ބަލޫޗިސްތާނާއި ކަޝްމީރު މައްސަލަ ބޮޑުވެ، ސިފައިންގެ އޮޕަރޭޝަންތައް އާސިމް މުނީރު ދިފާއުކުރައްވައިފި

ޕާކިސްތާނު އަތްދަށުގައިވާ ޖައްމޫ އެންޑް ކަޝްމީރު އާއި ބަލޫޗިސްތާނުގައި ސިފައިންނާ ދެކޮޅަށް އާންމުން ނުކުމެ މުޒާހަރާތަކެއް ކުރަމުންދަނިކޮށް، ބަލޫޗިސްތާނުގެ މަސްރަހު އޮތީ "އާދައިގެ ހާލަތެއްގައި" ކަމަށް ބުނެ ޕާކިސްތާނު ސިފައިން އެމީހުންގެ ހަރުކަށި ފިޔަވަޅުތައް ދިފާއުކޮށްފިއެވެ.

އާމީ ޗީފް އާސިމް މުނީރުގެ އިރުޝާދުގެ ދަށުން ސިފައިން ހިންގާ އޮޕަރޭޝަންތަކަށް އަމާޒުވަމުންދާ ފާޑުކިއުންތަކަށް ރައްދު ދެމުން، ޕާކިސްތާނު ސިފައިންގެ މީޑިއާ ވިންގް (އައިއެސްޕީއާރު) ގެ ޑިރެކްޓަރު ޖެނެރަލް ލެފްޓިނެންޓް ޖެނެރަލް އަހުމަދު ޝަރީފް ޗައުދުރީ ވަނީ، ބަލޫޗިސްތާނުގައި އާންމުން ބާރުވެރިކުރުމަށް ސިފައިން ސީދާ ރައްޔިތުންނާ ގުޅިގެން މަސައްކަތް ކުރާނެ ކަމަށް ވިދާޅުވެފައެވެ.

"ގާނޫނުއަސާސީއާއި ގާނޫނު ކޮންމެ ރައްޔިތަކަށް އެއްހަމައެއްގައި ހިންގުމަކީ ޕާކިސްތާނަކީ އަނިޔާވެރި ދައުލަތެއް ކަމަށް ބުނެވޭނެ ސަބަބެއް ނޫން. އަޅުގަނޑުމެންނަކީ އަނިޔާވެރި ދައުލަތެއްތޯ؟ ޖަވާބަކީ ނޫނެކޭ. އަދި އޭގެ މާނައަކީ ގައުމު ހިންގަނީ ސިފައިންނެކޭވެސް ނޫން،" އޭނާ ވިދާޅުވިއެވެ.

ބަލޫޗިސްތާނުން މީހުން ވަގަށް ނަގައި ގެއްލުވާލާ ކަމަށް ކުރެވޭ ތުހުމަތުތައް ދޮގުކުރައްވަމުން އޭނާ ވިދާޅުވީ، އެއީ ހަގީގަތާ ޚިލާފު މައުލޫމާތު ފެތުރުމުގެ ކެމްޕޭނެއް ކަމަށެވެ. އަދި ގެއްލިގެން ހުށަހެޅިފައިވާ މީހުންގެ ލިސްޓުގައި، ނިރުބަވެރިކަމާ ދެކޮޅަށް ހިންގި އޮޕަރޭޝަންތަކުގައި މަރުވެފައިވާ މީހުންވެސް ހިމެނޭ ކަމަށް އޭނާ ވިދާޅުވިއެވެ.

ހައްދުފަހަނައަޅާފައިވާ ގްރޫޕްތަކާއެކު އެއްވެސް މަޝްވަރާއެއް ނުކުރާނެ ކަމަށާއި، އޮތީ "އަމާންދިނުން ނޫނީ ހަނގުރާމަކުރުން" ކަމަށް އައިއެސްޕީއާރުން ވަނީ ބުނެފައެވެ.

ސިފައިން މިފަދަ ބަޔާނެއް ނެރެފައި މިވަނީ، ބަލޫޗިސްތާނުގެ ތުރުބަތު ސިޓީގެ ނަސީރާބާދު ކައިރިން ވަގަށް ނަގާފައިވާ ލޭބަރުންގެ ތެރެއިން ހަ މީހަކު ބަޑިޖަހައި މަރާލާފައި އޮއްވައި ފެނުނު ހާދިސާއަށް ފަހުގައެވެ. މި މީހުންނަކީ ތުރުބަތު-މަންޑް މަގުން ދަތުރުކުރަނިކޮށް ހަތިޔާރުއެޅި ގްރޫޕަކުން ވަގަށް ނެގި މީހުންނެވެ.

މި ހާދިސާތަކާއެކުވެސް، ޝާހްބާޒް ޝަރީފްގެ ސަރުކާރާއި ސިފައިންނާ ދެކޮޅަށް އާންމުން ދަނީ ބަޑީގެ ހަމަލާތަކަށް ނުބަލައި މަގުތަކަށް ނުކުމެ ނުރުހުން ފާޅުކުރަމުންނެވެ.

ހިއްސާ ކުރައްވާ!