އެމެރިކާއިން "ހަނގުރާމައިގެ ހުޅު ރޯކުރުން" ކުރިއަށްގެންދާނަމަ، ހުރުމުޒު ކަނޑުއޮޅިއާއި އިސްތިރާޖީ ގޮތުން މުހިންމު އެހެން ކަނޑުގެ މަގުތައް އިތުރަށް ބަންދުކުރާނެކަމުގެ އިންޒާރު އީރާނުގެ ސުޕްރީމް ނޭޝަނަލް ސެކިއުރިޓީ ކައުންސިލްގެ ސެކްރެޓަރީ ޖެނެރަލް މުޙައްމަދު ބާޤިރު ޛުލްޤަދަރު ދެއްވައިފިއެވެ.
ޛުލްޤަދަރު މީޑިއާގައި ހިއްސާކުރެއްވި މެސެޖެއްގައި ވިދާޅުވީ، ކަނޑުގެ މަގުތައް ހިސާރުކުރުމާއި އެމެރިކާއިން ހަނގުރާމަ ފުޅާކުރުމަށް ކުރާ މަސައްކަތްތަކުގެ ސަބަބުން ހުރުމުޒު ކަނޑުއޮޅިއާއި އެހެނިހެން ރައްކާތެރި މަގުތައް މުޅިން ބަންދުކުރަން ޖެހިދާނެ ކަމަށެވެ. އަދި މީގެ ބަދަލު ދައްކަންޖެހޭނީ ދުނިޔޭގެ އިގްތިސާދާއި، ހަކަތައިގެ ބާޒާރާއި، އެމެރިކާގެ ވޯޓުލާމީހުން ކަމަށްވެސް އޭނާ ފާހަގަކުރެއްވިއެވެ.
މި އިންޒާރު އައިސްފައިވަނީ، އީރާނު އިނދެޖައްސާލުމަށް މަޖުބޫރުކުރުވުމުގެ މަގުސަދުގައި އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް އީރާނަށް އާ އަސްކަރީ ހަމަލާތަކެއް ދިނުމަށް އަމުރުކުރައްވާފައިވާ ކަމަށް "ވޯލް ސްޓްރީޓް ޖާނަލް" އިން އެމެރިކާގެ މަސްއޫލުވެރިންނާ ހަވާލާދީ ރިޕޯޓުކޮށްފައިވާ ދަނޑިވަޅެއްގައެވެ.
މީގެއިތުރުން، އީރާނުގެ ޚާރިޖީ ވަޒީރު އަައްބާސް އަރާގްޗީ ވަނީ އިނގިރޭސިވިލާތުގެ ޚާރިޖީ ވަޒީރު އެޑް މިލިބޭންޑް އާއެކު ބޭއްވި ބައްދަލުވުމެއްގައި، ހުރުމުޒު ކަނޑުއޮޅީގައި އުޅަނދުފަހަރު ދަތުރުފަތުރުކުރުން ބެލެހެއްޓުމަށްޓަކައި އޮމާންއާއެކު މަސައްކަތްކުރުމަށް އީރާނުން ތައްޔާރަށް އޮތްކަން ހާމަކުރައްވާފައެވެ. ނަމަވެސް، ތިންވަނަ ފަރާތަކުން މީގެ ތެރެއަށް ވަދެ ހުރަސްއަޅައިފިނަމަ ހާލަތު އިތުރަށް ގޯސްވެގެންދާނެކަމުގެ އިންޒާރު އޭނާ ދެއްވިއެވެ.
މެދުއިރުމަތީގައި ހިނގަމުންދާ ހަނގުރާމައިގެ ސަބަބުން ޖުލައި މަހުގެ ނިޔަލަށް ޔޫރަޕްގައި ގޭހުގެ އަގު ވަނީ ކުރީ އަހަރުގެ އެ މުއްދަތާ އަޅާބަލާއިރު 1.5 ގުނައަށް އުފުލި، 1,000 ކިއުބިކް މީޓަރަށް 637 ޑޮލަރަށް އަރާފައެވެ. ދުނިޔޭގެ ތެލާއި ގޭހުގެ ސަޕްލައިގެ ފަސްބައިކުޅައެކުބައި ދަތުރުކުރާ ހުރުމުޒު ކަނޑުއޮޅި ބަންދުކުރުމުގެ ސަބަބުން ތެލުގެ ސަޕްލައިއަށް ބުރޫއަރައި، ޔޫރަޕާއި އޭޝިއާގެ ބާޒާރުތަކުގައި ތެލުގެ އަގުތައް ވަނީ އިންތިހާއަށް އުފުލިގެން ގޮސްފައެވެ.





