވެރި ހާލަތެކެވެ.







