މޮރޮކޯއިން ބުނަނީ ސަބްތާގެ ހިޖުރަވެރިންގެ މައްސަލައިގެ އަޑީގައި ތިބީ ޔަހޫދީންކަމަށް

ސްޕެއިންގެ ސަބްތާ ސިޓީއަށް ކުރިމަތިވެފައިވާ ހިޖުރަ ވެރިންގެ ކާރިސާ ވަނީ ސިޔާސީ އަދި ޑިޕްލޮމެޓިކް ބޮޑު މައްސަލައަކަށް ބަދަލުވެފައެވެ. މި މައްސަލަ ހަމައެކަނި ބޯޑަރު ހުރަސް ކުރުމުގެ ކަމަކަށް އޮތުމުގެ ބަދަލުގައި، މިހާރު ވަނީ އިޒްރޭލާއި މޮރޮކޯއާ ދެމެދު އުފެދިފައިވާ ޚިޔާލު ތަފާތުވުމަކަށް ބަދަލުވެފައެވެ.

60 ހާސް މީހުން ހުރަސްކުރި

ފާއިތުވި ދުވަސްތަކުގައި މޮރޮކޯއިން ސްޕެއިންގެ ސަބްތާއަށް ގާތްގަނޑަކަށް 60 ހާސް މީހުން ހުރަސްކޮށްފައިވެއެވެ. ސްޕެއިންގެ އިންޓީރިއާ މިނިސްޓްރީން ބުނާ ގޮތުގައި، އޭގެ ތެރެއިން މަދުވެގެން 48،300 މީހުން ވަނީ އަނބުރާ މޮރޮކޯއަށް ގޮސްފައެވެ. އަދި މި ދަތުރުގެ ތެރޭގައި މަދުވެގެން 57 މީހަކު ވަނީ މަރުވެފައެވެ.

ސްޕެއިންގެ ބޮޑުވަޒީރު ޕެޑްރޯ ސަންޗޭޒް މި ހާދިސާ ސިފަކުރެއްވީ "ސްޕެއިންގެ ސަރަހައްދީ އެއްބައިވަންތަކަމަށް ދިން ހަމަލާއެއް" ގެ ގޮތުގައެވެ. އޭނާ ވިދާޅުވީ، ކަނޑުމަގުން އަންނަ ހިޖުރަވެރިން އަނބުރާ ނުފޮނުވޭނެ ކަމަށް އެގައުމުގެ ސުޕްރީމް ކޯޓުން ކުރި ހުކުމަކީ ހިޖުރަވެރިންނަށް އޮޅުންއަރާ ގޮތަށް މީހުން ވަގަށް ގެންނަ މާފިއާތަކުން ބޭނުންކުރި ބަހަނާއެއް ކަމަށެވެ.

އިޒްރޭލުން މި ކާރިސާގެ ބޭނުން ހިފަނީ

މި ކާރިސާގެ ތެރޭގައި، އދ. ގައި ހުންނަ އިޒްރޭލުގެ ދާއިމީ މަންދޫބު އާއި ސްޕެއިންގެ ޓްރާންސްޕޯޓް މިނިސްޓަރު އޮސްކާ ޕުއެންޓޭ ސޯޝަލް މީޑިއާގައި ޒުވާބެއް ހިންގައި ފިއެވެ. ސްޕެއިން ވަނީ މި ކަމުގައި ޔަހޫދީ ރެޖީމުގެ އަތެއް އޮތް ކަމަށް ބުނެފައެވެ.

ޔަހޫދީ ދާއިމީ މަންދޫބު ވަނީ ސަންޗޭޒްގެ ސިޔާސަތުތަކަށް ފާޑު ކިޔައި، "އެކްސް" ޕްލެޓްފޯމުގައި ސްޕެއިންއާ ދެކޮޅަށް ޕޯސްޓްތައް ކޮށްފައެވެ. "އިޒްރޭލަށް ނަސޭހަތް ދިނުމުގެ ފުރުސަތެއް ސްޕެއިނުން ދުލެއް ނުކުރޭ. ނަމަވެސް އެގައުމުގެ ހިޖުރަ ވެރިންގެ ސިޔާސަތުގެ ސަބަބުން ސަބްތާގައި ކުއްލި ހާލަތު އިއުލާންކުރަން ޖެހުމަކީ ހައިރާންވާންޖެހޭ ކަމެއް." ޔަހޫދީ މަންދޫބު އިތުރަށް ބުނީ، އެފްރިކާގައި ސްޕެއިން ސަރުކާރުން ހިފަހައްޓައިގެން އުޅޭ އިސްތިއުމާރީ ބިންކޮޅުތައް ސްޕެއިނަށް ބޭނުންވަނީ ކީއްވެތޯ ސަންޗޭޒް ވިސްނަންޖެހޭ ކަމަށެވެ.

މޮރޮކޯގެ ރައްދު

ޔަހޫދީ މަންދޫބުގެ ވާހަކަތަކާ ގުޅިގެން މޮރޮކޯގެ މީޑިއާ ބުނެފައިވަނީ، އިޒްރޭލުން މި ކާރިސާ ބޭނުންކުރަނީ ސްޕެއިނާ އޮތް ޒާތީ މައްސަލަތަކަށް މޮރޮކޯ ވައްދަން ކަމަށެވެ.

ސަބްތާ އާއި މެލީލާއަކީ އެފްރިކާގައި އޮންނަ ސްޕެއިންގެ ދެ ސަރަހައްދެވެ. މިއީ ޔޫރަޕިއަން ޔޫނިއަނާއި އެފްރިކާ ގުޅޭ ހަމައެކަނި އެއްގަމު ބޯޑަރެވެ. މީގެ ކުރިން 2021 ވަނަ އަހަރުގެ މެއި މަހުވެސް ދެ ދުވަހުގެ ތެރޭގައި 8،000 އަށްވުރެ ގިނަ މީހުން މި ސަރަހައްދުތަކަށް ވަދެފައިވެއެވެ.

ހިއްސާ ކުރައްވާ!