ކަޝްމީރުގެ ޑިމޮކްރެޓިކް މައްސަލަތަކަށް ހުޅަނގުން ލޯ މަރާލައިފި

ހުޅަނގުގެ ގައުމުތަކުން ޑިމޮކްރެސީއާއި އިންސާނީ ހައްގުތަކުގެ ވާހަކަ ދެއްކި ނަމަވެސް، ކަޝްމީރުގެ މައްސަލާގައި އެ ގައުމުތަކުން ގެންގުޅޭ ދެފުށް ދެގޮތް ސިޔާސަތު މިހާރު ދުނިޔޭގެ ސިޔާސީ މަސްރަހުގައި ބޮޑު ބަހުސަކަށް ވަނީ ވެފައެވެ.

ޚާއްސަކޮށް، ޕާކިސްތާނުގެ ބާރުގެ ދަށުގައި އޮތް ކަޝްމީރުގެ ސަރަހައްދުގައި ހިނގަމުންދާ ޑިމޮކްރެޓިކް އުސޫލުތަކާ ޚިލާފް ފިޔަވަޅުތަކާއި، އިންސާނީ ހައްގުތައް ނިގުޅައިގަތުމުގެ އަމަލުތަކަށް ހުޅަނގުން މާބޮޑު ސަމާލުކަމެއް ނުދޭކަމަށް ސިޔާސީ މާހިރުން ދެކެއެވެ.

މީގެ މައިގަނޑު ސަބަބަކީ، މިހާރު ކުރިމަތިވެފައިވާ އީރާނުގެ މައްސަލައާއި އެހެނިހެން ޖިއޮޕޮލިޓިކަލް މައްސަލަތަކުގައި މެދުވެރިއެއްގެ ދައުރު އަދާކުރުމަށް ޕާކިސްތާނުން ކުރަމުންދާ މަސަްކަތުގައި ޕާކިސްތާނުގެ އެހީތެރިކަމާއި، ޖާސޫސީ މައުލޫމާތާއި އަދި ޖިއޮގްރަފީގެ ގޮތުން އެ ގައުމު އޮތް މަގާމަކީ ހުޅަނގަށް ވަރަށް މުހިންމު ކަމަކަށް ވުމެވެ.

މިފަދަ ޚާއްސަ އިސްތިސްނާގެ ސަބަބުން، ޕާކިސްތާނުގެ ވެރިންނަށް އެމީހުންގެ ދާޚިލީ މައްސަލަތަކުގައި ބައިނަލްއަގްވާމީ ޕްރެޝަރެއް ނެތި ކުރިއަށް ދެވޭނެކަމުގެ ޔަގީންކަން ލިބެއެވެ. ޕާކިސްތާނުގެ ބާރުގެ ދަށުގައި އޮތް ކަޝްމީރުގައި ބޭއްވި ފަހުގެ އިންތިޚާބުތަކަށް ބަލާއިރު، ޕީޕަލްސް ޕާޓީން ވަނީ ވެރިކަން ކުރާ މުސްލިމު ލީގު ނަވާޒް އިން ވޯޓު އޮޅުވާލުމާއި، އިދިކޮޅު ފަރާތްތަކަށް ބިރުދެއްކުމާއި، ސިޔާސީ އެކްޓިވިސްޓުން ހައްޔަރުކުރުން ފަދަ ކަންކަން ހިންގާފައިވާ ކަމަށް ބުނެފައެވެ. ނަމަވެސް މިކަމާމެދު ހުޅަނގުން ހިމޭނުން ތިބުން، ނުވަތަ މާބޮޑު ކަންބޮޑުވުމެއް ނުފާޅުކުރުމަކީ ޑިމޮކްރެޓިކް ހަމަތައް ދެމެހެއްޓުމަށް ގޮވާލާ ގޮވާލުންތަކުގެ އަގު ވެއްޓޭ ކަމެކެވެ.

ތާރީޚީ ގޮތުން ބަލާއިރު، ޕާކިސްތާނަކީ އަބަދުވެސް ހުޅަނގުގެ ވަގުތީ ބައިވެރިއެއްގެ ގޮތުގައި އޮތް ގައުމެކެވެ. ފިނި ހަނގުރާމައިގެ ދުވަސްވަރުން ފެށިގެން، ޓެރަރިޒަމާ ދެކޮޅަށް ހަނގުރާމަ ކުރުމާ ހަމައަށް، ޕާކިސްތާނުގެ އަސްކަރީ ވެރިކަންތަކަށް ހުޅަނގުން ފިޔަވަޅު އެޅުމުގެ ބަދަލުގައި އެ ގައުމުގެ ސްޓްރެޓެޖިކް ބޭނުންތަކަށް އިސްކަންދިނެވެ.

މިއަދުވެސް ހަމަ މިފަދަ ހާލަތެއް ތަކުރާރުވަމުންދާއިރު، އިމްރާން ޚާން ޖަލުގައި ހުރުމާއި، މީޑިއާއަށް އޮތް ބިރުވެރިކަމާއި، ސިޔާސީ އިދިކޮޅު ފަރާތްތަކަށް ކުރިމަތިވާ ފިއްތުންތަކަކީ ޕާކިސްތާނުގެ ނިޒާމުގެ ބައެކެވެ.

ކަޝްމީރުގެ މައްސަލާގައި ޕާކިސްތާނުން ބައިނަލްއަގްވާމީ މައިދާނުގައި ދައްކާ ވާހަކަތަކުގެ ބުރަދަން ގެއްލެނީވެސް މިފަދަ ދާޚިލީ ޑިމޮކްރެޓިކް ބަލިކަށިކަމުގެ ސަބަބުންނެވެ. ހުޅަނގުގެ ސިޔާސަތުތައް ބައްޓަންކުރާ ފަރާތްތަކުން ދަނީ ޑިމޮކްރެޓިކް ހަމަތައް ގުރުބާންކޮށްގެން ސަރަހައްދީ ސަލާމަތީ ކަންކަމަށް އިސްކަސން ދެމުންނެވެ.

ހިއްސާ ކުރައްވާ!