ޕާކިސްތާނު އޮތީ އިންޑިއާއިން ފިލާވަޅު ލިބިގަންނަންޖެހޭ ހިސާބެއްގައި: އިމްރާން ޚާންގެ ދައްތަ

ޕާކިސްތާނުގެ ކުރީގެ ބޮޑުވަޒީރު އިމްރާން ޚާންގެ ދައްތަ، ނުރީން ޚާން ނިޔާޒީ ވިދާޅުވި ވާހަކަތަކާ ގުޅިގެން ޕާކިސްތަންގެ ސިޔާސީ ފަރާތްތަކުގެ މެދުގައި ބޮޑު ބަހުސެއް އުފެދިފައި ވެއެވެ.

ޖަލުގައި ހުންނެވި އޭނާގެ ބޭބެ މިނިވަންކުރުމަށް އެކި ފޯރަމްތަކުގައި އަޑުއުފުއްލަވަމުން ގެންދަވާ ނުރީން ވަނީ، ޕާކިސްތާނުގެ ސަރުކާރުން އާންމުންގެ އިހުތިޖާޖުތަކާ މެދު އަމަލުކުރާ ގޮތާ މެދު ފާޑުކިޔައި، އިންޑިއާއިން ފިލާވަޅު ލިބިގަތުމަށް ގޮވާލާފައެވެ.

އިންޓަވިއުއެއްގައި ވާހަކދައްކަވަމުން ނުރީން ވިދާޅުވެފައިވަނީ، އިންޑިއާގައި ކިޔަވާ ކުދިންނާއި އާންމުން މަގުތަކަށް ނުކުމެ އިހުތިޖާޖުކުރުމުން އެ ޤައުމުގެ ސަރުކާރުން އެ މީހުންގެ އަޑުއަހައި ކަންކަން ރަނގަޅުކުރަން މަސައްކަތްކުރާ ކަމަށެވެ. ނަމަވެސް ޕާކިސްތާނުގައި އިހުތިޖާޖުކުރުމުން ކުރާހާވެސް ކަމަކީ މީހުން ހައްޔަރުކޮށް ޖަލަށްލުން ކަމަށް އޭނާ ފާހަގަކުރިއެވެ. އަދި ޑިމޮކްރެޓިކް ހަމަތަކުގެ މަތިން ރައްޔިތުންގެ އަޑުއެހުމުގައި އިންޑިއާއިން ގެންގުޅޭ ސިޔާސަތުތަކަށް އޭނާ ނުސީދާގޮތުން ތައުރީފު ކުރައްވާފައިވެއެވެ.

މި ވާހަކަތަކާ ގުޅިގެން ޕާކިސްތާނުގެ ސަރުކާރުގެ އިސްވެރިންނާއި އިދާރާތަކުން ވަނީ ވަރަށް ބޮޑަށް ނުރުހުން ފާޅުކޮށްފައެވެ. ޚާއްޞަކޮށް ޤައުމީ ސަލާމަތާއި ސިފައިންނާ ބެހޭގޮތުން އޭނާ ދެއްކެވި ބައެއް ވާހަކަތަކާ ގުޅިގެން، ޕާކިސްތާނުގެ ނޭޝަނަލް ސައިބަރ ކްރައިމް އިންވެސްޓިގޭޝަން އެޖެންސީ (އެން.ސީ.ސީ.އައި.އޭ) އިން ވަނީ އޭނާއާ ދެކޮޅަށް މައްސަލަ ބަލައި, ސައިބަރ ކްރައިމް ޤާނޫނުގެ ދަށުން ދަޢުވާ އުފުލާފައެވެ.

މި ކަމުގެ ސަބަބުން ޕާކިސްތާނުގެ ސިޔާސީ މަސްރަޙުގައި ސަރުކާރާއި އިދިކޮޅު ފަރާތްތަކާ ދެމެދު އޮތް ނުތަނަވަސްކަން އިތުރަށް ބޮޑުވެފައިވާއިރު، ރައްޔިތުންގެ ހައްޤުތަކާއި ސަރުކާރުގެ ޒިންމާދާރުކަމާ މެދު ބޮޑެތި ބަުހުސްތަކެއް ވަނީ ފެށިފައެވެ.

ހިއްސާ ކުރައްވާ!