ޙަމީދަތީއާއި އޭނާގެ ދެ ކޮއްކޮގެ މައްޗަށް މަރުގެ ޙުކުމް އިއްވައިފި

ދައުލަތުގެ މުހިންމު މުއައްސަސާތައް ލޫޓުވައި، ގެއްލުންދީ ސުންނާފަތިކުރުމުގެ ކުށް ސާބިތުވުމާ ގުޅިގެން، ސޫދާނުގެ ރެޕިޑް ސަޕޯޓް ފޯސަސް (އާރް.އެސް.އެފް) ގެ ކޮމާންޑަރު މުޙައްމަދު ޙަމްދާން ދަޤްލޫ (ޙަމީދަތީ) އާއި އޭނާގެ ދެ ކޮއްކޮ ކަމަށްވާ ޢަބްދުއްރަޙީމް އަދި އަލްޤޫނީގެ މައްޗަށް ސޫދާނުގެ ކޯޓަކުން ބުދަ ދުވަހު ޣައިރު ޙާޟިރުގައި މަރުގެ ޙުކުމް އިއްވައިފިއެވެ. ޕޯޓް ސޫދާނުގައި ޤާއިމުކޮށްފައިވާ ޓެރަރިޒަމާއި ދައުލަތާ ދެކޮޅަށް ހިންގާ ކުށްތައް ބަލާ ޚާއްސަ ކޯޓުން އިއްވި މި ޙުކުމަކީ، ފާއިތުވި މަސްތަކެއްގެ ތެރޭގައި ޙަމީދަތީގެ މައްޗަށް އިއްވި މިފަދަ ދެވަނަ ޙުކުމެވެ.

ކޯޓުގެ މި ނިންމުމުގައި ޙަމީދަތީއާއި އޭނާގެ ދެ ކޮއްކޮގެ އިތުރުން، އާރް.އެސް.އެފްގެ އިސް 11 ވެރިއަކު ދަންޖައްސައިގެން މެރުމަށް ވަނީ ޙުކުމްކޮށްފައެވެ. މި އެންމެންގެ މައްޗަށް ކުށް ސާބިތުވެފައިވަނީ ސޫދާނުގެ ވެރިރަށް ޚަރްޠޫމުގައި ހުންނަ ޤައުމީ ބޭސްފަރުވާގެ ސާމާނު ރައްކާކުރާ ފަންޑުގެ އިމާރާތްތައް ލޫޓުވައި، އެތަނުގެ ވަސީލަތްތަކާއި މުދާތައް ހަލާކުކޮށް ސުންނާފަތިކޮށްލުމުގެ މައްސަލައިގައެވެ.

މަރުގެ ޙުކުމުގެ އިތުރުން، މި ހާދިސާގެ ސަބަބުން ދައުލަތަށް ލިބުނު މާލީ ގެއްލުންތަކުގެ ބަދަލުގެ ގޮތުގައި 396 މިލިއަން އެމެރިކާ ޑޮލަރަށްވުރެ ގިނަ ފައިސާ ދެއްކުމަށް ކުށްވެރިންގެ މައްޗަށް ކޯޓުން ވަނީ އަމުރުކޮށްފައެވެ. އަދި ކޮންމެ ކުށްވެރިއަކު 100 މިލިއަން ސޫދާނީ ޕައުންޑް (ގާތްގަނޑަކަށް 10,000 ޑޮލަރު) އިން ޖޫރިމަނާކުރުމަށާއި، އެ މީހުންގެ ނަޤުދު ފައިސާއާއި، އުފުލޭ މުދަލާއި ނުއުފުލޭ މުދާތައް ސޫދާން ސަރުކާރަށް ނެގުމަށްވެސް ކޯޓުން ވަނީ ޙުކުމްކޮށްފައެވެ. މީގެ އިތުރުން، ކުށްވެރިންގެ ރަށްވެހިކަން ބާޠިލުކުރުމަށް ސޫދާނުގެ އިސްތިގްލާލީ ކައުންސިލަށް އަންގައި އަދި އެ މީހުންގެ ޕާސްޕޯޓުތައް ކެންސަލްކުރުމަށް ދާޚިލީ ވުޒާރާއަށް ކޯޓުން ވަނީ ލަފާދީފައެވެ.

ޙަމީދަތީއާއި އޭނާގެ ދެ ކޮއްކޮއާ އެކު މި މައްސަލައިގައި މަރުގެ ޙުކުމް އިއްވި އާރް.އެސް.އެފްގެ 11 އިސް ވެރިންނަކީ، އައްތިޖާނީ މުޙައްމަދު ޙާމިދު، ޢިޞާމުއްދީން ޞާލިޙް ފަޟީލް، އިދްރީސް ޙަސަން އިބްރާހީމް ހާރޫން، ޙަސަން މަޙްޖޫބު އަލްފާޟިލް، އިދްރީސް މުދައްލަލް ޤަރީނާތު، އަބްޝަރު ޖިބްރީލް ބަލާޔިލް، އައްތާޖު އައްތިޖާނީ ޢަބްދުﷲ، އަޙްމަދު ބަރަކާތުﷲ ޢަބްދުﷲ، ޚާލިދު ނޫރުއްދާއިމް ޢުމަރު، ޙާމިދު މޫސާ ޢިނާދު އަދި އާދަމް އަބޫ ޝަނަބް ޙަމްދީނެވެ.

ޖުލައި މަހުގެ ތެރޭގައިވެސް ސޫދާނުގެ ކޯޓަކުން ވަނީ ހުޅަނގު ދާރްފޫރުގެ ކުރީގެ ގަވަރުނަރު ޚަމީސް ޢަބްދުﷲ އަބަކަރު އަވަހާރަކޮށްލުމާއި ހަނގުރާމައިގެ ޖަރީމާތައް ހިންގުމުގެ ކުށުގައި، ޙަމީދަތީއާއި އޭނާގެ ކޮއްކޮ ޢަބްދުއްރަޙީމް ދަޤްލޫގެ އިތުރުން އެ ޖަމާޢަތުގެ އެހެން ބައެއް އިސްވެރިންގެ މައްޗަށް ޣައިރު ޙާޟިރުގައި ދަންޖައްސައިގެން މެރުމަށް ޙުކުމްކޮށްފައެވެ.

2023 ވަނަ އަހަރުގެ އޭޕްރީލް މަހުން ފެށިގެން ސޫދާނުގެ އިސްތިގްލާލީ ކައުންސިލްގެ ރައީސް ޖެނެރަލް ޢަބްދުލްފައްތާޙް އަލްބުރްހާން އިސްވެ ހުންނަވާ ސޫދާނުގެ ސިފައިންނާއި، ޙަމީދަތީގެ ކޮމާންޑަރުކަމުގެ ދަށުން ހަރަކާތްތެރިވާ ރެޕިޑް ސަޕޯޓް ފޯސަސްއާ ދެމެދު ހިނގަމުންދާ ދާޚިލީ ހަނގުރާމައިގައި އެ ޤައުމުގެ ހާލަތު ވަނީ ގޯސްވެފައެވެ. އދ ގެ އަންދާޒާތައް ދައްކާގޮތުން، މި ހަނގުރާމައިގައި މިހާތަނަށް އެތައް ހާސް ބަޔަކު މަރުވެފައިވާއިރު، 13 މިލިއަނެއްހާ މީހުން ވަނީ ގެދޮރު ދޫކޮށް ރެފިއުޖީންގެ ގޮތުގައި އެކި ސަރަޙައްދުތަކަށް ހިޖުރަކުރަން މަޖުބޫރުވެފައެވެ.

ހިއްސާ ކުރައްވާ!