އަފްޣާނިސްތާނަށް ދޭ ޙަމަލާތަކުގެ ފަހަތުގައި އޮތީ ހަމައެކަނި ޓީ.ޓީ.ޕީ ނޫން

އަފްޣާނިސްތާނުގެ ކުރީގެ ޑިޕްލޮމެޓެއް ކަމަށްވާ ޒަރުދަޝްތު ޝަމްސް 'އަލްޖަޒީރާ' ގައި ލިޔުއްވާފައިވާ ޚާއްޞަ މަޒުމޫނެއްގައި، ޕާކިސްތާނުން އަފްޣާނިސްތާނަށް ދެމުންދާ ޙަމަލާތަކުގެ އަޑީގައި ސިޔާސީ އަދި ޖިއޮގްރަފީގެ ގޮތުން ބޮޑެތި މަޤްޞަދުތަކެއްވާ ކަމަށް ބަޔާންކުރައްވައިފިއެވެ.

އަފްޣާނިސްތާނުގައި ހަރަކާތްތެރިވާ ތަޙްރީކޭ ޠާލިބާނޭ ޕާކިސްތާން (ޓީ.ޓީ.ޕީ) ނައްތާލުމުގެ ނަމުގައި ޕާކިސްތާނުން އަފްޣާނިސްތާނަށް ޙަމަލާތައް ދެމުންދިޔަ ނަމަވެސް، މިއީ ހަމައެކަނި އެ ޖަމާޢަތާ ދެކޮޅަށް ހިންގާ އޮޕަރޭޝަންތަކެއް ނޫން ކަމަށާއި، މީގެ ފަހަތުގައި ސަރަޙައްދީ ނުފޫޒާއި އަރައިރުންތައް އޮތް ކަމަށް އެ މަޒުމޫނުގައި ފާހަގަކޮށްފައިވެއެވެ.

2025 ވަނަ އަހަރުގެ އޮކްޓޯބަރު މަހުން ފެށިގެން ޕާކިސްތާނުން ވަނީ އަފްޣާނިސްތާނުގެ އެކި ސަރަޙައްދުތަކަށް ވައިގެ ޙަމަލާތަކެއް ދީފައެވެ. އދ. ގެ ރިޕޯޓުތައް ދައްކާ ގޮތުން، މިއަހަރުގެ މާރިޗު 16 ގައި ކާބުލްގައި ހުންނަ މަސްތުވާތަކެތިން ފަރުވާދޭ މަރުކަޒަކަށް ދިން ޙަމަލާއެއްގައި 269 އާންމުން މަރުވެ، 122 މީހުންނަށް ވަނީ އަނިޔާވެފައެވެ. އެމްނެސްޓީ އިންޓަރނޭޝަނަލް އިން ވަނީ މި ޙަމަލާއަކީ ހަނގުރާމައިގެ ޖަރީމާއެއްގެ ގޮތުގައި ބަލައި ތަޙުޤީޤުކުރުމަށް ގޮވާލާފައެވެ.

ޓީ.ޓީ.ޕީ އަކީ ޕާކިސްތާނުގެ އަމިއްލަ މައްސަލައެއް

މަޒުމޫނުގައި ބަޔާންކޮށްފައިވާ ގޮތުގައި ޓީ.ޓީ.ޕީ އަކީ އަފްޣާނިސްތާނުގެ ބިމުން އުފެދުނު ބައެއް ނޫނެވެ. އޭގެ އަސްލު ވަނީ ޕާކިސްތާނުގެ އެތެރެއާ ގުޅިފައެވެ. ޕާކިސްތާނުގެ ސިފައިން މީގެ ކުރިން ވަނީ ވަކި ޚާއްޞަ  ހަނގުރާމަވެރި ގްރޫޕްތަކަކަށް އެހީތެރިވެފައެވެ. އަފްޣާނިސްތާނުގެ ކުރީގެ ސަރުކާރު ނައްތާލުމަށް ޕާކިސްތާނުން ގެންގުޅުނު ސިޔާސަތުގެ ސަބަބުން، އެ ޤައުމުގައި މިފަދަ ހަރުކަށި ފިކުރުތައް ވަނީ އަލިފާންހިފާފައެވެ.

ޕާކިސްތާނުގެ އަސްލު މަޤްޞަދު

ޕާކިސްތާނުގެ ކުރީގެ ސްޓްރެޓަޖީއެއް ކަމަށްވާ 'ސްޓްރެޓެޖިކް ޑެޕްތް' އެއީ، އިންޑިއާއާ ހަނގުރާމަކުރުމަށްޓަކައި އަފްޣާނިސްތާނުގައި އެކުވެރި ސަރުކާރެއް ބޭއްވުން ފަދަ ވިސްނުން މިހާރު ބަދަލުވެފައިވަނީ 'ސްޓްރެޓެޖިކް ޑޮމިނަންސް' އަދި އަފްޣާނިސްތާނަކީ މުސްތަޤިއްލު ޤައުމެއްގެ ގޮތުގައި ނުދެކި، ޕާކިސްތާނުގެ ސަލާމަތީ އިމުގެ ތެރޭގައި އޮންނަންޖެހޭ ތަނެއްގެ ވިސނުމަށް ބަދަލުވެފައެވެ.

އަފްޣާނިސްތާނުން އިންޑިއާއާ އެކު އާދައިގެ ޑިޕްލޮމެޓިކް ގުޅުންތައް ބޭއްވި ނަމަވެސް، ޕާކިސްތާނުން ދެކެނީ އެއީ އެ ޤައުމުގެ 'ރަތް ރޮނގު' ހުރަސްކުރުން ކަމަށެވެ. އަދި ޕާކިސްތާނުން ބޭނުންވަނީ އަފްޣާނިސްތާނަށް ފުރިހަމައަށް ނުފޫޒު ފޯރުވައިގެން، ސަރަޙައްދީ ކަންކަމުގައި އެ ޤައުމު ކޮންޓްރޯލު ވަރުގަދަ ކުރަން ކަމަށް ލިޔުންތެރިޔާ ވިދާޅުވެފައިވެއެވެ.

ޕާކިސްތާނުގެ އެތެރޭގައި އުފެދިފައިވާ ޓީ.ޓީ.ޕީ އާއި ޤައުމީ އެކި މައްސަލަތައް ޙައްލުކުރުމުގެ ބަދަލުގައި، އަފްޣާނިސްތާނަށް އަސްކަރީ ޙަމަލާތައް ދިނުމަކުން މައްސަލައަށް ޙައްލެއް ނުލިބޭނެ ކަމަށް ޒަރުދަޝްތު ޝަމްސް ލިޔުއްވައެވެ. އަދި ޕާކިސްތާނުން ޖެހޭނީ ބޭރުގެ ޤައުމުތަކާއި އަފްޣާނިސްތާނަށް ކަންކަން ނުޖަހައި، އަމިއްލަ ޤައުމުގެ ސިޔާސީ އަދި އެތެރޭގެ މައްސަލަތަކަށް ސިޔާސީ މަޝްވަރާތައް މެދުވެރިކޮށް ޙައްލު ހޯދަން ކަމަށް ލިޔުއްވައެވެ.

ހިއްސާ ކުރައްވާ!